ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވެބްސައިޓްތައް ހިންގުމަށް އެންމެ އާންމުކޮށް ބޭނުންކުރާ ޕްރޮގްރާމިން ލެންގުއޭޖް ކަމަށްވާ 'ޕީއެޗްޕީ' ގެ ކޯޑުތަކުގެ ތެރެއިން އިންތިހާއަށް ނުރައްކާތެރި ސެކިއުރިޓީ މައްސަލަތަކެއް ފެނުމާ ގުޅިގެން، ރާއްޖޭގެ ވެބްސައިޓްތަކުގެ ރައްކާތެރިކަން ވަރުގަދަކުރުމަށް ދިވެހި ފުލުހުންނާއި ނެޝަނަލް ސައިބާ ސެކިއުރިޓީ އެޖެންސީން އިލްތިމާސްކޮށްފިއެވެ.
ފުލުހުން ބުނީ މި މަހުގެ 21 ވަނަ ދުވަހު ފެންމަތިވި މި މައްސަލައަކީ "ޕީއެޗްޕީ 2 ޝެލް" ގެ ނަމުން ނަންދެވިފައިވާ، ސީރިއަސް މައްސަލައެއް ކަމަށެވެ. ޓެކްނޮލޮޖީގެ ދާއިރާގައި ނުރައްކާތެރިކަން މިންކުރާ ބައިނަލްއަގުވާމީ މިންގަނޑު ކަމަށްވާ 'ސީވީއެސްއެސް' އިން މި މައްސަލައަށް 9.2 ގެ 'ކްރިޓިކަލް' ރޭޓިންގެއް ދީފައިވާއިރު، މިއީ ހެކަރުންނަށް ފަސޭހަކަމާއެކު ސިސްޓަމްތަކަށް ވާސިލުވެވޭނެ ދޮރެކެވެ.
މި މައްސަލައިގެ ސަބަބުން، ސިސްޓަމްގެ އެއްވެސް ޔޫޒަނޭމެއް ނުވަތަ ޕާސްވޯޑެއް ނެތިވެސް ވެބްސައިޓްތައް ހިންގާ ސާވަރުތަކަށް ނުފޫޒު ފޯރުވައި، އެ ތަންތަނުގެ ކޮންޓްރޯލް ހެކަރުންގެ އަތްދަށަށް ގެންދިއުމުގެ ފުރުސަތު އޮވެއެވެ. އަދި މި މި ވަލްނެރަބިލިޓީގެ ބޭނުން ހިފައިގެން ހެކަރުން މިހާރުވެސް ހަމަލާތައް ދޭން މަސައްކަތް ކުރަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށްވެސް ފުލުހުން ހާމަކުރެއެވެ.
އޮންލައިންކޮށް ދޭ ހިދުމަތްތައް ހުއްޓުމަކަށް އައުމާއި، މުހިންމު ޒާތީ އަދި ސިއްރު މައުލޫމާތުތައް ވަގަށް ނެގުމުގެ ފުރުސަތު ބޮޑުވެފައިވާތީ، ވޯޑްޕްރެސް އަދި ޕީއެޗްޕީ ބޭނުންކޮށްގެން ހިންގާ ވެބްސައިޓްތައް ރައްކާތެރިކުރުމަށް އަވަސް ފިޔަވަޅުތަކެއް އެޅުމަށް ވަނީ އަންގާފައެވެ.
އެގޮތުން، ޕީއެޗްޕީގެ އެންމެ ފަހުގެ އަޕްޑޭޓްތައް ކަމުގައިވާ ވާޝަން 8.2.35، 8.3.36، 8.4.27 ނުވަތަ 8.5.12 އަދި އޭގެ ފަހުގެ ވާޝަންތަކަށް ވަގުތުން ސޮފްޓްވެއާ ބަދަލުކުރުމަށް ފުލުހުން ވަނީ އެދިފައެވެ. މީގެއިތުރުން ސާވަރުތަކުގެ ސެކިއުރިޓީ ކަށަވަރުކުރުމަށް އައިޓީ މާހިރުންގެ އެހީތެރިކަން ހޯދުމަށާއި، ސިސްޓަމްތަކަށް އަންނަ ބަދަލުތައް ގާތުން މޮނިޓާ ކުރުމަށްވެސް އިރުޝާދު ދީފައިވެއެވެ.
ފުލުހުން އިތުރަށް ބުނީ، އެއްވެސް ފަރާތެއްގެ ސިސްޓަމަކަށް ހުއްދަނެތި ވަދެފައިވާކަމުގެ ޝައްކެއް ވެއްޖެނަމަ، އިތުރު ގެއްލުންވިޔަ ނުދިނުމަށްޓަކައި ވަގުތުން އެ ސިސްޓަމެއް އިންޓަނެޓުން ނުވަތަ ނެޓްވޯކުން ވަކިކުރުމަށްފަހު، ހެކިތައް ރައްކާތެރިކޮށް ފުލުހުންގެ ސައިބާ ކްރައިމް ސެންޓަރަށް ރިޕޯޓްކުރުމަށް އެދޭ ކަމަށެވެ.
