ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި އެކި އަތޮޅުތަކުގެ ރަށްރަށަށް ބޯކޮށް ވާރޭވެހި، މަގުތަކުގައްޔާއި މީހުން ދިރިއުޅޭ ގެތަކުގައި ފެންބޮޑުވަމުންދާތީ، އާންމު ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގައްޔާއި ފެންހިންދުމުގެ މަސައްކަތުގައި ކައުންސިލްތަކާއި އެހެނިހެން މުއައްސަސާތަކާ ގުޅިގެން ފުލުހުން ހަރަކާތްތެރިވާން ފަށައިފިއެވެ.
ފުލުހުން ބުނީ ހދ. އަތޮޅާއި، ނ. އަތޮޅާއި، ބ. އަތޮޅު އަދި ޅ. އަތޮޅުގެ ރަށްތަކެއްގައި ފެންބޮޑުވެގެން ރިޕޯޓުކުރުމާ ގުޅިގެން ފުލުހުން ދަނީ އެ ރަށްރަށުގައި މެދުކެނޑުމެއްނެތި އެހީތެރިކަން ފޯރުކޮށްދެމުންކަމަށެވެ.
އެގޮތުން ވިއްސާރައިގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވާ އެއް ސަރަހައްދަކީ ހދ. އަތޮޅުކަމަށާއި، އެ އަތޮޅު ނޮޅިވަރަމުގެ 20 ގެއަކަށް ފެންވަދެ ގެއްލުންތައް ލިބުމާ ގުޅިގެން ފުލުހުން އެހީތެރިކަން ފޯރުކޮށްދީފައިވާކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ. ފުލުހުން ބުނީ އެރަށުގައި ހާލަތު މާބޮޑަށް ގޯސްވި ތިން ގެއެއްގެ މީހުން ވަނީ ރައްކާތެރި އެހެން ގެތަކަށް ބަދަލުކޮށްފައިކަމަށެވެ.
އަދި މަގުތަކުން ފެންހިންދުމަށް މިހާތަނަށް ހަތަރު ކޯރު ކަނޑާފައިވާއިރު، ފަސްވަނަ ކޯރު ކެނޑުމުގެ މަސައްކަތް ކުރަމުންދާކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.
ހދ. ނޭކުރެންދޫގެ ތިން ގެއަކަށާއި ފިހާރައަކަށް ފެންވަދެފައިވާތީ އެ ތަންތަނުގައި ވެލިބަސްތާ ޖަހައި ފުލުހުން ވަނީ ރައްކާތެރިކަން ފޯރުކޮށްދީފައިކަމަށާއި، ހދ. ކުމުންދޫ ގެއަކަށް ފެންވަދެ ހިފާގެންގުޅޭ ބައެއް ތަކެއްޗަށް ގެއްލުންވެފައިވާއިރު، އެ ރަށު ކައުންސިލާ ގުޅިގެން މަގުމަތިން ފެންހިންދުމުގެ މަސައްކަތް ފުލުހުން ކޮށްފައިވާކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ.
ފުލުހުން ބުނީ ކުޅުދުއްފުށި ސިޓީއަށާއި ނޮޅިވަރަންފަރަށް ވެހުނު ބޯ ވާރޭގައި ފެންބޮޑުވެ ގެއްލުންތަކެއް ލިބިގެން ފުލުހުން އެހީތެރިކަން ފޯރުކޮށްދީފައިވާކަމަށާއި އަދި ހދ. ފިނޭގެ މަގުތަކުގައި ބޮޑުވި ފެންގަނޑު ހިންދުމަށް އާންމުންނާއި މުއައްސަސާތަކާ އެކު ފުލުހުން މަސައްކަތްކޮށްފައިވާކަމަށެވެ.
މީގެއިތުރުން ޅ. އަތޮޅުގެ ތިން ރަށެއް ކަމަށްވާ ކުރެންދޫ، ހިންނަވަރު އަދި ނައިފަރަށް ބޯކޮށް ވާރޭވެހި، މަގުތަކުގައި ފެންބޮވުމުގެ ސަބަބުން ޕަންޕު ބޭނުންކޮށްގެން މަގުތަކުން ފެންހިންދުމާއި، ފެންވަންނަމުންދާ ގޭގޭގެ ދޮރުމަތީގައި ވެލިބަސްތާ ޖެހުމުގެ އިތުރުން ގޭގެއިން ފެން ހިއްކުމުގެ މަސައްކަތް ކުރަމުންދާކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުން ބުނީ ވިއްސާރައާ ގުޅިގެން ރަށްރަށަށް ދިމާވެފައިވާ ފެންބޮޑުވުމުގެ ހާލަތުން އަރައިގަތުމަށާއި، ރައްޔިތުންގެ މުދަލާއި ގެދޮރު ރައްކާތެރިކުރުމަށް ޓަކައި ކަމާބެހޭ އިދާރާތަކާއި ކައުންސިލްތަކާ ގުޅިގެން ފުލުހުން މަސައްކަތްކުރަމުންދާކަމަށެވެ.
