އަންހެނުންގެ މައްސަރު ކަންތައް ދިމާވުމުގެ ކުރިން އަންނަ 'ލޫޓިއަލް ފޭސް' ނުވަތަ ދެވަނަ ފިޔަވަހީގައި ހަށިގަނޑަށް އަންނަ ބަދަލުތަކަކީ މިހާރު ސޯޝަލް މީޑިއާގައި އާންމުކޮށް ދެކެވެމުންދާ ވާހަކައެކެވެ. ޓިކްޓޮކް ފަދަ މަންސަތަކުގައި މި ދުވަސްވަރު ސިފައަށާއި މިޒާޖަށް އަންނަ ނޭދެވޭ ބަދަލުތަކުގެ ވާހަކަ ގިނަ އަންހެނުން އަންނަނީ ހިއްސާކުރަމުންނެވެ.
ބީބީސީން ރިޕޯޓުކޮށްފައިވާ ގޮތުގައި، މިއީ ހަމައެކަނި ހީވާ ހީވުމެއް ނޫނެވެ. މިއީ ސައިންސާއި ސިއްހީ ގޮތުން ސާބިތުވާ، ހަށިގަނޑުގެ ހޯމޯންތަކަށް އަންނަ ބަދަލުތަކެއްގެ ސަބަބުން ދިމާވާ ހަގީގީ ކަމެކެވެ.
މި ފިޔަވަހި ފެށެނީ މައްސަރު ދުވަސްވަރުގެ ދެވަނަ ދެބައިގައެވެ. އަދި މައްސަރު ކަންތައް ދިމާވުމާއެކު މި ފިޔަވަހި ނިމެއެވެ.
ޔުނިވާސިޓީ ކޮލެޖް ލަންޑަންގެ އެސޯސިއޭޓް ޕްރޮފެސަރު ޑރ. ހެލެން އޯނީލް ބުނި ގޮތުގައި، މި ދުވަސްވަރު ހަށިގަނޑުގައި އީސްޓްރޮޖެން ހުންނަ މިންވަރު ކުއްލިއަކަށް ދަށްވެއެވެ. އަދި އޭގެ ބަދަލުގައި ޕްރޮޖެސްޓެރޯން މައްޗަށް ދެއެވެ. މި ބަދަލުގެ ސަބަބުން ހަމުގައި ތެޔޮ އުފައްދާ މިންވަރު އިތުރުވެއެވެ. ހަމައެހެންމެ، މި ދުވަސްވަރު ހަށިގަނޑުގައި ފެން ހިފަހައްޓާ މިންވަރު އިތުރުވުމުގެ ސަބަބުން މޫނު ދުޅަވުމާއި، ބަނޑު ފުއްޕުމާއި، މޭމަތީގައި ރިއްސުން ފަދަ ކަންކަން ދިމާވެއެވެ.
ސިފައަށާއި މިޒާޖަށް ކުރާ އަސަރު
އަންހެނުންގެ ހޯމޯންތަކާ ބެހޭ ހާއްސަ ޑޮކްޓަރެއް ކަމަށްވާ ޑރ. ލުއީސް ނިއުސަން ފާހަގަކުރި ގޮތުގައި، ހޯމޯންތަކަށް އަންނަ މި ބަދަލުތަކުގެ އަސަރު ހަމަށާއި ކޮލަޖެންއަށް ކުރެއެވެ. މީގެ ސަބަބުން ހަންގަނޑު ހިކުމާއި، މޫނުމަތީގެ އުޖާލާކަން ގެއްލުމާއި، ބިހިނެގުން ފަދަ ކަންކަން މެދުވެރިވެއެވެ. މީގެ އިތުރުން، ނިދުމަށާއި މިޒާޖަށްވެސް ބޮޑެތި ބަދަލުތަކެއް އާދެއެވެ.
މިކަން ތަޖުރިބާކުރާ ބައެއް އަންހެނުން ބުނާ ގޮތުގައި، މި ދުވަސްވަރު އެ މީހުންނަށް ވަރަށް ބޮޑަށް ވަރުބަލިކަން އިހުސާސްވެއެވެ. ލަންޑަންގައި އެކްޓަރެއްގެ ގޮތުގައާއި ހޮސްޕިޓާލިޓީ ދާއިރާގައި މަސައްކަތްކުރާ އުމުރުން 25 އަހަރުގެ އެލީނާ ސްޕޭވަން ބުނި ގޮތުގައި، އޭނާގެ ސިކުނޑި މަސައްކަތްކުރަނީ ވަރަށް ލަސްލަހުން ކަމަށް އިހުސާސްވެއެވެ. އަދި ހަނދާންނެތުމާއި، މީހުންނާ ބައްދަލުކުރަން ބޭނުންނުވުން ފަދަ ކަންކަން ދިމާވެއެވެ. ފްރީލާންސް ނޫސްވެރިއެއް ކަމަށްވާ އުމުރުން 30 އަހަރުގެ ހެންރިއެޓާ ފާހަގަކުރި ގޮތުގައި، މި ފިޔަވަހީގައި އޭނާގެ ލޯ ފުސްވުމާއި، ވާހަކަދައްކާއިރު އާދައިގެ ބަސްތައް ހަނދާންކުރަން އުނދަގޫވުން ފަދަ ކަންކަން ދިމާވެއެވެ. އަދި ބައިވެރިޔާއާ މެދު ހިތްހަމަނުޖެހުމާއި، ރައްޓެހިންނާ ދުރުހެލިވުން ފަދަ ކަންކަންވެސް ދިމާވާ ކަމަށް އޭނާ ބުންޏެވެ.
ދިރިއުޅުމަށް ކުރާ ނޭދެވޭ އަސަރު
މި އަލާމާތްތަކަކީ ހަމައެކަނި އާދައިގެ ކަމެއްގެ ގޮތުގައި ދޫކޮށްލެވޭނެ ކަންކަމެއް ނޫން ކަމަށް ޑރ. ނިއުސަން ބުންޏެވެ. އޭނާ ފާހަގަކުރި ގޮތުގައި، މިކަމުގެ ސަބަބުން އަންހެނުންގެ ވަޒީފާއަށާއި، އާންމު ދިރިއުޅުމަށާއި، ގުޅުންތަކަށް ބޮޑެތި ހުރަސްތަކެއް އެޅެއެވެ. އުމުރުން 36 އަހަރުގެ ވިޔަފާރިވެރިއެއް ކަމަށްވާ ޝާލޮޓް ޑޮޑްސް ބުނި ގޮތުގައި، މިއީ ހަމައެކަނި "ޕީއެމްއެސް" ކަމަށް ބުނެ ގިނަ ބަޔަކު މިކަންކަމަށް އަޅާނުލައެވެ. ނަމަވެސް، ސަމާލުކަން ނުދެވުމާއި މޫނުގައި ބިހިނެގުމުގެ ސަބަބުން އޭނާގެ އަމިއްލަ އިތުބާރަށް ބޮޑު އަސަރެއް ކުރެއެވެ.
ޑރ. އޯނީލް ފާހަގަކުރި ގޮތުގައި، އަންހެނުންގެ ހަށިގަނޑު މަސައްކަތްކުރާ ގޮތާ ގުޅޭގޮތުން އެކަށީގެންވާ މައުލޫމާތު ގިނަ އަންހެނުންނަށް ލިބިފައެއް ނުވެއެވެ. އެހެންކަމުން، ގިނަ ބަޔަކު މިކަމުގެ މައުލޫމާތު ހޯދުމަށް ޓިކްޓޮކް ފަދަ މަންސަތަކަށް ބަރޯސާވެއެވެ. ޓިކްޓޮކްގައި 2.4 މިލިއަން މީހުން ބަލާފައިވާ ވީޑިއޯއެއްގައި އަންހެނަކު ވަނީ މި ދުވަސްވަރު އަމިއްލަ ނަފުސާ މެދު ހިތްހަމަނުޖެހޭކަން ހާމަކޮށްފައެވެ. މި ވީޑިއޯއަށް ކޮމެންޓުކުރި ގިނަ ބަޔަކު ވަނީ ބޮޑެތި ހެދުން ލުމަށާއި، ލޯގަނޑުން މޫނު ނުބެލުމަށް ލަފާދީފައެވެ.
މިކަމުން އަރައިގަތުމަށް ކުރެވިދާނެ ކަންކަން
މި ދުވަސްވަރު ދިމާވާ އުނދަގޫތަކަށް ލުޔެއް ހޯދުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން ޑރ. އޯނީލް ބުނީ، މިއީ ވަގުތީ އަދި ކުރިން ލަފާކުރެވޭ ފިޔަވައްސެއްކަން ދެނެގަތުން މުހިންމު ކަމަށެވެ. އަދި މި ދުވަސްވަރު ކެއިންބުއިމަށް ހާއްސަ ސަމާލުކަމެއް ދިނުމަށާއި، ގިނައިން ފެންބުއިމަށް އޭނާ ލަފާދިނެވެ. މީގެ ސަބަބުން ހަށިގަނޑު ދުޅަވުން ކުޑަކޮށްދޭނެއެވެ.
މީގެ އިތުރުން، ލޮނު ގިނައިން އެކުލެވޭ ކާނާ މަދުކުރުމަށާއި، ހަށިގަނޑަށް ކަސްރަތު ލިބޭނެ ފަދަ ހަރަކާތްތައް ކުރުމަށް ޑޮކްޓަރުން ލަފާދެއެވެ. ޑރ. ނިއުސަން އިތުރަށް ފާހަގަކުރި ގޮތުގައި، ޕްރޮސެސްކޮށްފައިވާ ކާނާއާ ދުރުހެލިވުމަކީ ހަށިގަނޑު ދުޅަވުން ކުޑަކޮށްދޭނެ ކަމެކެވެ. އަދި މި ފިޔަވަހީގައި އާދަޔާ ހިލާފަށް އުނދަގޫތައް ދިމާވާނަމަ، ސިއްހީ މާހިރެއްގެ ލަފާ ހޯދުމަކީ ކޮންމެހެން ކުރަންޖެހޭނެ ކަމެއް ކަމަށް އޭނާ ބުންޏެވެ.
