ޖަޕާނުގެ މަގުތަކުންނާއި އާންމު ދަތުރުފަތުރުގެ ނިޒާމުގެ ތެރެއިން އުމުރުން ދުވަސްވީ މީހުން ހަރަކާތްތެރިވެ އުޅޭ މަންޒަރު ފެނުމަކީ އާންމު ކަމެކެވެ. ބައިސްކަލު ދުއްވުމާއި، ހިނގާބިނގާވެ އުޅުމުގެ އިތުރުން ގުރޫޕު ހަދައިގެން ކަސްރަތު ކުރުމަކީ އެ ގައުމުގެ އާދަކާދައިގެ ތެރޭގައި ހިމެނޭ ކަންކަމެވެ. މިއީ ދުޅަހެޔޮ ސިއްހަތެއްގައި ދެމިތިބުމަށް އެ މީހުން ކުރާ މަސައްކަތެވެ. މި އާދަތަކުގެ ނަތީޖާއެއްގެ ގޮތުން، ޖަޕާނުގެ އާބާދީގައި 100 އަހަރަށް ވުރެ ގިނަ ދުވަސްވީ މީހުންގެ އަދަދު މިހާރު ވަނީ އެއް ލައްކައަށް ވުރެ މައްޗަށް ގޮސްފައެވެ.

އަލްޖަޒީރާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، މިއީ ޖަޕާނުގެ ތާރީހުގައި ވެސް މި އަދަދު މިހާ މައްޗަށް ދިޔަ ފުރަތަމަ ފަހަރެވެ. ޖަޕާނުގެ ސިއްހަތާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، މިއަހަރު 100 އަހަރުން މަތީގެ މީހުންގެ އަދަދު ވަނީ 107،677 އަށް އަރާފައެވެ. މިއީ 2025 ވަނަ އަހަރާ އަޅައިބަލާއިރު 7،914 މީހުންގެ އިތުރުވުމެކެވެ. އަދި މިއީ ވިދިވިދިގެން މި އަދަދު އިތުރުވި 56 ވަނަ އަހަރު ވެސް މެއެވެ. މި އާބާދީގެ ގާތްގަނޑަކަށް 88 އިންސައްތައަކީ އަންހެނުންނެވެ.

ޖަޕާނުގެ ހެލްތު މިނިސްޓަރު ކެނިޗީރޯ އުއެނޯ ވިދާޅުވި ގޮތުގައި، ގިނަ ބަޔަކު ދިގު އުމުރެއްގައި، ދުޅަހެޔޮކޮށް އަދި ހަރަކާތްތެރިކޮށް އުޅޭތީ އެކަމާ ވަރަށް އުފާކުރައްވައެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި މީގެ ސަބަބުތަކުގެ ތެރޭގައި ސިއްހީ ފަރުވާގެ ކުރިއެރުންތަކާއި، ރަނގަޅު ކާނާއާއި ދިރިއުޅުމުގެ އާދަތައް ހިމެނެއެވެ.

އާބާދީގެ ނުތަނަވަސްކަމާއި ވިހާ ނިސްބަތް ދަށްވުން

މި އުފާވެރިކަމުގެ ފަހަތުގައި ވަނީ އާބާދީގެ ބޮޑު ނުތަނަވަސްކަމެކެވެ. އުމުރުން ދުވަސްވީ މީހުންގެ އަދަދު އިތުރުވަމުންދާއިރު، އުފަންވާ ކުދިންގެ އަދަދު ވަނީ ތާރީހުގައި ވެސް ނުދާހާ ދަށަށް ގޮސްފައެވެ. ސަރުކާރުގެ ތަފާސްހިސާބުތަކާ ހަވާލާދީ އަލްޖަޒީރާއިން ބުނެފައިވާ ގޮތުގައި، މިދިޔަ އަހަރު ޖަޕާނުގައި 95 އަހަރުން މަތީގެ 8 ލައްކަ މީހުން ތިބިއިރު، އުފަންވެފައިވަނީ އެންމެ 7 ލައްކަ ކުދިންނެވެ.

ޖަޕާނުގެ އާބާދީގެ ކޮންމެ 10 މީހަކުން ތިން މީހަކީ މިހާރު 65 އަހަރުން މަތީގެ މީހުންނެވެ. 2070 ވަނަ އަހަރާ ހަމައަށް ދާއިރު މި ނިސްބަތް 40 އިންސައްތައަށް އަރާނެ ކަމަށް ވަނީ ލަފާކޮށްފައެވެ. 2008 ވަނަ އަހަރު ޖަޕާނުގެ އާބާދީ 128 މިލިއަނުގައި ހުރި ނަމަވެސް، 2070 ވަނަ އަހަރާ ހަމައަށް ދާއިރު އެ އަދަދު 87 މިލިއަނަށް ދަށްވާނެ ކަމަށް އެ ގައުމުގެ ނޭޝަނަލް އިންސްޓިޓިއުޓް އޮފް ޕޮޕިއުލޭޝަން އެންޑް ސޯޝަލް ސެކިއުރިޓީ ރިސާޗުން ލަފާކުރެއެވެ. މިއީ ގާތްގަނޑަކަށް 30 އިންސައްތައިގެ ދަށްވުމެކެވެ. 2025 ވަނަ އަހަރުގެ ބޯހިމެނުމުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން، ޖަޕާނުގެ 47 ސަރަހައްދުގެ ތެރެއިން 45 ސަރަހައްދެއްގެ އާބާދީ ވަނީ އޭގެ ފަސް އަހަރު ކުރިއާ އަޅައިބަލާއިރު ދަށްވެފައެވެ. އާބާދީ އިތުރުވެފައިވަނީ ހަމައެކަނި ޓޯކިޔޯއާއި އޮކިނާވާގައެވެ.

2025 ވަނަ އަހަރު އެ ގައުމުގެ ފާޓިލިޓީ ރޭޓް (އަންހެނަކު އޭނާގެ ހަޔާތުގައި ވިހާނެ ކަމަށް ބެލެވޭ ކުދިންގެ އެވްރެޖް އަދަދު) ވަނީ 1.14 އަށް ވެއްޓިފައެވެ. އާބާދީއެއް އެއްވަރެއްގައި ހިފެހެއްޓުމަށްޓަކައި މި ނިސްބަތް 2.1 ގައި ހުންނަން ޖެހޭ ކަމަށް ތަޖުރިބާކާރުން ގަބޫލުކުރެއެވެ. މި މައްސަލަ ހައްލުކުރުމަށްޓަކައި ޖަޕާނު ސަރުކާރުން ވަނީ ކުދިންނަށް ދޭ އެލަވަންސްތައް ތައާރަފުކޮށް، ޗައިލްޑްކެއާ ސަބްސިޑައިޒްކޮށް، އަދި ޕޭރެންޓަލް ލީވް ޕްރޮގްރާމްތައް ވެސް ފަށާފައެވެ. ނަމަވެސް، މިއިން އެއްވެސް ކަމަކުން މިހާތަނަށް އެދެވޭ ނަތީޖާއެއް ނުކުމެފައެއް ނުވެއެވެ.

އިޖުތިމާއީ ސަބަބުތަކާއި އިގުތިސާދީ ނުރައްކާ

އިޖުތިމާއީ އިލްމުވެރިންނާ ހަވާލާދީ އަލްޖަޒީރާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ޖަޕާނުގައި ކައިވެނިކުރާ މީހުންގެ އަދަދު މަދުވުމާއި، ކައިވެނިކުރާ އުމުރު ފަސްވުމަކީ ވެސް ދަރިން ހޯދާ ނިސްބަތް ދަށްވާ ސަބަބެކެވެ. އަދި ވަޒީފާގެ ޔަގީންކަން ނެތުމާއި، މުސާރަ ކުރިއަރައި ނުދިއުމާއި، މަސައްކަތުގެ ވަގުތު ދިގުވުމުގެ ސަބަބުން އާއިލާއެއް ފެށުމަށް ޒުވާނުންނަށް ވަނީ ދަތިވެފައެވެ. މީގެ އިތުރުން، އަންހެނުން ވަޒީފާގެ މައިދާނަށް ނުކުންނަ މިންވަރު އިތުރުވި ނަމަވެސް، ގޭތެރޭގެ މަސައްކަތްތަކާއި ކުދިން ބެލުމުގެ ޒިންމާ ހަމަހަމަކޮށް ބެހިފައި ނުވުމަކީ ވެސް އަންހެނުންނަށް އޮތް ގޮންޖެހުމެކެވެ.

އާބާދީގެ ބޮޑު ބަޔަކީ އުމުރުން ދުވަސްވީ މީހުންނަށް ވުމުން، ޕެންޝަނާއި ސިއްހީ ފަރުވާއަށް ކުރަންޖެހޭ ހޭދަ އިތުރުވެ، މަސައްކަތްކުރާ އުމުރުގެ މީހުންނަށް އޭގެ ބުރަ ބޮޑުވެއެވެ. އިމާރާތްކުރުމާއި، ދަނޑުވެރިކަމާއި، ދަތުރުފަތުރާއި، ސިއްހީ ދާއިރާ ފަދަ ދާއިރާތަކަށް ވަނީ މަސައްކަތްތެރިންގެ ދަތިކަން ކުރިމަތިވެފައެވެ. ޖަޕާނުގެ ބޮޑުވަޒީރު ސަނައޭ ޓަކައިޗީ ވިދާޅުވެފައިވާ ގޮތުގައި، އާބާދީ މަދުވުމާއި ވިހާ ނިސްބަތް ދަށްވުމަކީ ގައުމަށް އޮތް އެންމެ ބޮޑު އެއް ގޮންޖެހުމެވެ. އަދި މިއީ ގައުމުގެ އިގުތިސާދީ އަދި އިޖުތިމާއީ ބިންގަލަށް އޮތް ނުރައްކާއެއް ކަމަށް ވެސް އޮފިޝަލުން ވަނީ އިންޒާރުދެއްވާފައެވެ.

ބިދޭސީ މަސައްކަތްތެރިން ގެނެސްގެން މި މައްސަލައަށް ހައްލެއް ހޯދިދާނެ ކަމަށް ބެލެވުނު ނަމަވެސް، ޖަޕާނުގެ އާބާދީގައި ބިދޭސީން ހިއްސާކުރަނީ އެންމެ ތިން އިންސައްތައެވެ. އަދި އިތުރު ހިޖުރަވެރިންނަށް ފުރުސަތު ދިނުމަކީ އެ ގައުމުގެ ސިޔާސީ މައިދާނުގައި ހިޔާލު ތަފާތުވުން ބޮޑު މައްސަލައެއް ކަމަށް އަލްޖަޒީރާއިން ފާހަގަކޮށްފައިވެއެވެ.

ދުނިޔޭގެ އެހެން ގައުމުތަކުގެ ހާލަތު

މިއީ ހަމައެކަނި ޖަޕާނަށް ދިމާވެފައިވާ ކަމެއް ނޫނެވެ. ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ބުނާ ގޮތުގައި، މުޅި ދުނިޔޭގައި ވެސް މީހުންގެ އުމުރު ދަނީ ދިގުވަމުންނެވެ. 2024 ވަނަ އަހަރު ދުނިޔޭގެ ލައިފް އެކްސްޕެކްޓެންސީ ވަނީ 73.3 އަހަރަށް އަރާފައެވެ. މިއީ 1995 ވަނަ އަހަރާ އަޅައިބަލާއިރު 8.4 އަހަރުގެ ކުރިއެރުމެކެވެ. އަދި 60 އަހަރުން މަތީގެ މީހުންގެ އަދަދު 2023 ވަނަ އަހަރު 1.1 ބިލިއަނުގައި ހުރިއިރު، 2030 ވަނަ އަހަރާ ހަމައަށް ދާއިރު އެ އަދަދު 1.4 ބިލިއަނަށް އަރާނެ ކަމަށް ވެސް އެ ޖަމިއްޔާއިން ލަފާކުރެއެވެ.

އދ. ގެ ތަފާސްހިސާބުތައް ދައްކާ ގޮތުން 2023 ވަނަ އަހަރު ޖަޕާނުގެ މީޑިއަން އުމުރަކީ 49 އަހަރެވެ. އޭގެ ފަހަތުން އިޓަލީ (47.5)، ޕޯޗުގަލް (46.2)، ގްރީސް (45.7) އަދި ޖަރުމަނުވިލާތް (45.1) ހިމެނެއެވެ. ޖަޕާނުގެ މީހުންގެ އުމުރު ދިގުވުމުގެ ސިއްރަކީ ކޮބައިކަން ހޯދުމަށް ދިރާސާކުރާ ފަރާތްތަކުން ފާހަގަކުރާ ގޮތުގައި، އޭގެ ފަހަތުގައި ވަނީ ކެއުމުގެ އާދަތަކާއި، ހަރަކާތްތެރިވެ އުޅުމާއި، ސިއްހީ ފަރުވާގެ ފަސޭހަކަމެވެ. ޖަޕާނުގެ ސަގާފީ ކެއުމުގައި ގިނައިން ހިމެނެނީ މަހާއި، ތަރުކާރީއާއި ބަތެވެ. އަދި ސަރުބީ އެކުލެވޭ މިންވަރު ނިސްބަތުން ދަށެވެ. މީގެ އިތުރުން، އެ ގައުމުގެ ޔުނިވާސަލް ހެލްތު އިންޝުއަރެންސް ނިޒާމުގެ ދަށުން، އެމެރިކާ ފަދަ އެހެން ގައުމުތަކާ އަޅައިބަލާއިރު ހެޔޮ އަގެއްގައި ބޭސްފަރުވާ ލިބެން ހުރެއެވެ.