ހުޅުމާލެ ދެވަނަ ފިޔަވަހީގެ އަމާން އުދަރެސް ސަރަހައްދުގައި ބިނާކުރާ މިސްކިތުގެ ބޮޑުބައެއް ނިމިއްޖެއެވެ.
މިކަމާ ގުޅިގެން އިސްލާމިކް މިނިސްޓްރީން ބުނީ މިއީ 1800 މީހުންގެ ޖާގައިގެ މިސްކިތެއްކަމަށާއި، މި މިސްކިތުގެ 85 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާކަމަށެވެ.
މި މިސްކިތް ފަރުމާކޮށްފައިވަނީ ގިނަ އަދަދެއްގެ ބަޔަކަށް ފަސޭހަކަމާއެކު އަޅުކަންކުރެވޭނެ ފަދަ ޒަމާނީ ވަސީލަތްތަކާއެކުކަމަށާއި، މިސްކިތުގެ އަމަލީ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށްދާއިރު، އިމާރާތުގެ މައިގަނޑު މަސައްކަތްތައް ނިމި މިހާރު ކުރިއަށްދަނީ އެތެރޭގެ މަސައްކަތްތަކާއި ފިނިޝިންގެ މަސައްކަތްތައް ކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފައެވެ.
ހުޅުމާލެ ދެވަނަ ފިޔަވަހީގެ އާބާދީ ހަލުވިކަމާއެކު އިތުރުވަމުން އަންނައިރު، އެ ސަރަހައްދުގައި ދީނީ އަދި އިޖުތިމާއީ ބިނާތައް ތަރައްގީކުރުމަކީ ސަރުކާރުން ހާއްސަ އިސްކަމެއް ދީގެން ކުރަމުން އަންނަ ކަމެކެވެ.
މީގެ ކުރިން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެފައިވާ ގޮތުގައި، ހުޅުމާލެ ދެވަނަ ފިޔަވަހީގައި ވަގުތީ މިސްކިތްތައް ބޭނުންކުރުން ނިމުމަކަށް ގެނެސް، ދާއިމީ ބޮޑެތި މިސްކިތްތައް ބިނާކުރުމަކީ ސަރުކާރުގެ އަމާޒެކެވެ. އަދި އެ ސަރަހައްދަށް ބޭނުންވާ މިންވަރަށް މިސްކިތްތައް ބިނާކުރުމުގެ މަސައްކަތްތައް އެކި ފަރާތްތަކާ ހަވާލުކޮށްގެން ކުރިއަށްދާކަމަށް ވެސް މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެވެ.
