މިދުވަސްވަރަކީ އުމްރާގެ މަތިވެރި އަޅުކަން އަދާކުރުމަށްޓަކައި ގިނަ އަދަދެއްގެ ދިވެހިން ސައުދީ އަރަބިއްޔާއަށް ދަތުރުކުރަމުންދާ ދުވަސްވަރަކަށް ވާތީ، ދަތުރުގެ ބައިވެރިން ބަލިތަކުން ރައްކާތެރިވުމަށް ސަމާލުކަން ދޭންޖެހޭ މުހިންމު ކަންތައްތަކެއް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފިއެވެ.
އެޗްޕީއޭ އިން ބުނީ، އުމްރާގެ އަޅުކަމަށް ފުރުމުގެ ކުރިން ބަލިތަކުން ރައްކާތެރިވުމަށް ޖަހަންޖެހޭ ވެކްސިންތައް ފުރިހަމަކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ. އެގޮތުން ޕޯލިއޯ، މެނިންޖައިޓިސް އަދި އިންފްލުއެންޒާ ވެކްސިން ޖެހުމަށް އެޗްޕީއޭ އިން ވަނީ އިލްތިމާސްކޮށްފައެވެ. މި ވެކްސިންތައް ޖެހުމަށްފަހު ހަށިގަނޑުގެ ދިފާއީ ބާރު އުފެއްދުމަށް ގާތްގަނޑަކަށް ދެ ހަފްތާ ނަގާނެތީ، ފުރުމުގެ މަދުވެގެން ދެ ހަފްތާ ކުރިން ވެކްސިން ޖެހުމަށް އެ އެޖެންސީން އިރުޝާދު ދެއެވެ.
އުމްރާގެ އަޅުކަމުގައި އުޅޭއިރު އަމިއްލަ ސާފުތާހިރުކަމަށް އިސްކަންދިނުމުގެ ގޮތުން ކުރެވިދާނެ ކަންތައްތަކުގެ ތެރޭގައި، އުޅޭ ކޮޓަރިއާއި ފާހާނާ ސާފުކޮށް ބެހެއްޓުމާއި، މީހުން ގިނަ ތަންތަނުގައި އުޅޭއިރު މާސްކު އެޅުން ހިމެނެއެވެ. އަދި ކާނާ ތައްޔާރުކުރުމުގެ ކުރިންނާއި، ކެއުމުގެ ކުރިން އަދި މީހަކަށް ކާންދިނުމުގެ ކުރިން ސައިބޯނި ލައިގެން ރަނގަޅަށް އަތްދޮވުމަކީ ބަލިތަކުން ރައްކާތެރިވުމަށް އެޅިދާނެ މުހިންމު ފިޔަވަޅެކެވެ. ފާހާނާ ކުރުމަށްފަހު އަތްދޮވުމުގެ އިތުރުން، ބޭރުގައި އުޅޭއިރު ބޭނުންކުރުމަށް ހޭންޑް ސެނެޓައިޒާ ފުޅިއެއް ގެންގުޅުމަށް ވެސް އެޗްޕީއޭ އިން ބުނެފައިވެއެވެ.
ބަލިތަކުން ރައްކާތެރިވެ ދުޅަހެޔޮކަންމަތީ ހުރުމަށްޓަކައި އިތުރަށް ސަމާލުކަން ދޭންޖެހޭ ކަންތައްތަކުގެ ތެރޭގައި:
- ގިނައިން ފެނާއި ދިޔާ ތަކެތި ބޭނުންކުރުން.
- ފިޒީ ޑްރިންކްސް، އެނާޖީ ޑްރިންކްސް އަދި ގިނައިން ހަކުރު ހިމެނޭ ބުއިންތަކާ ދުރުހެލިވުން.
- ބިންގަނޑުގެ ހޫނުން ފައި ރައްކާތެރިކުރުމަށް ފަސޭހަ ފައިވާނެއް ބޭނުންކުރުން.
- ދާއިމީ ބައްޔަކަށް ބޭސް ބޭނުންކުރާ މީހުން ވަގުތަށް ބޭސް ބޭނުންކުރުމާއި، އެންމެ ފަހުގެ ބޭސްސިޓީތަކާއި ރިޕޯޓްތައް ދަތުރުގައި ގެންދިއުން.
- ކޮންމެހެން ބޭނުން ޖެހިގެން ނޫނީ ޖަނަވާރު ވިއްކާ ތަންތަނަށް ނުދިއުން.
- ރޯކިރު ރަނގަޅަށް ކެއްކުމަށްފަހު ނޫނީ ބޭނުން ނުކުރުން އަދި މަހުގެ ބާވަތްތައް ކާއިރު ރަނގަޅަށް ރޯފިލާފައި ހުރިކަން ކަށަވަރުކުރުން.
އުމްރާވެރިންގެ ރައްކާތެރިކަމަށްޓަކައި އެޗްޕީއޭ އިން މި އިރުޝާދުތައް ނެރެފައިވަނީ، ގިނަ އަދަދެއްގެ މީހުން އެއްވާ ތަންތަނުގައި ބަލިތައް ފެތުރުމުގެ ފުރުސަތު ބޮޑުވުމާ ގުޅިގެންނެވެ. މީގެ ކުރިން ވެސް ހައްޖާއި އުމްރާގެ އަޅުކަން ނިންމާފައި އަންނަ ފަރާތްތަކުން ރޯގާގެ އަލާމަތްތައް ފެނި ބައެއް މީހުންނަށް ވަރަށް ބޮޑުވަރުވާ ފަހަރުވެސް ދިމާވެފައި އެބަ ހުއްޓެވެ.
