ފުރަތަމަ ފަހަރަށް އައްޑޫ ސިޓީ ގަމުން ސައުދީ އަރަބިއްޔާގެ ޖިއްދާއަށް ސީދާ އުމްރާ ފްލައިޓް މިއަދު ފުރައިފިއެވެ.
އުމްރާގެ ދަތުރުގެ ހިދުމަތް ފޯރުކޮށްދޭ ޓްރެވެލް އެޖެންސީއެއް ކަމަށްވާ ޓްރެވެލާސް އިން ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަންއާ ގުޅިގެން އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓުން ސައުދީގެ ޖިއްދާ އަށް މިއަދު ހެނދުނު 04:24 ގައި ގަމުން ފުރި މި ތާރީހީ ފްލައިޓަކީ ގައުމީ އެއާލައިން "މޯލްޑިވިއަން" ގެ އެއާބަސް A330 ބޯޓެކެވެ.
މި ދަތުރުގެ ރޫޓަކީ މާލެ - ގަން - ޖިއްދާ އެވެ. އަދި އުމްރާވެރިން އެނބުރި އައުމަށް ހަމަޖެހިފައިވަނީ ޖިއްދާ - ގަން - މާލެ ރޫޓުންނެވެ. މި ފްލައިޓުން ޖުމްލަ 259 އުމްރާވެރިން ދަތުރުކުރިއިރު، އޭގެ ތެރެއިން 110 އުމްރާވެރިންނަކީ ގަމުން ފްލައިޓާ ގުޅުނު ދެކުނުގެ އަތޮޅުތަކަށް ނިސްބަތްވާ ރައްޔިތުންނެވެ.
"ދަ ޓްރެވެލާ" އިން ބުނީ މި ދަތުރުގެ ސަބަބުން މައްކާ އާއި މަދީނާއަށް ދިއުމަށް އޮތް މަގު ކުރުވެ، އުމްރާވެރިންނަށް ލިބޭ ތަކުލީފުތައް ކުޑަވެގެން ދާނެކަމަށެވެ.
މިއީ ދެކުނުގެ ރައްޔިތުންނަށް މާލެ ނައިސް، ފަސޭހަކަމާއެކު އުމްރާގެ އަޅުކަމަށް ފުރޭނެ މަގުފަހިކޮށްދިނުމަށް އެޅުނު ވަރަށް ތާރީހީ އަދި މުހިންމު ފިޔަވަޅެއްކަން ގިނަ ބަޔަކުވަނީ ފާހަގަކޮށްފައެވެ.
