އުމްރާގެ އަޅުކަން އަދާކުރާ ފަރާތްތަކަށް އިތުރު ލުއިފަސޭހަތަކެއް ހޯދައިދިނުމުގެ ގޮތުން، ސައުދީ އަރަބިއްޔާގެ ހައްޖާއި އުމްރާއާ ބެހޭ މިނިސްޓްރީން އެއް އަހަރު ދުވަހުގެ މުއްދަތަށް އެކި ފަހަރު މަތިން އެތެރެވޭ ގޮތަށް ހާއްސަ އުމްރާ ވިސާއެއް ތައާރަފުކޮށްފިއެވެ.

މި ބަދަލަކީ ސައުދީ ވިޝަން 2030 އަދި "ޕިލްގްރިމް އެކްސްޕީރިއަންސް ޕްރޮގްރާމް" ގެ މަގުސަދުތައް ހާސިލުކުރުމަށާއި، އުމްރާވެރިން ސައުދީއަށް އެތެރެވުން ލުއިކޮށް، ޑިޖިޓަލް ހިދުމަތްތައް ހަރުދަނާކުރުމަށް އެޅި މުހިންމު ފިޔަވަޅެކެވެ.

ސައުދީ ހައްޖާއި އުމްރާ މިނިސްޓްރީން ބުނީ މި ވިސާ ދޫކުރާ ތާރީހުން ފެށިގެން 365 ދުވަސް ދުވަހުގެ މުއްދަތަށް ބޭނުންކުރެވޭނެ ކަމަށާއި ވިސާގެ މުއްދަތުގެ ތެރޭގައި އެކި ފަހަރު މަތިން ސައުދީއަށް އެތެރެވެވޭނެ ކަމަށެވެ. ނަމަވެސް، އެކި ދަތުރުތައް އެކުލެވޭ ގޮތަށް ޖުމްލަ ތިބެވޭނީ ގިނަވެގެން 90 ދުވަހުގެ މުއްދަތަށްކަން ވަނީ ފާހަގަކޮށްފައެވެ. އަދި ކޮންމެ ދަތުރަކަށް ވެސް ސައުދީ ސަރުކާރުން ހުއްދަ ދީފައިވާ ފަރާތްތަކުން ނުސުކް ޕްލެޓްފޯމް މެދުވެރިކޮށް ހިދުމަތްތަކުގެ ޕެކޭޖެއް ގަންނަން ޖެހޭނެކަމަށް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.

މީގެ އިތުރުން ގަންނަ ޕެކޭޖުގެ މުއްދަތު ވިސާގައި ބާކީ އޮތް ދުވަހުގެ އަދަދަށްވުރެ އިތުރުވެގެން ނުވާނެކަމަށާއި ސައުދީއަށް އެތެރެވުމުގެ ކުރިން "ނުސުކް" އެޕްލިކޭޝަން މެދުވެރިކޮށް އުމްރާވުމުގެ ހާއްސަ ހުއްދަ ހޯދަން ޖެހޭނެކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ. އަދި ކޮންމެ ދަތުރެއް ނިންމައި ގައުމުން ފުރައިގެން ދިއުމުން ވިސާ އޮޓޮމެޓިކުން ޑީއެކްޓިވޭޓްވާއިރު ޖެހިގެން އަންނަ ދަތުރަށް ބޭނުންވާ ޝަރުތުތައް ހަމަކުރުމުން އަލުން އެކްޓިވޭޓްވާނެކަން އެ މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ.

ސައުދީ ހައްޖު މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި، މި މަލްޓިޕްލް އެންޓްރީ އުމްރާ ވިސާގެ ދަށުން ހައްޖު މޫސުމުގެ ދުވަސްވަރު ސައުދީއަށް އެތެރެއެއް ނުވެވޭނެ ކަމަށެވެ. އެ ގޮތުން ކޮންމެ ހިޖުރީ އަހަރެއްގެ ޒުލްގައިދާ މަހުގެ 1 ވަނަ ދުވަހުން ފެށިގެން ޒުލްހިއްޖާ މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް މި ވިސާގެ ހިދުމަތް ސަސްޕެންޑްކުރެވޭނެ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.