ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގައި ޑޮލަރު ނެތް ކަމަށް ދައްކާ ވާހަކަތަކަކީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށާއި، އެފަދަ ތަސައްވުރެއް އުފެއްދުމުގެ ބޭނުމަކީ ބްލެކް މާކެޓްގައި ޑޮލަރުގެ އަގު މަތިކުރުން ކަމަށް ބީއެމްއެލްގެ ސީއީއޯ އަދި އެމްޑީ މުހައްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.
ޝަރީފް މިހެން ވިދާޅުވީ، ޔޫތު އެންޓަޕްރަނާސް އެކްސްޕޯ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި ބޭންކުގެ ތާރީހުގައި ވެސް ކަސްޓަމަރުންނަށް އެންމެ ގިނައިން ޑޮލަރު ވިއްކާފައި ވަނީ މިއަހަރުގެ ވޭތުވެ ދިޔަ ހަ މަސް ދުވަހުގެ ތެރޭގައެވެ.
ތަފާސްހިސާބުތަކަށް އަލިއަޅުވާލައްވަމުން ޝަރީފް ވިދާޅުވީ، 2021 ވަނަ އަހަރު ބޭންކުން މަހެއްގެ މައްޗަށް އެވްރެޖްކޮށް ވިއްކާފައި ވަނީ 21 މިލިއަން ޑޮލަރެވެ. އަދި 2023 ވަނަ އަހަރު މި އަދަދު 37 މިލިއަން ޑޮލަރުގައި ހުރި ނަމަވެސް، މިއަހަރުގެ ކޮންމެ މަހަކު އެވްރެޖްކޮށް 80 މިލިއަން ޑޮލަރު ވިއްކަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ. މީގެ ތެރޭގައި ކާޑުގެ މުއާމަލާތްތަކާއި، ޓީޓީ ފޮނުވުމާއި، ތައުލީމާއި ބޭސްފަރުވާގެ އިތުރުން ފުރާ މީހުންނަށް ވިއްކާ ނަގުދު ފައިސާ ހިމެނެއެވެ.
"މިހާވަރަށް އިތުރަށް ޑޮލަރު ވިއްކަނީ ޑޮލަރު ނެތީމަތޯ؟" ޝަރީފް ސުވާލު އުފެއްދެވިއެވެ. އޭނާ އިތުރަށް ވިދާޅުވީ 2020 ވަނަ އަހަރުން ފެށިގެން ކަނޑައެޅިފައިވާ ޑޮލަރު ލިމިޓްތަކަށް ގެނެވުނު ބަދަލުތަކާއެކު ވެސް މިއަދާ ހަމައަށް ހިދުމަތް ދެމުންދަނީ ބޭންކުގައި ޑޮލަރު ހުރީތީ ކަމަށެވެ.
ޝަރީފް ހާމަކުރެއްވި ގޮތުގައި 2021 އިން 2023 އަށް ޖުމްލަ 249 މިލިއަން ޑޮލަރު ދޫކޮށްފައިވާއިރު، 2024 ގައި އިތުރަށް 142 މިލިއަން ޑޮލަރު އަދި 2025 ގައި 284 މިލިއަން ޑޮލަރު ދޫކުރުމަށް ވަނީ ރޭވިފައެވެ. އަދި މިއަހަރުގެ ފުރަތަމަ 6 މަސްދުވަހު އެކަނިވެސް 226 މިލިއަން ޑޮލަރު ވަނީ ދޫކޮށްފައެވެ. މީގެ އިތުރުން، ޓޫރިޒަމް ދާއިރާއަށް ހާއްސަކޮށް ދޫކޮށްފައިވާ ލޯނުގެ އަދަދު 860 މިލިއަން ޑޮލަރަށް އަރާފައިވާ ކަން އޭނާ ފާހަގަކުރެއްވިއެވެ.
ބޭންކަށް ޑޮލަރު ގަންނަން ލިބޭ މިންވަރަށް ވުރެ ވިއްކަން ޖެހޭ މިންވަރު އިތުރުވުމަކީ މެނޭޖްކުރުމުގައި ދަތިތަކެއް ކުރިމަތިވާ ކަމެއް ކަމަށް ޝަރީފް އެއްބަސްވެލެއްވިއެވެ. ހާއްސަކޮށް އީކޮމާސް މުއާމަލާތްތައް އިތުރުވަމުންދާތީ، ޒަރޫރީ ކަންކަމަށް އިސްކަންދީގެން ޑޮލަރު ބެލެހެއްޓުމަކީ ބޭންކުގެ ޒިންމާއެއް ކަމަށް އޭނާ ވިދާޅުވިއެވެ.
ނިންމާލައްވަމުން ޝަރީފް ވިދާޅުވީ، 2023 ވަނަ އަހަރުގެ ބޭންކުގެ އަހަރީ ރިޕޯޓުގައި ވެސް ފާހަގަކޮށްފައިވާ ފަދައިން، ބޭންކުން ވަނީ 333 މިލިއަން ޑޮލަރު އިތުރަށް ވިއްކާފައެވެ. މިކަން ހައްލުކުރުމަށްޓަކައި އެ އަދަދު ޓީ ބޮންޑެއްގެ ގޮތުގައި ސަރުކާރަށް ނަގައި ޑޮލަރު ވިއްކުން މުހިންމު ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ބޭންކުން އެއްވެސް ބޭނުމަކަށް ސަރުކާރަށް ޑޮލަރު ދީފައި ނުވާނެ ކަމުގެ ޔަގީންކަން ޝަރީފް ދެއްވިއެވެ.
