ރ. ފުއްގިރި ކުއްޔަށް ދިނުމުގައި ރިޝްވަތު ނަގައި، މަނީ ލޯންޑާ ކުރެއްވި ކަމަށް ތުހުމަތުކޮށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރާ ދައުވާގެ ހުކުމް އިއްވުން ކްރިމިނަލް ކޯޓުން ފަސްކޮށްފިއެވެ.

މި މައްސަލަ ބައްލަވާ ގާޒީ އަލީ ނަދީމް ކުރިން ވިދާޅުވެފައިވަނީ މި މަހުގެ 29 ވަނަ ދުވަހު ހުކުމް އިއްވުމުގެ މަޖިލިސް އޮންނާނެ ކަމަށެވެ. ނަމަވެސް، ކްރިމިނަލް ކޯޓުން ނެރުނު މާދަމާގެ ތާވަލުގައި އެ މައްސަލަ ހިމަނާފައި ނުވާއިރު މާދަމާގެ އަޑުއެހުން ނެތްކަން ވަކީލުންނަށް ވަނީ އަންގާފައެވެ. އެހެންނަމަވެސް މި އަޑުއެހުން ފަސްކުރި ސަބަބެއް ކޯޓުން އަދި ހާމަކޮށްފައެއް ނުވެއެވެ.

ކްރިމިނަލް ކޯޓުގައި ފުއްގިރި މައްސަލައިގެ އަޑުއެހުންތައް މި މަހުގެ 13 ވަނަ ދުވަހު ނިންމާލާފައިވާއިރު، އެ ދުވަހު ބޭއްވި އަޑުއެހުމުގައި ފުއްގިރި ޓޫރިޒަމްގެ ބޭނުމަށް ކަނޑައެޅީ ކޮން ތާރީހެއްގައިކަމާ، ކާކުކަން އެނގޭނެ ލިއެކިއުން ދައުލަތަށް ދެއްކިފައިނުވާ ކަމަށާއި، އެކަމުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ބައިވެރިވުމެއް އޮތް ގޮތެއް ދައުލަތަށް ދެއްކިފައިނުވާކަމަށް ދިފާއުގެ ބަޔާނުގައި ބުނެފައިވެއެވެ.

ހަމަ އެހެންމެ ކްލެސިކް ސިޓީއަށް ނުގަވާއިދުން ރަށެއް ދީފައިވާނަމަ، އެ ރަށެއް އަނބުރާ ހޯދައި އަތުލުމަށް ދައުލަތުން މަސައްކަތެއް ކޮށްފައިވޭތޯ ވެސް ދިފާއުން ސުވާލު އުފައްދާފައި ވެއެވެ. އަދި އެކަން ވެސް ސާފު ނުވާކަމަށް ދިފާއީ ވަކީލު ވިދާޅުވިއެވެ.

މި މައްސަލައިގައި ޔާމީންގެ މައްޗަށް ކުރަނީ ރިޝްވަތު ގަބޫލުކުރުމުގެ ދައުވާ އާއި މަނީ ލޯންޑަރިންގެ ދައުވާއެވެ. މި މައްސަލައިގައި ސަން ސިޔާމްގެ ދެ ކުންފުންޏަށް ކުރި ދައުވާ ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފައިވާ އިރު، ކްރިކް އަހުމަދު ރިޒާގެ މައްޗަށް ކުރި ދައުވާ ދައުލަތުން ވަނީ އަނބުރާ ގެންގޮސްފައެވެ. ކޯޓު މަރުހަލާގައި ހިނގަމުންދަނީ ހަމައެކަނި ޔާމީންގެ މައްސަލައެވެ.