ރާއްޖެއަށް އައި މީހެއްގެ ލަގެޖާއި ހަށިގަނޑުގައި ރަން ފޮރުވައިގެން އެތެރެކުރި ކަމަށް ބުނެ ކްރިމިނަލް ކޯޓުން އިއްވި އެއް އަހަރު ދުވަހުގެ ޖަލު ހުކުމް އެއްކޮށް ތަންފީޒުކޮށް ނިމުނު ދުވަހު، އެ މައްސަލައިގައި ކުށް ސާބިތުނުވާ ކަމަށް ކަނޑައަޅައި ހައިކޯޓުން އޭނާ މިނިވަންކޮށްފިއެވެ.

ދުބާއީއިން ރާއްޖެއަށް އައި ސްރީލަންކާގެ ރައްޔިތެއްކަމަށްވާ މުހައްމަދު ސުލައިމްހާން ހައްޔަރުކޮށްފައިވަނީ މާޗް 21، 2023ގައެވެ. އޭނާގެ އަތުން ފެނުނު ރަނަކީ ސިއްރުން އެތެރެކޮށްފައިވާ އަދި ޑިއުޓީ ދައްކަންޖެހޭ މުދަލެއްކަމަށް ބުނެ، ދައުލަތުން އުފުލި ދައުވާ ސާބިތުވާކަމަށް ކަނޑައަޅާ އޭނާގެ މައްޗަށް ހުކުމްކޮށްފައިވަނީ އޮކްޓޯބަރު 28، 2025 ގައެވެ.

މި މައްސަލަ ސުލައިމްހާންގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފުކޮށްފައިވާއިރު، މި މައްސަލައިގެ ހުކުމް ހައިކޯޓުން ކޮށްފައިވަނީ އޭނާ ޖަލަށްލިތާ އެއް އަހަރު ފަހުން، 2026 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 28 ވަނަ ދުވަހުއެވެ.

ހައިކޯޓުން ކުރި ހުކުމުގައި ބުނީ ކަސްޓަމްސް ގާނޫނުގެ 97 ވަނަ މާއްދާގެ (ހ) ގެ ދަށުން ކުށެއް ސާބިތުކުރުމަށްޓަކައި، އެ އެއްޗަކީ އިމްޕޯޓްކުރުމުގެ ހުއްދަ ނެތް އެއްޗެއްކަމާއި، ޑިއުޓީ ދެއްކުމުން މަނާވެގަތުމުގެ ނިޔަތުގައި ސިއްރުން ގެނައިކަން ދައުވާގައި ސަރީހަކޮށް ބަޔާންކޮށް ސާބިތުކޮށްދޭންޖެހޭނެއެވެ. ނަމަވެސް މި މައްސަލައިގައި ހުށަހެޅިފައިވާ ދައުވާ އާއި ލިޔެކިޔުންތަކުން އެ ރުކުންތައް ފުރިހަމަ ނުވާކަމަށް ހައި ކޯޓުން ވަނީ ބުނެފައެވެ.

އެހެންކަމުން މި މައްސަލަ ބެއްލެވި ފަނޑިޔާރު މުހައްމަދު ޝަނީޒް އަބްދުﷲ، ފަނޑިޔާރު ހުސައިން މަޒީދު، އަދި ފަނޑިޔާރު ހުޒައިފާ މުހައްމަދު ނިންމަވާފައިވަނީ ދަށު ކޯޓުން މި މައްސަލައިގައި ކޮށްފައިވާ ހުކުމް ބާތިލުކުރުމަށެވެ.