ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ވޭތުވެދިޔަ ދެ އަހަރާއި ބައިގެ މުއްދަތުގެ ތެރޭގައި ކަސްޓަމަރުންގެ އެކި ބޭނުންތަކަށް ރެކޯޑް އަދަދެއްކަމަށްވާ 1.7 ބިލިއަން ޑޮލަރު ވިއްކާފައިވާކަން އެ ބޭންކުން ހާމަކޮށްފިއެވެ.
ބޭންކުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، 2024 ވަނަ އަހަރުގެ ޖަނަވަރީ މަހުން ފެށިގެން މި އަހަރުގެ ޖޫން މަހުގެ ނިޔަލަށް ވިއްކި މި އަދަދަކީ އޭގެ ކުރީގެ ދެ އަހަރާއި ބައިގެ މުއްދަތާ އަޅައިބަލާއިރު 77 އިންސައްތައިގެ ބޮޑު އިތުރުވުމެކެވެ. ޖުލައި 2021 އިން ޑިސެންބަރު 2023 އަށް ބޭންކުން ވިއްކާފައިވަނީ 957 މިލިއަން ޑޮލަރެވެ. އެހެންކަމުން ވޭތުވެދިޔަ ދެ އަހަރާއި ބައިގެ ތެރޭގައި 741 މިލިއަން ޑޮލަރު ވަނީ އިތުރަށް ވިއްކާފައެވެ.
މި ޑޮލަރު ވިއްކާފައިވަނީ ކާޑު މުއާމަލާތްތަކާއި، ޓެލްގްރެފިކް ޓްރާންސްފާ (ޓީޓީ)، ތައުލީމާއި ބޭސްފަރުވާގެ އިތުރުން ދަތުރުފަތުރުގެ ބޭނުންތަކަށެވެ. ކާޑު މުއާމަލާތްތަކާއި ޓީޓީއަށް ކުރި ހޭދަދިވެހި ރުފިޔާ އެކައުންޓުތަކުން ކުރި ކާޑު މުއާމަލާތްތަކަށް އެކަނިވެސް ފާއިތުވި ދެ އަހަރާއި ބައިގެ ތެރޭގައި 870 މިލިއަން ޑޮލަރު ވަނީ ވިއްކާފައެވެ. މިއީ އޭގެ ކުރީ ދެ އަހަރާއި ބައިގެ މުއްދަތާ އަޅައިބަލާއިރު ދެގުނަ އިތުރު އަދަދެކެވެ. 2021 ވަނަ އަހަރު މި ބޭނުމަށް މަހެއްގެ މައްޗަށް އެވްރެޖްކޮށް 10.7 މިލިއަން ޑޮލަރު ވިއްކާފައިވާއިރު، މިހާރު މަހެއްގެ މައްޗަށް އެވްރެޖްކޮށް 37.8 މިލިއަން ޑޮލަރު ދަނީ ވިއްކަމުންނެވެ.
ޓީޓީ ފޮނުވުމަށް ވިއްކާ ޑޮލަރުގެ މިންވަރުވެސް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. 2023 ވަނަ އަހަރު މަހެއްގެ މައްޗަށް އެވްރެޖްކޮށް 10.2 މިލިއަން ޑޮލަރު ވިއްކާފައިވާއިރު، މިއަހަރު އެ އަދަދު ވަނީ މަހަކު 28 މިލިއަން ޑޮލަރަށް އުފުލިފައެވެ.
ތައުލީމާއި ބޭސްފަރުވާ އަދި ދަތުރުވެރިންނަށް ވިއްކި ޑޮލަރުރާއްޖޭން ބޭރުގައި ކިޔަވާ ކުދިންނަށާއި ބޭސްފަރުވާ ހޯދާ އާއިލާތަކަށް ބޭންކުން ފޯރުކޮށްދޭ އެހީތެރިކަންވެސް ވަނީ އިތުރުވެފައެވެ. 2023 ވަނަ އަހަރު މަހަކު 2.9 މިލިއަން ޑޮލަރު މި ބޭނުންތަކަށް ވިއްކިއިރު، މިއަހަރު އެ އަދަދު ވަނީ މަހަކު 5.8 މިލިއަން ޑޮލަރަށް އަރާފައެވެ.
ދަތުރުވެރިންނަށް ނަގުދު ފައިސާގެ ގޮތުގައި ޑޮލަރު ވިއްކާ މިންވަރުވެސް ވަނީ 70 އިންސައްތަ އިތުރުވެފައެވެ. އެގޮތުން ޖަނަވަރީ 2024 އިން ޖޫން 2026 އަށް 264 މިލިއަން ޑޮލަރު ދަތުރުވެރިންނަށް ވިއްކާފައިވެއެވެ.
ފަސް އަހަރު ތެރޭގައި ހަތަރު ގުނަ އިތުރުވުމެއްބޭންކުން ހާމަކުރި ގޮތުގައި ފާއިތުވި ފަސް އަހަރުގެ ތެރޭގައި މަހެއްގެ މައްޗަށް ބޭރު ފައިސާ ވިއްކާ މިންވަރު ވަނީ ގާތްގަނޑަކަށް ހަތަރު ގުނަ އިތުރުވެފައެވެ. 2021 ވަނަ އަހަރު މަހަކު 21 މިލިއަން ޑޮލަރު ވިއްކިއިރު، 2026 ވަނަ އަހަރުގެ ފުރަތަމަ ހަ މަސްދުވަހުގެ ތެރޭގައި މި އަދަދު ވަނީ މަހަކު 80 މިލިއަން ޑޮލަރަށް އުފުލިފައެވެ.
ބޭންކް އޮފް މޯލްޑިވްސްއިން ބުނީ މި ތަފާސްހިސާބުތަކުން ހާމަވަނީ ރާއްޖޭގެ ބޭރު ފައިސާގެ ބޭނުންތައް ފުއްދައިދިނުމުގައި ބޭންކުން ބަހައްޓާ ސާބިތުކަން ކަމަށެވެ. އަދި ޑޮލަރަށް އޮންނަ ޑިމާންޑް އިތުރުވަމުންދާއިރު، ކަސްޓަމަރުންގެ ޒަރޫރީ ބޭނުންތަކަށް ޑޮލަރު ފޯރުކޮށްދިނުމަށް އަބަދުވެސް އިސްކަންދޭނެ ކަމަށް ބޭންކުން ބުނެފައިވެއެވެ.
