ދިވެހި ފުލުހުންގެ ހިދުމަތުގައި އުޅުއްވަނިކޮށް ނިޔާވި ސީނިއާ ސާޖަންޓް އަހްމަދު އާސިފްގެ އިހުލާސްތެރި ހިދުމަތުގެ އަގުވަޒަންކުރުމުގެ ގޮތުން، އޭނާއަށް މިއަދު މަގާމުގެ ކުރިއެރުން ދީފިއެވެ.
ފުލުހުން ބުނީ، ސާވިސް ނަންބަރު 4702، އަހްމަދު އާސިފަށް މިއަދު އަރުވާފައި ވަނީ ސަބް އިންސްޕެކްޓާ އޮފް ޕޮލިސްގެ ރޭންކް ކަމަށެވެ. މި ޝަރަފަކީ އާސިފް ދިވެހި ފުލުހުންގެ ހިދުމަތުގައި ދެއްކެވި ނަމޫނާ މަސައްކަތާއި، މަސައްކަތަށް ބެހެއްޓެވި ފަރުވާތެރިކަމުގެ އަގުވަޒަންކުރުމުގެ ގޮތުން އެރުވުނު ކުރިއެރުމެއް ކަމަށް ފުލުހުން ބުނެއެވެ.
ސަބް އިންސްޕެކްޓާ އޮފް ޕޮލިސް އަހްމަދު އާސިފް ނިޔާވީ ރޭ ދަންވަރުގެ ވަގުތެއްގައި، ފުލުހުންގެ ރަސްމީ ވާޖިބު އަދާކުރައްވަމުން ގެންދަވަނިކޮށެވެ. އޭނާގެ ކުއްލި ވަކިވެދިއުމަކީ ފުލުހުންގެ މުއައްސަސާއަށާއި، އޭނާ ވަފާތެރިކަމާއެކު ހިދުމަތްކުރެއްވި މި ގައުމަށް ލިބުނު ފުން ހިތާމައެއްގެ ގޮތުގައި ފުލުހުން ފާހަގަކުރެއެވެ.
މި މަގާމުގެ ކުރިއެރުމާ ގުޅޭގޮތުން ފުލުހުން ބުނީ، މިއީ މުޖުތަމައުގެ އަމަންއަމާންކަން ދެމެހެއްޓުމަށާއި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގައި އާސިފް އަދާކުރެއްވި މަތިވެރި ދައުރުގެ އަގުވަޒަންކުރުން ކަމަށެވެ. އަދި އޭނާ ދެއްކެވި ނަމޫނާއާއި ކޮށްދެއްވި އަގުހުރި ހިދުމަތްތަކުގެ ހަނދާންތައް އަބަދުވެސް އާކުރެވޭނީ ނުހަނު އިހުތިރާމާއެކު ކަމަށްވެސް މުއައްސަސާއިން ބުނެފައި ވެއެވެ.
އާސިފް ނިޔާވުމާ ގުޅިގެން، ދިވެހި ފުލުހުންގެ ހިދުމަތުގެ ފަރާތުން ވަނީ އޭނާގެ އާއިލާއަށާއި، ލޯބިވާ ފަރާތްތަކަށް، އަދި އެކުގައި މަސައްކަތްކުރެއްވި އެންމެހާ މުވައްޒަފުންނަށް އިހުލާސްތެރިކަމާއެކު ތައުޒިޔާ ފޮނުވާފައެވެ. ފުލުހުން ބުނީ، ދުއާކުރަނީ މާތްﷲ އަހްމަދު އާސިފްގެ ފުރާނައަށް ރަޙުމަތްލައްވައި، ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރުކުރެއްވުމަށް ކަމަށެވެ.
