ބަނގުރާ ވިއްކުމުގެ މަސައްކަތުގައި އުޅުނީ އެކަން ނުކޮށްފިނަމަ އަނބުރާ ގައުމަށް ފޮނުވާލާނެ ކަމަށް ބުނެ ބޮސް ބިރުދައްކައި އިންޒާރުދޭތީ ކަމަށް ހ. މާދޫގޭގައި ހިންގި އޮޕަރޭޝަނުން ހައްޔަރުކުރި ބިދޭސީއަކު ބުނެފިއެވެ.
މާލެ ތެރެއަށް ފުޅާ ދާއިރާއެއްގައި ބަނގުރާ ސަޕްލައިކޮށްދެމުންދިޔަ ނެޓްވޯކަކަށް އަމާޒުކޮށް ހ. މާދޫގޭގައި ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ހައްޔަރުކުރީ އަލް އަމީން، ޕޮލިން، އަދި އެމްޑީ ރަކިބް ހޮސެންއެވެ. މީގެ އިތުރުން މިކަމުގައި އިސްކޮށް އުޅުނު ދިވެއްސެއްކަމަށްވާ ހ. ކަރޯގޭ، މުހައްމަދު ރަޝްވާން އައްބާސްވެސް ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ.
އޭގެ ތެރެއިން ތިން ބިދޭސީންގެ ބަންދަށް ކުރިން އިތުރުކުރި 15 ދުވަސް ހަމަވާތީ މިއަދު ވަނީ އެމީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކޮށްފައެވެ. އަދި ތިން ބިދޭސީންގެ ބަންދަށް ކްރިމިނަލް ކޯޓުން ވަނީ 30 ދުވަސް އިތުރުކޮށްދީފިއެވެ.
މި މައްސަލައިގައި ބަންދު މަޖިލީހުގައި ވާހަކަދައްކަމުން ބިދޭސީއަކު ބުނެފައިވަނީ، ބަނގުރާ ވިއްކުމުގެ މަސައްކަތުގައި އުޅުނީ އެކަން ނުކޮށްފިނަމަ އަނބުރާ ގައުމަށް ފޮނުވާލާނެ ކަމަށް ބުނެ ބޮސް (ރަޝްވާން) ބިރުދައްކައި އިންޒާރުދޭތީ ކަމަށެވެ.
ކޯޓު އަމުރެއްގެ ދަށުން މާދޫގޭގެ ދެ ފްލޯއެއް ބަލައި ފާސްކުރިއިރު، 826 ފުޅި ބަނގުރާ ވަނީ ފެނިފައެވެ. މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.
