ފީފާ ވޯލްޑް ކަޕް 2026 ގެ ފޯރި ދިވެހި ޒުވާނުންނާ ހަމައަށް ފޯރުކޮށްދިނުމުގެ މަގުސަދުގައި، ޔޫތް މިނިސްޓްރީން ހާއްސަ 'ވޮޗް ޕާޓީ' ސީރީޒްއެއް ބޭއްވުމަށް ނިންމައިފިއެވެ.
ލިލީމަގުގައި ހުންނަ ޔޫތު ހަބްގައި ކުރިއަށްގެންދާ މި ހަރަކާތް ރަސްމީކޮށް ފެށުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 11 ވާ ބުރާސްފަތި ދުވަހުގެ ރޭގައެވެ. މި ރަސްމިއްޔާތުގައި ސަރުކާރުގެ އިސްވެރިންނާއި، ފާހަގަކޮށްލެވޭ އެތުލީޓުން ބައިވެރިވެވަޑައިގަންނަވާނެއެވެ.
ޖޫން 11 އިން ޖުލައި 19 އަށް ކުރިއަށްދާ މި ހަރަކާތުގައި ވޯލްޑް ކަޕްގެ ހުރިހާ މެޗެއް ވަގުތުން ދެއްކުމަށް ވަނީ ހަމަޖެހިފައެވެ. އެއްފަހަރާ 250 މީހުންނަށް ތިބެވޭގޮތަށް ފަރުމާކޮށްފައިވާ ޔޫތު ހަބްގެ މި މާހައުލަކީ އާއިލީ ބޭފުޅުންނަށް ވެސް ބައިވެރިވެވޭނެ ފަދަ ރައްކާތެރި މާހައުލެކެވެ. މި ހަރަކާތަށް ވަނުމަށް އެއްވެސް ފީއެއް ނުނަގާނެ ކަމަށް ޔޫތު މިނިސްޓްރީން މައުލޫމާތުދެއެވެ.
މެޗުތައް ބަލާލުމުގެ އިތުރުން، މި ހަރަކާތުގެ ތެރެއިން ހިލޭ ބުއިމާއި ކާބޯތަކެތި ލިބޭނެ ސްޓޯލްތަކާއި، ތަފާތު ކުޅިވަރުތައް ކުރިއަށްދާނެއެވެ. އަދި ގުރުއަތުން ހޮވޭ ފަރާތްތަކަށް އަގުހުރި އިނާމުތަކެއް ދިނުމަށްވެސް ވަނީ ރޭވިފައެވެ. އޭގެ ތެރޭގައި މުބާރާތުގެ ރަސްމީ ފުޓްބޯޅައާއި، 'ޔޫތު ބައި ޖިމްނޭޝިއާ'ގެ އެއް މަސްދުވަހުގެ ހިލޭ ޖިމް މެންބާޝިޕް ހިމެނެއެވެ. މީގެ އިތުރުން، މުބާރާތް ކުރިއަށްދާ މުއްދަތުގައި ކޮންމެ ހުކުރު ދުވަހެއްގެ ހަވީރު ކުޑަކުދިންނަށް ޚާއްޞަ ކުޑަކުދިންގެ ހަވީރުތަކެއް ޔޫތު ހަބްގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
ޔޫތު މިނިސްޓްރީން ހާމަކުރި ގޮތުގައި، މި ހަރަކާތުގެ މައިގަނޑު މަގްސަދަކީ ކުޅިވަރުގެ ޒަރީއާއިން ގައުމީ އެއްބައިވަންތަކަން އާލާކޮށް، ޒުވާނުންނަށާއި މުޅި މުޖުތަމައުއަށް ފައިދާހުރި، އުފާވެރި މާހައުލެއް ބިނާކޮށްދިނުމެވެ.
މި ބޮޑު ހަރަކާތަކީ ގިނަ މުއައްސަސާތަކެއްގެ އެހީތެރިކަމާއެކު ކުރިއަށްގެންދާ ހަރަކާތެކެވެ. މީގެ ތެރޭގައި ޕީއެސްއެމް، މީޑިއާނެޓް، ޓީވީއެމް، ބްރިޓިޝް ހައި ކޮމިޝަން، ވިލާ ކޮލެޖް، އެލައިޑް އިންޝުއަރަންސް، ލިޓަސް، އައިސް ނެޓްވޯކް، ކޮކާކޯލާ، ބީއެމްއެލް، ޕްރޮކްސީ ހޯމް، މޯލްޑިވްސް ޕޯސްޓް އަދި އެފްއޭއެމް ހިމެނެއެވެ.
