ރޭ ނިމިގެން ދިޔަ ފީފާ ވޯލްޑްކަޕް 2026 ގައި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ އެވޯޑް ފްރާންސްގެ ކެޕްޓަން ކިލިއަން އެމްބާޕޭ ހޯދައިފިއެވެ. މިއީ ވޯލްޑްކަޕްގައި އެންމެ ގިނަ ގޯލު ޖަހާ ކުޅުންތެރިޔާއަށް ދޭ ރަން ބޫޓު އެމްޕާބޭއަށް ލިބުނު ދެވަނަ ފަހަރެވެ. އޭނާއަކީ ވޯލްޑްކަޕްގެ ތާރީހުގައި ވެސް މި އެވޯޑް ދެ ފަހަރު ހޯދި ފުރަތަމަ ކުޅުންތެރިޔާއެވެ.
2022 ވަނަ އަހަރު ގަތަރުގައި އޮތް ވޯލްޑްކަޕްގައި 8 ގޯލު ޖަހާ ރަން ބޫޓު ގެންދިޔަ އިރު މިފަހަރު އެމްބާޕޭ ވަނީ 8 މެޗުގައި 10 ގޯލު ޖަހާފައެވެ.
އުމުރުން 27 އަހަރުގެ އެމްބާޕޭ އަކީ 1970 ވަނަ އަހަރުގެ ފަހުން ވޯލްޑްކަޕް މުބާރާތެއްގައި ދިހަ ގޯލަ ޖެހި ފުރަތަމަ ކުޅުންތެރިޔާއެވެ. އަދި އޭނާ އަކީ ފިރިހެނުންގެ ވޯލްޑްކަޕްގައި އެންމެ ގިނަ ގޯލު ޖަހާފައިވާ ކުޅުންތެރިޔާއެވެ. މިގޮތުން، ރިއާލް މެޑްރިޑްގެ ފޯވަޑް މިވަނީ ވޯލްޑްކަޕްގެ ތިން މުބާރާތުގައި ޖުމްލަ 22 ގޯލު ޖަހާފައެވެ.
މި ރިކޯޑް ކުރިން އޮތީ އާޖެންޓީނާގެ ކެޕްޓަން ލައިނަލް މެސީ އަތުގައެވެ. އަދި ރޭ ސްޕެއިންއާ ދެކޮޅަށް ކުޅުނު މެޗުގައި މެސީ ހެޓްރިކް ހެދި ނަމަ އަންނަ ވޯލްޑްކަޕާ ހަމައަށް މި ރިކޯޑް އޮންނާނީ މެސީގެ އަތުގައެވެ. އެހެން ނަމަވެސް ރޭ މެސީއަށް ގޯލާ އަމާޒުކޮށް އެންމެ ޝޮޓެއް ވެސް ފޮނުވާލެވޭ ގޮތެއް ނުވިއެވެ.
މި މުބާރާތުގައި މެސީ 8 ލަނޑު ޖެހި އިރު އިންގްލޭންޑްގެ ޖޫޑް ބެލިންގްހަމް އަދި ނޯވޭގެ އާލިންގް ހާލަންޑް ވަނީ 7 ލަނޑު ޖަހާފައެވެ.
