އެމެރިކާ، ކެނެޑާ، މެކްސިކޯގައި ބޭއްވީ ފީފާ ވޯލްޑްކަޕް 2026 މީގެ ކުރިން ބޭއްވި މުބާރާތްތަކަށް ވުރެ 5 ގުނަ ބޮޑުވެފައި ކާމިޔާބު ކަމަށް އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

އެމެރިކާގައި ރޭ ނިމިގެން ދިޔަ ވޯލްޑްކަޕްގެ ތަށި އުފުލާލީ ޔޫރަޕިއަން ޗެމްޕިއަންސް ސްޕެއިންއެވެ. ސްޕެއިން ފައިނަލް މެޗު ކާމިޔާބުކުރީ 2022 ވަނަ އަހަރުގެ މުބާރާތް ހޯދި އާޖެންޓީނާ 1-0 އިން ބަލިކުރުމަށްފަހުއެވެ.

އިންގްލޭންޑްގެ ބީބީސީއަށް ދެއްވި އިންޓަވިއުއެއްގައި ޓްރަމްޕް ވިދާޅުވީ، ރޭ ނިމިގެން ދިޔަ ވޯލްޑްކަޕް އަކީ މިހާތަނަށް ބޭއްވުނު އެންމެ ބޮޑު އަދި އެންމެ ކާމިޔާބު ކުޅިވަރުގެ ހަރަކާތް ކަމަށެވެ. އަދި މިއީ މިހާތަނަށް ބޭއްވި ހުރިހާ ވޯލްޑްކަޕް މުބާރާތްތަކަށް ވުރެ 5 ގުނަ ކާމިޔާބު މުބާރާތެއް ކަމަށް ވެސް އެމެރިކާގެ ރައީސް ވިދާޅުވިއެވެ.

ޓްރަމްޕް ވިދާޅުވީ، މުބާރާތް ހޯސްޓްކުރުމުގައި އެމެރިކާއިން ކޮށްފައިވާ މަސައްކަތްތަކާ މެދު ފަހުރުވެރިވާ ކަމަށާ ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯއާ އޭނާގެ ސްޓާފުން ކުރި މަސައްކަތަށް ވެސް މަރުހަބާ ކިޔާ ކަމަށެވެ.

ފައިނަލުން އާޖެންޓީނާ ބަލިވުމުން ހިތާމަކުރައްވާތޯ ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ޓްރަމްޕް ވިދާޅުވީ، އޭނާ އެކަމާ ހިތާމަ ނުކުރާ ކަމަށާ އަދި ހަމަ ހަމަ ކުޅުމެއް ފެނިގެން ދިޔަ މެޗުގައި ސްޕެއިނުން ތަންކޮޅެއް މޮޅަށް ކުޅުނު ކަމަށެވެ. އަދި މި ކާމިޔާބީއަކީ ސްޕެއިންއަށް ހައްގު ކާމިޔާބީއެއް ކަމަށް ވެސް ޓްރަމްޕް ވިދާޅުވިއެވެ.

ޓްރަމްޕްގެ ވާހަކައިގައި މުބާރާތް ކޯ-ހޯސްޓް ކުރި އަނެއް ދެ ގައުމު ކަމަށްވާ ކެނެޑާ އަދި މެކްސިކޯގެ ނަން ފާހަގަކުރައްވާފައެއް ނުވެއެވެ.

ތަށި ހަވާލުކުރައްވާފައި ޓްރަމްޕް ސްޓޭޖުން ދުރަށް ވަޑައިނުގެން މަންޒަރު އަނެއްކާވެސް އިންޓާނެޓްގެ ސަމާލުކަމަށް

ވޯލްޑްކަޕްގެ ފައިނަލްގައި މޮޅުވާ ޓީމަކަށް ތަށި ހަވާލުކުރައްވާނީ އެމެރިކާގެ ރައީސް ޓްރަމްޕްކަން މާ ކުރިން ފީފާއިން ވަނީ އިއުލާނުކޮށްފައެވެ. މުބާރާތުގެ ޝަރަފުވެރި އެވޯޑްތައް ހާސިލްކުރި ކުޅުންތެރިންނަށާ ފައިނަލްގައި ކުޅުނު ދެ ޓީމަށް މެޑަލް ދެއްވުމަށް ޓްރަމްޕް ވެސް ހުންނެވިއެވެ. އަދި ވޯލްޑްކަޕްގެ ތަށި ސްޕެއިންގެ ކެޕްޓަން ރޮޑްރީއާ ހަވާލުކުރެއްވީ ވެސް ޓްރަމްޕްއެވެ.

އިންޓާނެޓް ޔޫސަރުންނަށް ފާހަގަ ކުރެވުނު ކަމަކީ އާއްމުކޮށް މުބާރާތުގެ ޗެމްޕިއަން ޓީމަށް ތަށި ހަވާލުކުރާ ޝަރަފުވެރި މެހެމާން ތަށި ހަވާލުކުރުމަށް ފަހު ޗެމްޕިއަން ޓީމު ތަށި އުފުލާލުމުގެ ކުރިން ޕޯޑިއަމްއިން ފައިބާ އިރު ރޭ ޓްރަމްޕް އެތަނުގައި ހުންނެވި ތަނެވެ. އަދި ފީފާގެ ރައީސް އިންފަންޓީނޯ އިޝާރާތް ކުރެއްވުމުން ވެސް ޓްރަމްޕް އެއް ފަރާތަކަށް ޖެހިނުލައްވާ ހުންނެވި މަންޒަރު ގިނަ ބައެއްގެ ލޮލުގައި އަޅައިގަތެވެ.

ސްޕެއިން ތަށި އުފުލާލި ވަގުތު ވެސް ޓްރަމްޕް ޓީމާ ދުރަށް ޖެހިވަޑައިގެން ނުގަތް މަންޒަރު މިވަނީ ދުނިޔޭގެ ސަމާލުކަމަށް އައިސްފައި/ފޮޓޯ: އެކްސް

މިއީ މިފަދަ ކަމެއް ޓްރަމްޕް ކުރެއްވި ފުރަތަމަ ފަހަރެއް ވެސް ނޫނެވެ. 2025 ވަނަ އަހަރު އެމެރިކާގައި އޮތް ފީފާ ކްލަބް ވޯލްޑްކަޕްގެ ފައިނަލް ޗެލްސީ ކާމިޔާބުކޮށް ތަށި އުފުލާލި އިރު ތަށި ކެޕްޓަންއަށް ދިނުމަށް ފަހު ޓްރަމްޕް ހުންނެވީ ޗެލްސީގެ ކުޅުންތެރިންގެ ތެރޭގައެވެ. މި ފަހަރުގެ މުބާރާތުގައި ސްޕެއިންގެ ކުޅުންތެރިންނާ ކުޑަކޮށް ދުރަށް ޖެހިވަޑައިގެންނެވި ކަން ވެސް އެއީ ނަސީބެއް ކަމަށް އިންޓަނޭޓް ޔޫސަރުން ފާހަގަކުރިއެވެ.