އިންޑިއާއަށް ދަތުރުކުރާ ހުރިހާ ފަސިންޖަރުން ވެސް ފުރުމުގެ ކުރިން ސެލްފް-ޑެކްލަރޭޝަން ފޯމު ފުރަން ޖެހޭ ގޮތަށް ހަމަޖައްސައިފިއެވެ.
މިކަމާ ގުޅިގެން މޯލްޑިވިއަން އިން ބުނީ މިގޮތަށް ހަމަޖައްސާފައިވަނީ އިންޑިއާ ސަރުކާރުގެ ޑައިރެކްޓޮރޭޓް ޖެނެރަލް އޮފް ސިވިލް އޭވިއޭޝަން (ޑީޖީސީއޭ) ގެ އެންގެވުމާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ.
މޯލްޑިވިއަން އިން ބުނީ މި ފިޔަވަޅަކީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން އެބޯލާ ބަލި ބައިނަލްއަގުވާމީ ފެންވަރުގައި އާންމު ސިއްހަތަށް އޮތް ކުއްލި ނުރައްކަލެއްގެ ގޮތުގައި ކަނޑައެޅުމާ ގުޅިގެން ރައްކާތެރިކަމުގެ ގޮތުން އަޅާފައިވާ ފިޔަވަޅެއް ކަމަށެވެ.
ދަތުރުވެރިންގެ ފަސޭހައަކަށް ޓަކައި، ކިއުއާރް ކޯޑު ސްކޭންކޮށްލައިގެން މި ފޯމު ފަސޭހަކަމާއެކު ފުރާލެވޭނެ އިންތިޒާމު މިހާރު ވަނީ ހަމަޖައްސާފައެވެ.
އެބޯލާ އަކީ "އެބޯލާ ވައިރަސް" ގެ ސަބަބުން ޖެހޭ، ފުރާނައަށް ނުރައްކާާ ބޮޑު ބައްޔެކެވެ. މިއީ ވައިރަސް ޖެހިފައިވާ އިންސާނެއްގެ ނުވަތަ ޖަނަވާރެއްގެ ލެއާއި، ކުޅާއި، ދާ ފަދަ ހަށިގަނޑުން ނުކުންނަ ދިޔާ އެއްޗެއްގައި ބޭރުފުށުން ބީހުމުގެ ސަބަބުން ވަރަށް ފަސޭހައިން ފެތުރޭ ބައްޔެކެވެ.
އިންޑިއާގެ ސިއްހީ ވުޒާރާއިން ހާމަކުރާ ގޮތުގައި، މި ފޯމު ފުރުމުގެ ބޭނުމަކީ ބަލީގެ އަލާމާތެއް ހުރި މީހަކު ގައުމަށް އެތެރެވޭތޯ ބަލައި، ބަލި ފެތުރުން ހުއްޓުވުމެވެ.
އަދި އިންޑިއާއަށް ދިއުމަށްފަހު 21 ދުވަސް ތެރޭގައި މިފަދަ އަލާމާތެއް ފެނިއްޖެނަމަ، ލަސްނުކޮށް ސިއްހީ އެހީތެރިކަން ހޯދުމަށްވެސް ވަނީ އިރުޝާދުދީފަ އެވެ.
