ދެކުނުގެ ހަތަރު އަތޮޅު ވައިގެމަގުން ގުޅާލުމަށް ފެށި މަޝްރޫއު ކާމިޔާބުކަމާއެކު ކުރިއަށްދާތީ، އެ ތަޖުރިބާއަށް ބަލައި ރާއްޖޭގެ އުތުރުގެ ތިން އަތޮޅުވެސް ވައިގެ މަގުން ގުޅާލުމުގެ އަމަލީ މަސައްކަތް ސަރުކާރާ ގުޅިގެން ފަށާފައިވާ ކަމަށް އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް އިޔާސް ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް ނިއުސްގައި ވާހަކަދައްކަމުން އިޔާސް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިސްނެންގެވުމުގެ ދަށުން އެތެރޭގެ އުދުހުންތައް ލުއިފަސޭހަކުރުމަށް ފެއްޓެވި މި މަޝްރޫއުގެ ދަށުން ހއ. ހދ. އަދި ށ. އަތޮޅު ގުޅާލުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ. އަދި މިއަހަރުގެ ފަހުކޮޅު އުތުރުގެ މި ތިން އަތޮޅު ވައިގެ މަގުން ގުޅާލެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ދެކުނުގެ ދަތުރުފަތުރުގެ ކާމިޔާބީތައް ހިއްސާކުރައްވަމުން އިޔާސް ވިދާޅުވީ މިއަހަރުގެ ފެބުރުއަރީ 1 އިން ފެށިގެން ދެކުނުގެ 4 އަތޮޅަށް ފެށި ދަތުރުތަކުގައި މިހާތަނަށް 2,900 އަށްވުރެ ގިނަ ފަސިންޖަރުން ހިދުމަތް ހޯދާފައިވާ ކަމަށެވެ. މި ދަތުރުތައް މިހާރު ކުރިއަށްދަނީ 70 އިންސައްތައަށްވުރެ މަތީގެ ލޯޑު ފެކްޓާއެއްގައިކަން ފާހަގަކޮށް އިޔާސް ވިދާޅުވީ މި ދަތުރުތަކުގައި ބޭނުންކުރަނީ 15 ގޮނޑީގެ ޓްވިންއޮޓާ މަރުކާގެ ބޯޓުތައް ކަމަށެވެ.
ކޮންމެ ދުވަހަކު ގަމުން ފުވައްމުލަކަށް، އަދި ފުވައްމުލަކުން ކޫއްޑޫ ނުވަތަ ކާޑެއްދޫއަށް ދަތުރުތައް ކުރަމުން އަންނަކަން ފާހަގަކޮށް އިޔާސް ވިދާޅުވީ މީގެ އިތުރުން ގަމަށް ދަތުރުކުރާ ސްރީލަންކަން އެއާލައިންސްގެ ފްލައިޓްތަކާ ގުޅުވައިގެން ބައެއް ދުވަސްދުވަހު ދެ ދަތުރުވެސް ބާއްވާ ކަމަށެވެ.
ރާއްޖޭގެ ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކުރުމަކީ ސަރުކާރުގެ މުހިންމު އަމާޒަކަށްވާއިރު، ޤައުމީ އެއަރލައިން، މޯލްޑިވިއަންގެ ހިދުމަތް ފުޅާކޮށް ބައިނަލްއަގްވާމީ މަންޒިލްތަކަށް ދަތުރުތައް ފެށުމަށްޓަކައި އިތުރު ވައިޑް ބޮޑީ އެއާކްރާފްޓެއް ގެނައުމުގެ މަސައްކަތްވެސް ސަރުކާރުން ދަނީ ކުރަމުންނެވެ.
