ކުރިއަށް އޮތް ސްކޫލް ބަންދާ ދިމާކޮށް އެތެރޭގެ އުދުހުންތަކަށް އޮތް ޑިމާންޑް ބޮޑުވުމުގެ ސަބަބުން، ގައުމީ އެއާލައިން މޯލްޑިވިއަނުން 2،000 އަށްވުރެ ގިނަ ފްލައިޓް ބޭއްވުމަށް ނިންމައިފިއެވެ. މިއީ އެ ކުންފުނިން އާންމުކޮށް ކުރާ ޝެޑިއުލް ދަތުރުތަކާ އަޅާބަލާއިރު 17 އިންސައްތައިގެ އިތުރުވުމެކެވެ.
ޕީއެސްއެމް ނިއުސްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މޯލްޑިވިއަންގެ ސީނިއާ މެނޭޖަރ މާކެޓިން އެންޑް ކޮމިއުނިކޭޝަން ހަސަން ޝާރިހް އާދަމް ވިދާޅުވީ، ސްކޫލް ޗުއްޓީ ދުވަސްވަރަކީ އަބަދުވެސް ދަތުރުވެރިން ގިނަ ދުވަސްވަރަކަށް ވާތީ، އެ ކުންފުނިން ވަރަށް ދުރާލާ ތައްޔާރުވަމުން އަންނަކަމަށެވެ.
އެގޮތުން މި ޗުއްޓީގައި ޖުމްލަ 2،000 އަށްވުރެ ގިނަ ފްލައިޓް އޮޕަރޭޓް ކުރާނެކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. މިހާރުވެސް 1،700 އަށްވުރެ ގިނަ ފްލައިޓް މައުންޓްކުރެވިފައިވާކަން ފާހަގަކޮށް ޝާރިހް ވިދާޅުވީ ޑިމާންޑަށް ބަލައި 325 އަށްވުރެ ގިނަ ފްލައިޓް އިތުރުކުރާނެކަމަށެވެ.
"މިއިން ކޮންމެ 6 ފްލައިޓަކުން 1 ފްލައިޓަކީ އެޑިޝަނަލް ފްލައިޓެއް. ޖުމްލަ 110،000 އަށްވުރެ ގިނަ ފަސިންޖަރުން މި ބަންދުގައި އުފުލުމަށް ވަނީ އަމާޒު ހިފާފައި. މިހާރުވެސް މި ފްލައިޓްތަކަށް ބުކިން ހެދުމުގެ ފުރުސަތު ކަސްޓަމަރުންނަށް ވަނީ ހުޅުވާލާފައި" ޝާރިހް ވިދާޅުވިއެވެ.
ނިމިދިޔަ އީދު ބަންދުގައިވެސް މޯލްޑިވިއަނުން ވަނީ ކާމިޔާބު އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައެވެ. އެގޮތުން ޖުމްލަ 1،200 އަށްވުރެ ގިނަ ފްލައިޓް ބާއްވައި، 65،000 އަށްވުރެ ގިނަ ފަސިންޖަރުންނަށް ވަނީ ހިދުމަތް ދީފައެވެ. ޢީދު ބަންދުގައި ކޮންމެ 5 ފްލައިޓަކުން 1 ފްލައިޓަކީ އިތުރު ކުރެވުނު ފްލައިޓެކެވެ.
ސްކޫލް ބަންދަކީ އަތޮޅުތަކަށް ރަށުން ބޭރަށް ދަތުރުކުރާ މީހުންގެ އަދަދު އިންތިހާއަށް އިތުރުވާ ދުވަސްވަރަކަށް ވުމުން، މޯލްޑިވިއަނުން އަންނަނީ އެތެރޭގެ ހުރިހާ އެއާޕޯޓްތަކަކަށް ކުރާ ދަތުރުތައް އިތުރުކޮށް ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް މަސައްކަތްކުރަމުންނެވެ.
