މާލޭގައި ރޭ ކުރިއަށްދިޔަ އެއްވުމުގެ ތެރެއިން، މުޒާހަރާގެ ބައިވެރިންނާއި ފުލުހުންނާ ދެމެދު ހިނގި ހަމަނުޖެހުންތަކެއްގައި ފުލުހެއްގެ ލޯމަތި ފަޅައިގެން އަނިޔާ ވެއްޖެއެވެ.
ގެރޭ މާލޭގެ މަގުތަކުގައި ކުރިއަށްދިޔަ މި އެއްވުމަކީ ސުލްހަވެރިކަމާއެކު ފެށި އެއްވުމެއް ނަމަވެސް، ފަހުން ވަނީ ހަމަނުޖެހުމަކަށް ބަދަލުވެފައެވެ. ފުލުހުންގެ ސަފުތައް ފަޅާލައި، ބައެއް ބައިވެރިން ފުލުހުންނާ ކުރިމަތިލުމުގެ ސަބަބުން ހިނގި މި ހާދިސާގައި އަނިޔާވެފައި ވަނީ މުޒާހަރާ ކޮންޓްރޯލް ކުރުމުގައި އިސް ސަފުގައި ހަރަކާތްތެރިވި ފިރިހެން ފުލުހަކަށެވެ.
މި ހާދިސާ ހިނގަން މެދުވެރިވީ، އެއްވުމުގެ ބައިވެރިން ކަނޑައެޅިފައިވާ ސަރަހައްދުން ބޭރަށް ނިކުމެ، އާންމު ދަތުރުފަތުރަށާއި މަގުމަތީގެ އަމަންއަމާންކަމަށް ހުރަސްއެޅޭ ގޮތަށް އަމަލުކުރަން ފެށުމުން، އެކަން ހުއްޓުވުމަށް ފުލުހުން މަސައްކަތް ފެށުމާ ގުޅިގެންނެވެ.
އެގޮތުން އެ ސަރަހައްދުން އެއްވުމުގެ ބައިވެރިން ދުރަށް މަންޒަރު ދުށް ފަރާތްތަކުން ބުނާ ގޮތުގައި، ފުލުހުންނާއި މުޒާހަރާގެ ބައިވެރިންނާ ދެމެދު ހިނގި ކޮއްޕުމުގެ ތެރެއިން ބައިވެރިއަކު އެއްލި އެއްޗަކުން ނުވަތަ ދިން ހަމަލާއަކުން ފުލުހެއްގެ މޫނުމަތީގައި ޖެހި ލޯމަތި ވަނީ ފަޅައިގެން ގޮސްފައިވާ ކަމަށެވެ. މި ހަމަލާއާ ގުޅިގެން އެ ސަރަހައްދުގައި ހަރަކާތްތެރިވި އެހެން ފުލުހުން ވަނީ ވަގުތުން އެ ފުލުސް މީހާ އެތަނުން ދުރުކޮށް، އަވަސް ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންގޮސްފައެވެ.
ހަމަނުޖެހުން ކޮންޓްރޯލް ކުރުމަށްޓަކައި ފުލުހުން ވަނީ ބާރުގެ ބޭނުންކޮށް، މުޒާހަރާގެ ބައިވެރިން އެ ސަރަހައްދުން ފަހަތަށް ޖައްސާފައެވެ. އަދި އެ ސަރަހައްދުގެ އަމަން ގާއިމުކުރުމަށްޓަކައި އިތުރު ފުލުހުން ވަނީ އެ ސަރަހައްދަށް ނެރެފައެވެ. އަނިޔާވި ފުލުސް މީހާއަށް ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު، ހާލަތު ރަނގަޅުވުމުން މިހާރު ވަނީ ހޮސްޕިޓަލުން ދޫކޮށްލާފައި ކަަމަށް ފުލުހުން ބުނެއެވެ.
ރޭގެ މުޒާހަރާގައި ބައެއް ބައިވެރިން ހައްޔަރުކޮށްފައިވާ އިރު، އިދިކޮޅު ސިޔާސީ ޕާޓީން ހާމަކުރާ ގޮތުގައި ޖުމްލަ 10 މީހަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. ނަމަވެސް މިކަމާ ގުޅިގެން އަދި ފުލުހުންގެ ބަހެއް ލިބިފައެއް ނުވެއެވެ.
