ބައިނަލްއަގްވާމީ ނަރުހުންގެ ދުވަހުގެ މުނާސަބަތުގައި، ރާއްޖޭގެ ސިއްހީ ނިޒާމުގެ މައިބަދައަކީ ނަރުހުންގެ ހިތްވަރާއި ޕްރޮފެޝަނަލިޒަމް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ.
ނަރުހުންގެ ދުވަހާ ގުޅިގެން ސާޖިދާ ވިދާޅުވީ، ނަރުހުންގެ ވަރުބަލިކަމެއް ނެތް ހިދުމަތާއި އަމިއްލަ އެދުމެއް ނެތް ގުރުބާނީގެ ސަބަބުން، ބަލިމީހުންނަށް ލުއިފަސޭހަކަން ލިބި، އާއިލާތަކަށް އުންމީދު ލިބި، މުޖުތަމައުތަކަށް ޝިފާ ލިބެމުންދާ ކަމަށެވެ. އެކަމަނާ ވިދާޅުވި ގޮތުގައި، ކޮންމެ ދުވަހަކުވެސް ނަރުހުން ދައްކަވައިދެއްވަނީ އޯގާތެރިކަމާއި ކުލުނުގެ ލާމަސީލު މިސާލެކެވެ.
އެހެންކަމުން، ނަރުހުން އަދާކުރާ އަގުހުރި ހިދުމަތަށާއި، އެހެން މީހުންނަށް އަޅާލުމުގައި ދައްކާ ސާބިތުކަމަށްޓަކައި ހިތުގެ އަޑިން ޝުކުރު އަދާކުރައްވާ ކަމަށް އެކަމަނާ ވިދާޅުވިއެވެ. މިއީ މުޅި ގައުމުގެ ސިއްހީ ދުޅަހެޔޮކަން ކަށަވަރުކުރުމަށް ނަރުހުން ކުރާ ބުރަ މަސައްކަތް ބަލައިގަތުމަށް ލިބޭ މުހިންމު ފުރުސަތެއްކަންވެސް ފަސްޓް ލޭޑީގެ މެސެޖުގައި ފާހަގަކުރެއްވިއެވެ.
މިއަހަރުގެ ބައިނަލްއަގްވާމީ ނަރުހުންގެ ދުވަހުގެ ޝިއާރު ކަމަށްވާ “އަހަރެމެންގެ ނަރުހުން. އަހަރެމެންގެ މުސްތަގްބަލު. ބާރުވެރިކުރެވިފައިވާ ނަރުހުން ފުރާނަ ސަލާމަތްކުރޭ” މި ޝިއާރަށް އަލިއަޅުއްވައިލައްވަމުން، ސާޖިދާ ވިދާޅުވީ، މިއީ ނަރުހުންނަށް އެހީތެރިކަން ފޯރުކޮށްދީ، އެ ދާއިރާއަށް އިންވެސްޓްކުރުމުގެ މުހިންމުކަން ހަނދާންކޮށްދޭ ވަރުގަދަ މެސެޖެއް ކަމަށެވެ. އެގޮތުން، ބަލިތަކުން ރައްކާތެރިވުމުގެ ސިއްހީ ފަރުވާ ކުރިއެރުވުމާއި، ރައްކާތެރި އަދި އެހީތެރިކަން ލިބޭ މަސައްކަތުގެ މާހައުލެއް ކަށަވަރުކުރުމުގެ އިތުރުން، ކެނޑިނޭޅި ފަންނީ ކުރިއެރުމާއި ލީޑާޝިޕްގެ ފުރުސަތުތައް ފަހިކޮށްދިނުމުގެ މުހިންމުކަން އެކަމަނާގެ މެސެޖުގައި ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ނަރުހުންގެ ދުވަހާ ގުޅިގެން ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ފެކަލްޓީ އޮފް ހެލްތު ސައިންސަސްގައި ބޭއްވި ހާއްސަ ބަހުސްއެއްގައި ވެސް ފަސްޓް ލޭޑީ ވަނީ ބައިވެރިވެވަޑައިގެންފައެވެ. ކޮމިއުނިޓީ ނާސް ވޮލަންޓިއަރސް އާއި މޯލްޑިވްސް އޮންކޮލޮޖީ ނާސް އެސޯސިއޭޝަން ގުޅިގެން ބޭއްވި މި ބަހުސްގައި، ރާއްޖޭގައި ނަރުހުންނަށް ކުރިއެރުމުގެ ފުރުސަތުތައް އޮތް މިންވަރާމެދު ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވުނެވެ.
