މިއަދު ފާހަގަކުރަމުންދާ 2026 ވަނަ އަހަރުގެ ބައިނަލްއަގްވާމީ ނަރުހުންގެ ދުވަހާ ގުޅިގެން، ދެމެހެއްޓެނިވި ސިއްހީ ނިޒާމެއްގެ އެންމެ މުހިންމު ތަނބަކީ ނަރުހުންކަމުގައި ރައީސްލުޖުމްހުރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެ އެ ފަރާތްތަކުގެ ހިދުމަތުގެ އަގު ވަޒަންކުރައްވައިފިއެވެ.

ބައިނަލްއަގްވާމީ ނަރުހުންގެ ދުވަހުގެ މުނާސަބަތާ ގުޅިގެން ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، ބަލިމީހުންނަށް ފަރުވާދިނުމާއި، ބަލިތަކުން ރައްކާތެރިވުމާއި، އަދި މުޖުތަމައުގެ ދުޅަހެޔޮކަން ކަށަވަރުކުރުމުގައި ނަރުހުން އަދާކުރާ މުހިންމު ދައުރަށް ތައުރީފު ކުރައްވާފައެވެ. ދުނިޔެއަށް ކުރިމަތިވަމުންދާ ގޮންޖެހުންތައް ބަދަލުވަމުންދާ މި ދަނޑިވަޅުގައި، ނަރުހުންގެ ހިދުމަތުގެ މުހިންމުކަން މިއިން ޒަމާނަކުވެސް ބޮޑުނުވާ މިންވަރަށް މިހާރު ބޮޑުވެފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި ގޮތުގައި ނަރުހުންނަކީ ހަމައެކަނި ބަލިމީހުންނަށް ބޭސްދޭ ބައެއް ނޫނެވެ. އޭގެ ބަދަލުގައި އެއީ ބަލިމީހުންގެ އުނދަގޫ ވަގުތުތަކުގައި އެންމެ ގާތުން އެހީތެރިކަން ފޯރުކޮށްދޭ، އަދި ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ބަލިމީހާއަށް ހިތްވަރުދޭ އެންމެ މުހިންމު ފަރާތްތަކެވެ. އެހެންކަމުން، މުޅި ގައުމުގެ ސިއްހީ ރައްކާތެރިކަން ބިނާވެފައި ވަނީ ނަރުހުންގެ ބުރަ މަސައްކަތުގެ މައްޗަށްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ނަރުހުންގެ މަސައްކަތަކީ ހަމައެކަނި ވަޒީފާއެއް ނޫން ކަމަށާއި، އެއީ އިންސާނިއްޔަތަށްޓަކައި ކުރެވޭ ވަރަށް މަތިވެރި ހިދުމަތެއްކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

މި ސަރުކާރުން ނަރުހުންނަށް ކުރިމަތިވާ ގޮންޖެހުންތައް ހައްލުކު ރުމަށާއި، އެ ފަރާތްތަކުގެ ދުޅަހެޔޮކަމަށް އިސްކަންދިނުމަށް ސާބިތުކަމާއެކު މަސައްކަތް ކުރައްވާނެކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ދެއްވާފައެވެ. އެގޮތުން، ނަރުހުންގެ ފަންނީ އަދި އަމިއްލަ ކުރިއެރުމަށް މަގުފަހިކޮށް ދިނުމަކީ ސަރުކާރުގެ އަމާޒެއްކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މަސައްކަތުގެ މާހައުލާއި އިނާޔަތްތައް ރަނގަޅު ކުރުމަށާއި، ސިޔާސަތުތައް ހަރުދަނާކުރުމުގެ އިތުރުން، ތަމްރީނުވުމުގެ ފުރުސަތުތައް ފުޅާކުރުމަށް ސަރުކާރުން ހާއްސަ ސަމާލުކަމެއް ދޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ މައިގަނޑު ބޭނުމަކީ މުސްތަގްބަލަށްޓަކައި މިހާރަށްވުރެ ވަރުގަދަ އަދި ވިލުންތެރި ސިއްހީ ނިޒާމެއް ބިނާކުރުންކަމަށް ރައީސް ވިދާޅުވިއެވެ. ގައުމަށްޓަކައި ނަރުހުން ކުރާ އަގުހުރި ހިދުމަތްތަކަށް އެމަނިކުފާނު ވަނީ އިހްލާސްތެރިކަމާއެކު ޝުކުރު އަދާކުރައްވާފައެވެ. މީގެ އިތުރުން، ނަރުހުންގެ މުސާރައާއި އިނާޔަތްތަކަށް ހެޔޮ ބަދަލުތަކެއް ގެނައުމަށާއި، ރާއްޖެއިން ބޭރުން މަތީ ތައުލީމު ހާސިލުކުރުމުގެ ފުރުސަތުތައް މިހާރަށްވުރެ ފުޅާކޮށްދެއްވާނެ ކަމަށްވެސް ސަރުކާރުން ވަނީ ހާމަކޮށްފައެވެ. ނަރުހުންގެ ކަންބޮޑުވުންތައް އަޑުއައްސަވައި، އެކަންކަމަށް އަމަލީ ސިފައެއްގައި ހައްލު ހޯދައިދެއްވާނެކަމުގެ ޔަގީންކަންވެސް ރައީސް ވަނީ ދެއްވާފައެވެ.

މިނިސްޓްރީ އޮފް ހެލްތުން މިއަހަރު އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، ރާއްޖޭގައި މިހާރު ޖުމްލަ 3،907 ނަރުހުން ދަނީ ހިދުމަތް ދެމުންނެވެ. މީގެ ތެރެއިން 1،989 ނަރުހުން މާލެ ސަރަހައްދުގައި މަސައްކަތް ކުރާއިރު، 1،918 ނަރުހުން މަސައްކަތް ކުރަމުން ދަނީ އަތޮޅުތެރޭގައެވެ. މި ދާއިރާގައި 3،593 އަންހެން ނަރުހުން ތިބިއިރު، ފިރިހެން ނަރުހުންގެ އަދަދަކީ އެންމެ 314 އެވެ. މީގެ އިތުރުން، ހިދުމަތްދޭ ނަރުހުންގެ ތެރޭގައި 2،503 ދިވެހިންނާއި 1،404 ބިދޭސީން ހިމެނެއެވެ. ސަރުކާރުގެ ހޮސްޕިޓަލްތަކާއި މަރުކަޒުތަކުގައި 3،291 ނަރުހުން މަސައްކަތްކުރާއިރު، އަމިއްލަ ކްލިނިކްތަކާއި ހޮސްޕިޓަލްތަކުގައި 616 ނަރުހުން ދަނީ ހިދުމަތް ދެމުންނެވެ.

ކޮންމެ އަހަރެއްގެ މެއި މަހުގެ 12 ވަނަ ދުވަސް ބައިނަލްއަގްވާމީ ނަރުހުންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ޒަމާނީ ނަރުސްކަމުގެ ބާނީ ކަމަށްވާ ފްލޮރެންސް ނައިޓިންގޭލްގެ އުފަންދުވަހާ ގުޅުވައިގެންނެވެ. އިންޓަނޭޝަނަލް ކައުންސިލް އޮފް ނާސަސް (އައިސީއެން) އިން 2026 ވަނަ އަހަރަށް ކަނޑައަޅާފައިވާ ޝިއާރަކީ "އަހަރެމެންގެ ނަރުހުން. އަހަރެމެންގެ މުސްތަގްބަލު. ބާރުވެރިކުރުވިފައިވާ ނަރުހުން ފުރާނަ ސަލާމަތްކުރޭ" މިއެވެ.