އައިޖީއެމްއެޗްގެ ފިރިހެން ނަރުހަކަށް ގަނާކުރި މައްސަލަ ހަރުކަށި އިބާރާތުން ކުށްވެރިކޮށް ފިޔަވަޅު އެޅުމަށް އެ ހޮސްޕިޓަލުން ގޮވާލައިފިއެވެ.

މިފަދައިން ގަނާކޮށްފައިވަނީ އިއްޔެ ފާހަގަކޮށްފައިވާ ބައިނަލްއަގުވާމީ ނަރުހުންގެ ދުވަހާއި ގުޅިގެން ޓީވީ ޗެނަލަކަށް އިންޓަވިއުއެއް ދިން އައިޖީއެމްއެޗްގެ ފިރިހެން ނަރުހަކަށް ސޯޝަލް މީޑިއާގައެވެ. މިކަމާ ގުޅިގެން އައިޖީއެމްއެޗް އިން ވަނީ ނަރުހަކަށް ނިސްބަތްކޮށް ސޯޝަލް މީޑިއާގައާއި އެހެން ޕްލެޓްފޯމްތަކުގައި މިފަދަ އަމަލުތައް ހިންގުމަކީ މުޅި ނާސިން ޕްރޮފެޝަނަށް ކުރެވޭ ބޭއިހްތިރާމެއް ކަމުގައި ބުނެފައެވެ.

މިއީ އިޖުތިމާއީ ގޮތުންވެސް ބަލައިނުގަނެވޭނެ އަމަލެއްކަން ފާހަގަކޮށް އައިޖީއެމްއެޗް އިން ވަނީ ގާނޫނީ އިމުގެ ތެރެއިން ފިޔަވަޅު އެޅުމަށް އިލްތިމާސްކޮށްފައެވެ. އައިޖީއެމްއެޗް އިން ބުނީ ނަރުހުން ފޯރުކޮށްދޭ ހިދުމަތުގައި ފިރިހެނުން ނިސްބަތުން މަދު ނަމަވެސް މިއީ ދުނިޔޭގެ އެކި ގައުމުތަކުގައި ދެ ޖިންސުގެ މީހުންވެސް ހަމަހަމަކަމާއެކު ހިދުމަތް ދެމުންދާ ދާއިރާއެއް ކަމުގައި ބުނެފައެވެ.

އެއާއެކު އައިޖީއެމްއެޗް އިން ބުނީ އެ ހޮސްޕިޓަލުގެ ހުރިހާ ނަރުހުންނަކީވެސް ގާބިލު އަދި މަސައްކަތްތެރި ނަރުހުންކަމަށާއި، އެ ނަރުހުން ކޮށްދެއްވާ މަސައްކަތަށް ޝުކުރު އަދާ ކުރާ ކަމަށެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ސޯޝަލް މީޑިއާގައި ނަރުހަކަށް ކުރި ގަނާއާއި ގުޅިގެން މޯލްޑިވްސް ހެލްތު ޕްރޮފެޝަނަލްސް ޔޫނިއަން (އެމްއެޗްޕީޔޫ) އިންވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެގޮތުން މީހެއްގެ ސިފައަކާ ގުޅިގެން މީހަކަށް ގަނާކުރުމަކީ ތަހުޒީބީ މުޖުތަމައުއެއްގައި ފެނިގެން ނުވާނެ ދަަށު ދަރުޖައިގެ އަމަލެއް ކަމަށާއި، ނަރުސްކަމަކީ ހަމައެކަނި އަންހެނުންނަށް ހާއްސަކޮށްފައިވާ ވަޒީފާއެއް ނޫން ކަމަށެވެ.

އެމްއެޗްޕީޔޫ އިން ވަނީ ހޮސްޕިޓަލުތަކުގައި މަސައްކަތް ކުރާ ފަރާތްތަކަށް ދިމާވާ މިފަދަ ކަންކަމާ ގުޅިގެން ގާނޫނުން ދެވިފައިވާ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ގޮވާލާފައެވެ.