މުރާލިކަމާ އޯގާތެރިކަމާއެކު ނަރުހުން ކުރަނީ ގައުމު ފަހުރުވެރިވާ މަސައްކަތެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ ބައިނަލްއަގްވާމީ ނަރުހުންގެ ދުވަހުގެ ހެޔޮއެދުންތައް ފޮނުވައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

ރައީސް ވިދާޅުވީ ފަރުވާ ދިނުމަށް ހަސްފަތާލުތަކުން މަރުހަބާ ކިޔަނީ އަދި ބަލި ފަސޭހަވެ އެނބުރި ދިއުމާއި ހަމަޔަށް ހިދުމަތުގައި ދެމި ތިބެނީ މުރާލި ނަރުހުން ކަމަށެވެ. ކޮންމެ ދުވަހަކު އެތައް ބަޔަކަށް އޯގާތެރިވުމުގައި ހިނިތުންވުމާއި އެކު ކުރާ މަސައްކަތަކީ މުޅި ގައުމު ފަހުރުވެރިވާ މަސައްކަތެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ނަރުހުންގެ ދުވަހާ ގުޅިގެން ދެއްވި ހިތާބުގައި ރައީސް ވިދާޅުވީ ނަރުހުން އަދާކުރާ ބޮޑު މަސްއޫލިއްޔަތުގެ އަގު، މީގެ ކުރީގެ އެއްވެސް ދުވަސްވަރެއްގައި ވަޒަން ނުކުރާ މިންވަރަށް، މި ސަރުކާރުން ވަޒަން ކުރާނެ ކަމުގައެވެ. އެގޮތުން ނަރުހުންގެ އަޑުއަހައި ނަރުހުންނަށް ފައިދާ ހުރި އެތައްކަމެއް މި ސަރުކާރުން ފަހިކޮށްދޭނެ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ނަރުހެއްގެ މަސައްކަތަކީ ވަށާޖެހި، އެތައް ކަމެއް އެކުވެފައިވާ ބޮޑު މަސްއޫލިއްޔަތެއް ކަމުގައެވެ. އަދި ނަރުހުންގެ ހިދުމަތަކީ ދެވޭ މުސާރައަކަށްވުރެ އެ ހިދުމަތަށް ލިބޭ ސަވާބާއި ދަރުމަ އަދި އަނެކުންގެ ފުށުން ލިބޭ ހިތްހެޔޮކަމާއި ހެޔޮ ދުއާ އެތައް ގުނައަކަށް އިތުރު މާތް މަސައްކަތެއްކަން ރައީސް ފާހަގަކުރެއްވިއެވެ.

ސަރުކާރުގެ ތަސައްވުރާ އެއްގޮތަށް ސިއްހީ ނިޒާމު ފުޅާކޮށް ޒަމާނީ ކުރުމަށް އިތުރު ނަރުހުން ބޭނުންވާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ގައުމަށް ބޭނުންތެރި މި ހިދުމަތުގައި ދިވެހީންގެ ނިސްބަތް އިތުރުކުރުމަކީ ސަރުކާރުގެ އަމާޒެއް ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފައެވެ.