ހަންޓާވައިރަސް ބަލީގެ އަސަރު ރާއްޖެއިން ފެނުމުގެ ރިސްކު ކުޑަ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

ދެކުނު އެމެރިކާ ސަރަހައްދުގައި ދަތުރުކުރަމުން ދިޔަ ނެދަލޭންޑްސްގެ “އެމްވީ ހޮންޑިއަސް” ކްރޫޒް ލައިނާއަކުން ނުރައްކާތެރި ހަންޓާވައިރަސް ފެނުމާ ގުޅިގެން، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން އެކަން ވަރަށް ގާތުން އަންނަނީ މޮނިޓާ ކުރަމުންނެވެ. އާޖެންޓީނާގެ އުޝުއާޔާއިން އޭޕްރީލް 1 ވަނަ ދުވަހު ފުރި މި ބޯޓުގައި 147 ފަސިންޖަރުންނާއި ފަޅުވެރިން ތިބިއިރު، މިހާތަނަށް 8 މީހަކަށް މި ބަލި ޖެހި، 3 މީހަކު ވަނީ މަރުވެފައެވެ. މި ބޯޓު ދަތުރުކޮށްފައި ވަނީ އެންޓާކްޓިކާ އަދި ސެއިންޓް ހެލީނާ ފަދަ ސަރަހައްދުތަކަށެވެ.

މިކަމާ ގުޅިގެން އެޗްޕީއޭ އިން ވެސް ދަނީ ހާލަތު ބަލަމުންނެވެ. މިހާތަނަށް ރާއްޖެއިން މި ބަލީގެ އެއްވެސް ކޭހެއް ފެނިފައި ނުވާއިރު، ބަލިޖެހިފައިވާ މީހަކާ ދިމާވި މީހަކުވެސް ފާހަގަކުރެވިފައެއް ނުވެއެވެ. އެހެންކަމުން މި ބަލީގެ ނުރައްކާ ރާއްޖެއާ ހަމައަށް އައުމުގެ ރިސްކް ކުޑަކަމަށް އެޗްޕީއޭ އިން ބުނެއެވެ.

ހަންޓާވައިރަސް އަކީ އާންމުގޮތެއްގައި މީދާ ފަދަ ޖަނަވާރުގެ ކުޑަކަމުދާ ތަކެއްޗާއި ބޮޑުކަމުދާ ތަކެތި ނުވަތަ ކުޅު މެދުވެރިކޮށް އިންސާނުންނަށް އަރާ ވައިރަހެކެވެ. ކްރޫޒް ލައިނާއިން ފެނިފައި ވަނީ މި ވައިރަހުގެ “އެންޑީސް” ސްޓްރެއިންއެވެ. މިއީ އިންސާނުންގެ ގަޔަށް އެރުމަށްފަހު، އެކަކު އަނެކަކު ގަޔަށް އެރުމުގެ ފުރުސަތު ކުޑަކޮށް ނަމަވެސް އޮންނަ ހަމައެކަނި ވައްތަރެވެ. މި ބަލީގެ އަލާމާތްތަކުގެ ތެރޭގައި ހުންއައުމާއި، ބޮލުގައި ރިއްސުމާއި، ގައިގާ ރިއްސުމުގެ އިތުރުން ބޭރަށް ހިންގުން ހިމެނެއެވެ. އަދި ބަލި ބޮޑުވުމުން ނޭވާލާ ނިޒާމަށް އަސަރުކޮށް، ފުއްޕާމެޔަށް ފެން އެޅުން ފަދަ ނުރައްކާތެރި ހާލަތްތައް މެދުވެރިވެއެވެ.

މި ބަލީގެ އަލާމާތްތައް ފެންނަން އެއް ހަފްތާއާއި އަށް ހަފްތާއާ ދެމެދުގެ މުއްދަތެއް ނަގައެވެ. ޑަބްލިއުއެޗްއޯގެ ޑިރެކްޓަރ ޖެނެރަލް ޑރ. ޓެޑްރޯސް އަދަނޮމް ގެބްރިޔޭސޫސް ވިދާޅުވި ގޮތުގައި، މިއީ ސީރިއަސް ހާދިސާއެއް ނަމަވެސް، އާންމު ސިއްހަތަށް އޮތް ނުރައްކާ ކުޑައެވެ. އަދި މިއީ ކޮވިޑް ނުވަތަ އިންފްލުއެންޒާ ފަދަ ބައްޔެއް ނޫންކަމަށް އޭނާ ވިދާޅުވިއެވެ. ބަލި ކޮންޓްރޯލް ކުރުމަށްޓަކައި ޑަބްލިއުއެޗްއޯއިން ވަނީ ބޯޓަށް ތަޖުރިބާކާރުން ފޮނުވައި، ޓެސްޓުކުރުމަށް ބޭނުންވާ 2500 ކިޓު ފަސް ގައުމެއްގެ ލެބޯޓަރީތަކަށް ފޮނުވާފައެވެ.

ރާއްޖެއަށް މި ބަލީގެ ރިސްކް އޮތީ ވަރަށް ކުޑަކޮށް ކަމަށް ސިއްހީ މާހިރުން ލަފާކުރައްވައެވެ. ސަބަބަކީ މިއީ ވައިގެ ތެރެއިން ފަސޭހައިން ފެތުރޭ ބައްޔަކަށް ނުވުމާއި، ބަލި ފެތުރެން މެދުވެރިވާ ހާއްސަ މާހައުލު ރާއްޖޭގައި ނެތުމެވެ. އެހެންނަމަވެސް، ބައިނަލްއަގްވާމީ ދަތުރުފަތުރުގެ ސަބަބުން އަތުވެދާނެ ކުއްލި ހާލަތަކަށް އެޗްޕީއޭއިން ދަނީ ތައްޔާރުވަމުން ކަމަށް ބުނެއެވެ. މި ބައްޔާ ގުޅޭ އެންމެ ފަހުގެ މައުލޫމާތުތައް ޑަބްލިއުއެޗްއޯ މެދުވެރިކޮށް ހޯދަމުންދާ ކަމަށާއި، މައުލޫމާތު ލިބެމުންދާ ވަރަކަށް އާންމުންނަށް ހިއްސާ ކުރެވެމުންދާނެ ކަމަށް ވެސް އެޗްޕީއޭ އިން ބުނެއެވެ.