ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) ގެ ދެކުނު އިރުމަތީ އޭޝިއާ ސަރަހައްދުގެ ގައުމުތަކުގެ މެދުގައި ބާއްވާ އަހަރީ ބައްދަލުވުމެއްގައި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބައިވެރިވެއްޖެއެވެ.

ރާއްޖޭގެ ވެރިރަށް މާލޭގައި ކުރިއަށްދާ މި ބައްދަލުވުން ފަށާފައިވަނީ 2026 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 18 ވަނަ ދުވަހުއެވެ. އަދި މި މަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށް މި ބައްދަލުވުން ކުރިއަށްދާނެއެވެ.

މި ބައްދަލުވުމަކީ ޕެންޑެމިކް އިންފްލުއެންޒާ ޕްރިޕެއާޑްނެސް (ޕީއައިޕީ) ޕާޓްނާޝިޕް ކޮންޓްރިބިއުޝަނާއި، ޕްރިޕެއާޑްނެސް އެންޑް ރެޒިލިއަންސް ފޯ އިމާޖިން ތްރެޓްސް (ޕްރެޓް) ގެ އިތުރުން ޔުނިޓީ ސްޓަޑީޒް ތަންފީޒުކުރުމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ބާއްވާ ބައްދަލުވުމެކެވެ. އެޗްޕީއޭއިން ބުނި ގޮތުގައި، މި ބައްދަލުވުމުގައި ސަރަހައްދީ ފެންވަރުގައި ހޯދިފައިވާ ކުރިއެރުންތައް މުރާޖައާކުރުމާއި، ގައުމުތަކުގެ ތަޖުރިބާ ހިއްސާކުރުން ކުރިއަށްދާނެއެވެ.

މީގެ އިތުރުން، އިންފްލުއެންޒާ ސަވޭލަންސް ހަރުދަނާކުރުމާއި، ބަލިމަޑުކަމަކަށް ތައްޔާރުވުމާއި އިޖާބަދިނުމުގެ އިތުރުން ދިރާސާކުރުމުގެ ދާއިރާއިން ގުޅުން ބަދަހިކުރުމަށް ވެސް މި ބައްދަލުވުމުގައި މަޝްވަރާކުރާނެއެވެ. ޑަބްލިއުއެޗްއޯގެ ޕްރެޓް ފްރޭމްވޯކަކީ ނޭވާލާ ނިޒާމަށް ޖެހޭ ބަލިތަކުގެ ބަލިމަޑުކަމަކަށް ތައްޔާރުވުމަށް އެކުލަވާލާފައިވާ މުހިންމު އޮނިގަނޑެކެވެ. މި އޮނިގަނޑުގެ ދަށުން، ކުއްލި ހާލަތްތަކުގައި އަމަލުކުރާނެ ގޮތުގެ ޕްލޭންތައް އެކުލަވާލުމާއި، ސިމިއުލޭޝަން އެކްސަސައިޒްތައް ހެދުމަށް ގައުމުތަކަށް ބާރުއަޅާކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

އަދި ޔުނިޓީ ސްޓަޑީޒްއަކީ އާ ބަލިތައް ފެތުރޭ މިންވަރާއި އޭގެ ނުރައްކާ ދެނެގަތުމަށް ކުރެވޭ މުހިންމު ދިރާސާތަކެއްކަމަށާއި، މި ދިރާސާތަކުގެ އެހީގައި ބަލި ފެތުރޭ ގޮތާއި އާންމުންނަށް ކުރާ އަސަރު އަދި ވެކްސިންގެ ނަތީޖާ ނެރެވޭ މިންވަރު ދެނެގަނެވޭނެކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

ގައުމީ އަދި ސަރަހައްދީ ފެންވަރުގައި ސިއްހީ ރައްކާތެރިކަން ކަށަވަރުކުރުމަށް އެޗްޕީއޭއިން އަބަދުވެސް މަސައްކަތްކުރާނެ ކަމަށް އެ އެޖެންސީން ފާހަގަކުރިއެވެ. އެގޮތުން، ބަލިތައް ދެނެގަތުމުގެ ނިޒާމު ހަރުދަނާކުރުމާއި، ކުއްލި ހާލަތްތަކަށް ތައްޔާރުވެ ތިބުމުގެ އިތުރުން ސަރަހައްދީ ގައުމުތަކާ ގުޅިގެން މަސައްކަތްކުރުމަށް އިސްކަންދޭނެ ކަމަށް ވެސް އެޗްޕީއޭއިން ބުނެފައިވެއެވެ.

ޑަބްލިއުއެޗްއޯއިން އާންމުކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، ދެކުނު އިރުމަތީ އޭޝިއާ ސަރަހައްދުގެ 9 ގައުމަކަށް ޕީއައިޕީ ޕާޓްނާޝިޕް ކޮންޓްރިބިއުޝަންގެ ދަށުން މާލީ އަދި ފަންނީ އެހީތެރިކަން ފޯރުކޮށްދެއެވެ. އޭގެ ތެރޭގައި ރާއްޖެ ވެސް ހިމެނެއެވެ. މި އެހީގެ ދަށުން ރާއްޖޭގައި ކްލިނިކަލް މެނޭޖްމަންޓް ތަމްރީނުތަކާއި ސިމިއުލޭޝަން އެކްސަސައިޒްތައް ކުރިއަށްގެންދިއުމަށް ވަނީ ރާވާފައެވެ.

މި ބައްދަލުވުމުގައި މަޝްވަރާކުރެވޭ ކަންކަމުގެ މައްޗަށް ބިނާކޮށް، 2026 އިން 2031 އަށް ދެކުނު އިރުމަތީ އޭޝިއާ ސަރަހައްދުގައި އަމަލުކުރާނެ ޕްރެޓް ރޯޑްމެޕް އެކުލަވާލުމުގެ މަސައްކަތް ޑަބްލިއުއެޗްއޯއިން ކުރިއަށްގެންދާނެއެވެ.