ތައުލީމީ ދާއިރާގައި މެދުކެނޑުމެއް ނެތި 39 އަހަރު ވަންދެން ހިދުމަތް ކުރެއްވުމަށް ފަހު، އެޑިއުކޭޝަން މިނިސްޓްރީގެ ގިނަ މަގާމުތަކެއް ފުރުއްވި ހުސައިން ރަޝީދު މޫސާ ރިޓަޔާ ކުރައްވައިފިއެވެ.

ހުސައިން ރަޝީދު މޫސާއަކީ އެޑިއުކޭޝަން މިނިސްޓްރީގެ އެކި ފަންތީގެ މަގާމުތަކުގައި މަސައްކަތްކުރައްވައި، ހާއްސަކޮށް ދަރިވަރުންގެ ރައްކާތެރިކަމާއި ސިއްހަތާ ގުޅޭ ކަންކަމުގައި އިސް ދައުރެއް އަދާކުރެއްވި ބޭފުޅެކެވެ. އޭނާގެ ހިދުމަތުގެ ދައުރު ނިމުމަކަށް އައިސްފައި ވަނީ، ތައުލީމީ ނިޒާމުގެ ތެރެއިން ދަރިވަރުންނަށް ފޯރުކޮށްދޭ ނަފްސާނީ އަދި ޖިސްމާނީ އެހީތެރިކަމުގެ އޮނިގަނޑު ވަރަށް ބޮޑަށް ހަރުދަނާ ކުރެއްވުމަށް ފަހުގައެވެ.

1987 ވަނަ އަހަރު ތައުލީމީ ވުޒާރާއާ ގުޅިވަޑައިގަތް ހުސައިން ރަޝީދު މޫސާ ވަނީ އެ ވުޒާރާގެ ތަފާތު އެކި ގާޤާމުތައް ފުރުއްވާފައެވެ. އޭނާ އެންމެ ފަހުން އަދާކުރެއްވީ މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ސްކޫލް ސޭފްޓީ، ހެލްތް އެންޑް ސްޓޫޑެންޓް ސަޕޯޓް ޑިވިޝަންގެ ޑެޕިއުޓީ ޑިރެކްޓާ ޖެނެރަލްގެ މަގާމެވެ. މި މުއްދަތުގެ ތެރޭގައި އޭނާ ވަނީ ސްކޫލްތަކުގައި ހިނގާ ހަނގާކުރުން ފަދަ ކަންކަން ހުއްޓުވުމުގެ އުސޫލުތައް އެކުލަވާލުމާއި، ކުއްލި ހާލަތްތަކުގައި ސްކޫލްތަކުން އަމަލުކުރާނެ ގޮތުގެ ޕްލޭންތައް ހެދުމުގައި އިސް ދައުރެއް އަދާކުރައްވާފައެވެ. އެގޮތުން ޔޫއެންޑީޕީއާ ގުޅިގެން އެކުލަވާލި "ސްކޫލް އެމަޖެންސީ އޮޕަރޭޝަންސް ޕްލޭން" އާއި، 2019 ވަނަ އަހަރު ދުނިޔޭގެ ސިއްހަތު ޖަމިއްޔާއާ ގުޅިގެން ކުރިއަށްގެން ދިޔަ "ގްލޯބަލް ޔޫތު ޓޮބޭކޯ ސާވޭ" ގައި އޭނާގެ ހިއްސާ ބޮޑެވެ.

މީގެ އިތުރުން، ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ދުވަސްވަރު ސްކޫލްތަކުގެ ކިޔެވުން މެދުނުކެނޑި ކުރިއަށް ގެންދިއުމަށާއި، ދަރިވަރުންނަށް ވެކްސިން ދިނުމުގެ ޕްރޮގްރާމްތައް ރާވައި ހިންގުމުގައި ވެސް އޭނާ ވަނީ އިސްކޮށް ހަރަކާތްތެރިވެވަޑައިގެންފައެވެ. ހަމައެހެންމެ، ސްކޫލްތަކުގައި ބުލީކުރުން ހުއްޓުވުމުގެ މަސް ފާހަގަކުރުމާއި، ދަރިވަރުންގެ ނަފްސާނީ ދުޅަހެޔޮކަން ކުރިއެރުވުމަށް ބޭއްވި ގިނަ ކޮންފަރެންސްތަކުގައި އޭނާ ވަނީ އިލްމީ ކަރުދާސްތައް ހުށަހަޅުއްވާފައެވެ.

ހުސައިން ރަޝީދު މޫސާގެ ހިދުމަތުގެ އަގުވަޒަންކުރައްވައި، އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު އާއި މިނިސްޓްރީގެ މުވައްޒަފުން ވަނީ ހާއްސަ ޝުކުރެއް ދަންނަވާފައެވެ. މިނިސްޓްރީން އާންމުކުރި ރަސްމީ މެސެޖުގައި ބުނެފައި ވަނީ، އެ މިނިސްޓްރީއަށް ހުސައިން ރަޝީދު މޫސާ ކޮށްދެއްވި މުހިންމު ހުދުމަތްތަކުގެ އަގުވަޒަންކޮށް، މިނިސްޓަރާއި މިނިސްޓްރީގެ އެންމެހައި މުވައްޒަފުންގެ ފަރާތުން ނުހަނު އިހްލާސްތެރިކަމާއެކު ޝުކުރު ދަންނަވާ ކަމަށެވެ. ދުއާއަކީ ހުސައިން ރަޝީދު މޫސާއަށް ބާއްޖަވެރި، އުފާވެރި އަދި ފާގަތި މުސްތަގުބަލެއް މިންވަރު ކޮށްދެއްވުން ކަމަށް ވެސް އެ މެސެޖުގައި ބުނެފައި ވެއެވެ.

ތައުލީމީ ދާއިރާގެ އިތުރުން އާންމު ސިއްހަތުގެ ދާއިރާއަށް ވެސް ހުސައިން ރަޝީދު މޫސާ ވަނީ ގިނަގުނަ ހިދުމަތްތަކެއް ކޮށްދެއްވާފައެވެ. އޭނާ އެންމެ ފުރަތަމަ ހުދުމަތަށް ނިކުމެވަޑައިގަތީ 1981 ވަނަ އަހަރު އެލައިޑް ހެލްތު ސާވިސަސް ޓްރެއިނިން ސެންޓަރުންނެވެ. އޭގެ ފަހުން ފިރުދައުސް ކްލިނިކްގައި މަސައްކަތްކުރެއްވުމުގެ އިތުރުން، ގޭގެއަށް ޒިޔާރަތްކޮށްގެން ބަލިމީހުންނަށް ހިލޭސާބަހަށް ފަރުވާދެއްވުމުގައިވެސް އޭނާ ވަނީ ނަމޫނާ ދައްކަވާފައެވެ. އަދި 2012 ވަނަ އަހަރު ކެންސާ ސޮސައިޓީ އޮފް މޯލްޑިވްސް އުފެއްދުމުގައާއި، އެ ޖަމިއްޔާގެ ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތަކުގައި އޭނާ ވަނީ މުހިންމު ދައުރެއް އަދާކުރައްވާފައެވެ.