ދުނިޔެ ކިތަންމެ ބޮޑަށް ޓެކްނޮލޮޖީގެ ގޮތުން ކުރިއަރައިގެން ދިޔަ ނަމަވެސް، ޒިންމާދާރު މުދައްރިސެއްގެ ދައުރު އެއްވެސް ޓެކްނޮލޮޖީއަކަށް އަދާނުކުރެވޭނެ ކަމަށް ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.

ނައިބު ރައީސް މިހެން ވިދާޅުވީ ހުޅުމާލޭގެ ޝަހީދު އަލީ ސްކޫލުގައި މިއަދު ފެށި 8 ވަނަ އިންޓަނޭޝަނަލް ޓީޗަރުންގެ ކޮންފަރެންސް ޝަރަފުވެރިކޮށްދެއްވަމުންނެވެ. އެގޮތުން އެ މަނިކުފާނު ވިދާޅުވީ އޭއައި އާއި ޒަމާނީ ޓެކްނޮލޮޖީގެ ވަސީލަތްތަކުގެ ސަބަބުން ކިޔަވައިދިނުމަށް އާ ފުރުސަތުތަކެއް ހުޅުވިގެންދިޔަ ނަމަވެސް، ދަރިވަރުންގެ ކިބައިގައިވާ ފުރިހަމަ ގާބިލުކަން ދެނެގަނެ އެ ކުދިންގެ ހުނަރު އެންމެ މަތީ ދަރަޖައަށް ތަރައްގީކޮށްދެނީ މުދައްރިސުން ކަމަށެވެ.

މުޖުތަމައަށް ޒިންމާދާރު، ހަރުދަނާ ޖީލެއް ނެރެދިނުމުގެ އެންމެ މުހިންމު މަސައްކަތް ކުރަނީ ޓީޗަރުން ކަން ފާހަގަކުރައްވަމުން ނައިބު ރައީސް ވިދާޅުވީ ޒަމާނަށް އަންނަ ބަދަލުތަކާ އެކު މުދައްރިސުންނަށް ބޭނުންވާ އިލްމާއި ވަސީލަތްތައް ފޯރުކޮށްދިނުން މުހިންމުކަމަށެވެ.

ޓީޗަރުންގެ ކޮންފަރެންސްތަކަކީ ގައުމުގެ މުސްތަގުބަލް ބިނާކުރުމަށް ޓީޗަރުން ކުރައްވާ މިންނެތް މަސައްކަތްތަކަށް ލިބިގެންދާ ވަރަށް މުހިންމު ބާރެއްކަމުގައި ނައިބު ރައީސް ވިދާޅުވިއެވެ. އޭގެ ސަބަބުން، ދުނިޔޭގެ ފެންވަރުގައި ތައުލީމީ ދާއިރާގައި ބޭނުންކުރާ އެންމެ ރަނގަޅު އުސޫލުތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރުމުގެ ފުރުސަތު ލިބޭނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ނެޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން (އެންއައިއީ) އިން ކޮންމެ ދެ އަހަރުން އެއް އަހަރު ބާއްވާ މި ކޮންފަރެންސްގައި 300 ބައިވެރިން ރަޖިސްޓަރީވެފައިވާއިރު، 106 ފަރާތަކުން 70 ޕްރެޒެންޓޭޝަން ހުށަހެޅުމަށް ވަނީ ހަމަޖެހިފައެވެ.