އިމްތިހާނު ހަދާ ދުވަސްވަރު ދަރިވަރުން މާބޮޑަށް ހާސްވެ، ޕެނިކްވާ މިންވަރަށް އެކުދިންނަށް ޕުޝްނުކުރުމަށް ތައުލީމާ މަތީ ތައުލީމާއި ހުނަރުތައް ތަރައްގީކުރުމާ ބެހޭ މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ބެލެނިވެރިންގެ ކިބައިން އެދިވަޑައިގެންފިއެވެ.

މިއަހަރުގެ ކޭމްބްރިޖް އޯލެވެލް އަދި އެސްއެސްސީ އިމްތިހާނު ފެށުމާ ގުޅިގެން މިނިސްޓަރު ވިދާޅުވީ، އިމްތިހާނު މިހާރު ފެށިފައިވާއިރު، މާތް ﷲ ގެ ރަހުމަތާއެކު ދަރިވަރުން ތިބީ އިމްތިހާނަށް ފުރިހަމައަށް ތައްޔާރުވެފައި ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އެހެންކަމުން މި ދުވަސްވަރު ކުދިން މާބޮޑަށް ހާސްވާ ވަރަށް ޕުޝްކުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް ނުވެދާނެ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މީގެއިތުރުން ދަރިވަރުންނަށް ނަސޭހަތްތެރިވަމުން މިނިސްޓަރު ވިދާޅުވީ، ކޮންމެ ދުވަހަކުވެސް ފަތިސްނަމާދުން ދުވަސް ފަށައި، އިމްތިހާން ހެދުމުގެ ކުރިން ﷲ ގެ ރަހުމަތުން މަދަދަށް އެދި، ބިސްމީގެ ބަރަކާތުން ޕޭޕަރު ހަދަން ފެށުމަށެވެ. އަދި އަބަދުވެސް ﷲ ގެ ހަޒްރަތުން ވާގިއަށް އެދި، ރަނގަޅު ނަތީޖާއެއް ދެއްވުމަށް އެދި ދުއާކުރުމަށް މިނިސްޓަރު އިލްތިމާސްކުރެއްވިއެވެ.

"ދަރިވަރުންނަށް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ ކޮންމެ ދުވަހަކުވެސް ފަތިސްނަމާދުން ދުވަސް ފައްޓައި އިމްތިހާން ހެދުމުގެ ކުރިން ﷲ ގެ ރަހުމަތުން މަދަދަށް އެދި ބިސްމީގެ ބަރަކާތުން ޕޭޕަރު ހަދަން ފައްޓާށޭ. އަދި އަބަދުވެސް ﷲ ގެ ހަޒްރަތުން ވާގިއަށް އެދެން ވާނެ. ދުއާ ކުރަން ވާނެ ރަނގަޅު ނަތީޖާއެއް ދެއްވުމަށް އެދި އަބަދު ހިތުގަ އޮންނަ ޝައުގު ﷲ ހަޒްރަތުގަ ދަންނަވަން ވާނެ،"
މިނިސްޓަރު ޝަފީއު

މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވަނީ އެމަނިކުފާނާއި އެޑިއުކޭޝަން މިނިސްޓްރީގެ މުޅި ޓީމުގެ ނަމުގައި ހުރިހާ ދަރިވަރުންނަށް ބާއްޖަވެރި، އުފާވެރި އަދި ފަސޭހަ އިމްތިހާނަކަށް އެދިވަޑައިގެން ހެޔޮދުއާ އަރިސްކުރައްވާފައެވެ.

8,000 އަށް ވުރެ ގިނަ ދަރިވަރުންނާއެކު މިއަހަރުގެ ކޭމްބްރިޖް އޯލެވެލް އަދި އެސްއެސްސީ އިމްތިހާނު މިއަދު ފަށާފައިވާއިރު، ގްރޭޑް 10 ނިންމާ ދަރިވަރުން ހަދާ މި އިމްތިހާނުތައް އަންނަ ނޮވެމްބަރު މަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެއެވެ.

މިއަހަރުގެ އޯލެވެލް އިމްތިހާނުގައި ޖުމްލަ 8,111 ދަރިވަރުން ބައިވެރިވާއިރު، އެސްއެސްސީ (އިސްލާމާއި ދިވެހި) އިމްތިހާނުގައި 7,776 ދަރިވަރުން ބައިވެރިވެއެވެ. މުޅި ރާއްޖެ ހިމެނޭހެން މާލެ ސަރަހައްދުގެ 25 ސެންޓަރެއްގަޔާއި، އަތޮޅުތަކުގެ ރަށްރަށުގައި ގާއިމުކޮށްފައިވާ 242 ސެންޓަރުގައި މި އިމްތިހާނު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.