ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ، (އެމްޑީޕީ) ގެ ޗެއާޕާސަންގެ މަގާމަށް ކުރިމަތިލުމުގެ މުއްދަތު ހަމަވި އިރު 3 ބޭފުޅަކު ކުރިމަތިލާފައިވާ ކަމަށް އެ ޕަޓީން ހާމަކޮށްފިއެވެ.

މިއަދު އެމްޑީޕީން ބުނީ ޖޫން 12، 2026 ވާ ހުކުރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެޕާޓީގެ ޗެއާޕާސަން އިންތިހާބުގައި ވާދަކުރުމަށް އެދި ފޯމް ހުށަހެޅި ފަރާތްތަކުގެ ފޯމްތައް އިންތިހާބާއިބެހޭ ކޮމިޓީން ބަލާފައިވާކަމަށެވެ. އަދި މި މަގާމަށް ޝަރުތު ހަމަވާ ފަރާތްތައް ކަމުގައި ކޮމިޓީން ކަނޑައެޅި ފަރާތްތަކުގެ ކެންޑިޑޭޓު ނަންބަރު އިންތިހާބާއިބެހޭ ގަވައިދުގެ 15 ވަނަ މާއްދާގައި ބަޔާންކުރާ ގޮތުގެމަތިން ތަރުތީބުކޮށްފައިވާކަމަށް އެ ޕާޓިން ވަނީ ބުނެފައެވެ.

އެގޮތުން މި އިންތިހާބުގައި ކެންޑިޑޭޓޫ ނަންބަރުތައް ތަރުތީބުވެފައިވާ ގޮތަކީ:

  • ކެންޑިޑޭޓު ނަންބަރު 1- މުހައްމަދު ނަޝީދު (އަންނި) ގ.ކެނެރީގެ/މާލެ
  • ކެންޑިޑޭޓް ނަންބަރު 2- އިބްރާހީމް މުހައްމަދު (ވާޑު) ހުދުވިލާގެ/ލ.ފޮނަދޫ
  • ކެންޑިޑޭޓް ނަންބަރު 3- މީކާއީލު އަހްމަދު ނަސީމް ގ.ބަރޯސާ/މާލެ

އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބުގައި ނަޝީދު އާއި މީކާއީލުގެ ދެމެދުގައި ވާދަވެރި ކެމްޕެއިނެއް ކުރިއަށް ދާއިރު، އެ ޕާޓީގެ އެތެރޭގެ މަސްލަހަތު ވަނީ ވަރަށް ބޮޑަށް ގެއްލިފައެވެ. އަދި އެ ޕާޓީގެ ވަގުތީ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާ (ގަޕޯ) ވަނީ ޗެއާޕާސަން ހޮވާ އިންތިހާބާއި ގައުމީ މަޖިލީހުގެ އިންތިހާބު ބާއްވަން ފައިސާ ނެތް ކަމަށާއި އެ ދެ އިންތިހާބު މިހާރު ބާއްވައިފި ނަމަ ޕާޓީގެ އެތެރޭގެ މަސްލަހަތު ގެއްލިދާނެ ކަމަށް ބުނެފައެވެ.