އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގައި ވާދަކުރައްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ކެމްޕެއިން ކޮށްދެއްވާ ނަޝީދުގެ ކެމްޕެއިން ހަރަކާތްތަކުގައި ބައިވެރިވާކަމަށް ބުނެ އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން އިބްރާހިމް ވަހީދަށް ފިޔަވަޅު އަޅައިދޭން އެދިއްޖެއެވެ.
މިފަދައިން އެދިފައިވަނީ ދެން މި މަގާމަށް ވާދަކުރައްވާ މީކާއިލް އަހުމަދު ނަސީމެވެ. އެގޮތުން މީކާއިލް އެމްޑީޕީގެ ވަގުތީ ޗެއާޕާސަން އަބްދުއްގަފޫރު މޫސާއަށް ސިޓީއެއް ފޮނުއްވާ ވަނީ ނަޝީދުގެ ކެމްޕެއިން ހަރަކާތްތަކުގެ ފޮޓޯއާއި ވީޑިއޯތަކުން އިބްރާހިމް ވަހީދު ފެންނަކަމަށާއި އެހެންކަމުން މި ހަރަކާތްތަކުގައި އިބްރާހީމް ވަހީދު ބައިވެރިވާކަން ކަށަވަރުވާކަމަށް ވިދާޅުވެފައެވެ.
މީކާއިލް ވަނީ ޑެޕިއުޓީ ޗެއާޕާސަނެއްގެ ހައިސިއްޔަތުން އިބްރާހީމް ވަހީދަކީ ޕާޓީގެ މެންބާޝިޕްގެ ކަންކަމާއި ޕާޓީގެ ހަރަކާތްތައް ބަލަހައްޓަވާ އެންމެ އިސް އެއް ފަރާތް ކަމަށާއި، ޕާޓީގެ އެތެރޭގެ އިންތިހާބުތަކުގައި އޭނާ ހުންނަވަން ވާނީ ވަކި އަތަކަށް ބުރަނުވެ ކަމަށް ވިދާޅުވެފައެވެ. އަދި ވަކި ކެންޑިޑޭޓަކަށް ތާއީދު ކުރުމަކީ މި އިންތިހާބުގައި ވާދަކުރާ އެހެން ކެންޑިޑޭޓުންނަށް ނުލިބޭ ފައިދާއެއް އޭނާ ތާއީދުކުރާ ކުރާ ކެންޑިޑޭޓަށް ލިބިގެންދާނެ ކަމެއްގެ ގޮތުގައިވެސް މީކާއިލް ވަނީ ސިފަ ކުރައްވާފައެވެ.
އެމްޑީޕީއަށް ދާއިމީ ޗެއާޕާސަންއެއް ހޮވުމަށް ބާއްވާ އިންތިހާބު ތާވަލުކޮށްފައިވަނީ އަންނަ ޖޫން މަހުގެ 12 ވަނަ ދުވަހު ބާއްވާ ގޮތަށެވެ. ނަމަވެސް އެމްޑީޕީގެ އަސާސީ ގަވާއިދާ ހިލާފުވީކަމަށްބުނެ ޗެއާޕާސަންގެ އިންތިހާބަށް ކުރި އިއުލާން ބާތިލުކުރަން ވަނީ އަންގާފައެވެ. މިފަދައިން އަންގާފައިވަނީ އެމްޑީޕީގެ އިސްތިއުނާފު ފަނޑިޔާރުންގެ މަޖިލީހުންނެވެ.
އެމްޑީޕީގެ ވަގުތީ ޗެއާޕާސަން އަބްދުލްގަފޫރު މޫސާ (ގަޕޯ) އަށް އިސްތިއުނާފް މަޖިލީހުގެ ރައީސް އަހުމަދު އަބްދުﷲ އަފީފު މިއަދު ފޮނުއްވި ސިޓީއެއްގައި ވަނީ އިންތިހާބުގެ ކަންތައްތައް ރާވައި ހިންގުން ހަވާލުކޮށްފައިވަނީ އިސްތިއުނާފު ފަނޑިޔާރުންގެ މަޖިލީހުގެ ރައީސްއާ ކަމަށް ބުނެފައެވެ.
އަފީފު ވަނީ އޭނާއަށް ނާންގައި ޗެއާޕާސަންގެ އިންތިހާބާ ގުޅޭ އެއްވެސް ނިންމުމެއް ޕާޓީގެ އެއްވެސް ގުނަވަނަކުން ނިންމުމަކީ އަސާސީ ގަވައިދާ ހިލާފު ކަމެއްކަމަށް ވިދާޅުވެފައެވެ. މީގެއިތުރުން ޕާޓީގެ ލީޑަރުންގެ މެދުގައި ނުތަނަވަސްކަން އުފެދިފައިވާ ދަނޑިވަޅެއްގައި ޕާޓީގެ އެތެރޭގެ މަސްލަހަތު ގެއްލިދާނެ ނިންމުމެއް ނިންމުމަކީ ރަނގަޅު ގޮތް ނޫންކަމަށްވެސް އަފީފު ވަނީ ވިދާޅުވެފައެވެ.
