އެމްޑީޕީގެ އަސާސީ ގަވާއިދާ ހިލާފުވީކަމަށްބުނެ އެ ޕާޓީގެ ޗެއާޕާސަންގެ އިންތިހާބަށް ކުރި އިއުލާން ބާތިލުކުރަން އަންގައިފިއެވެ.
ޗެއާޕާސަން އިންތިހާބަށް ހުޅުވާލީ އެމްޑީޕީގެ އަސާސީ ގަވާއިދާ ހިލާފަށް ކަމަށް ބުނެ އެ އިންތިހާބަށް ކުރި އިއުލާނު ބާތިލު ކުރަން އަންގާފައިވަނީ އެމްޑީޕީގެ އިސްތިއުނާފު ފަނޑިޔާރުންގެ މަޖިލީހުންނެވެ.
އެމްޑީޕީއަށް ދާއިމީ ޗެއާޕާސަންއެއް ހޮވުމަށް ބާއްވާ އިންތިހާބު ތާވަލުކޮށްފައިވަނީ އަންނަ ޖޫން މަހުގެ 12 ވަނަ ދުވަހު ބާއްވާ ގޮތަށެވެ. ނަމަވެސް މި އިންތިހާބު ބާތިލުކުރަން އަންގާފައިވާއިރު، އެމްޑީޕީގެ ވަގުތީ ޗެއާޕާސަން އަބްދުލްގަފޫރު މޫސާ (ގަޕޯ) އަށް އިސްތިއުނާފް މަޖިލީހުގެ ރައީސް އަހުމަދު އަބްދުﷲ އަފީފު މިއަދު ފޮނުއްވި ސިޓީއެއްގައި ވަނީ އިންތިހާބުގެ ކަންތައްތައް ރާވައި ހިންގުން ހަވާލުކޮށްފައިވަނީ އިސްތިއުނާފު ފަނޑިޔާރުންގެ މަޖިލީހުގެ ރައީސްއާ ކަމަށް ބުނެފައެވެ.
އަފީފު ވަނީ އޭނާއަށް ނާންގައި ޗެއާޕާސަންގެ އިންތިހާބާ ގުޅޭ އެއްވެސް ނިންމުމެއް ޕާޓީގެ އެއްވެސް ގުނަވަނަކުން ނިންމުމަކީ އަސާސީ ގަވައިދާ ހިލާފު ކަމެއްކަމަށް ވިދާޅުވެފައެވެ. މީގެއިތުރުން ޕާޓީގެ ލީޑަރުންގެ މެދުގައި ނުތަނަވަސްކަން އުފެދިފައިވާ ދަނޑިވަޅެއްގައި ޕާޓީގެ އެތެރޭގެ މަސްލަހަތު ގެއްލިދާނެ ނިންމުމެއް ނިންމުމަކީ ރަނގަޅު ގޮތް ނޫންކަމަށްވެސް އަފީފު ވަނީ ވިދާޅުވެފައެވެ.
އެމްޑީޕީގެ ޗެއާޕާސަންގެ މަގާމުގައި ހުންނެވި ފައްޔާޒް އިސްމާއިލް މަގާމުން މިދިޔަ ޑިސެމްބަރު މަހު އިސްތިއުފާ ދެއްވުމާ ގުޅިގެން ވަގުތީ ގޮތުން އެ މަގާމަށް ހޮވާފައިވަނީ ހަނިމާދޫ ދާއިރާގެ މަޖިލިސް މެންބަރު އަބްދުއްގަފޫރު މޫސާ (ގަޕޯ) އެވެ. އަދި ދާދި ފަހުން ބޭއްވި ލޯކަލް ކައުންސިލް އިންތިހާބަށް އިސްކަން ދިނުމުގެ ގޮތުން، އެމްޑީޕީގެ ދާއިމީ ޗެއާޕާސަންގެ މަގާމަށް މީހަކު ހޮވުން ވަނީ ފަސްކޮށްފައެވެ.
އެމްޑީޕީ ޗެއާޕާސަންގެ އިންތިހާބަށް ކުރިމަތިލުމުގެ ޝަރުތުތަކަކީ:
- ޕާޓީގެ މެންބަރެއް ކަމުގައިވުން
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީގެ 73 ވަނަ މާއްދާ އާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ގާނޫނުގެ 8 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ކުރިމަތިލާ މީހެއްގެ ހުންނަންޖެހޭކަމަށް ބަޔާންކުރާ އެންމެހާ ޝަރުތުތައް ހަމަވުން
މި އިންތިހާބު ބާތިލުކުރަން އަންގާފައިވާއިރު މި އިންތިހާބުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމާއި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރުން އަލްހާން ފަހުމީވެސް ވާދަކުރައްވާކަން ހާމަކޮށްފައިވެއެވެ.
ދާދި ފަހުން ބޭއްވި ލޯކަލް ކައުންސިލް އިންތިހާބަށްފަހު އެމްޑީޕީގެ އެތެރޭގެ ކޯޅުން ބޮޑުވެ އެމްޑީޕީގެ ވަގުތީ ޗެއާޕާސަން ގަޕޯ މަގާމުން ވަކިކުރަން ވެސް ބައެއް މެންބަރުން ނުކުތެވެ.
ޕާޓީގެ އެތެރޭގައި ގަޕޯއާ މެދު ހިޔާލު ތަފާތުވުން އުފެދުނީ އެ އިންތިހާބުގެ ކާމިޔާބީ ފާހަގަކުރަން ބޭއްވި ޖަލްސާގައި ކުރީގެ ރައީސް މުހައްމަދު ނަޝީދަށާއި ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވާހަކަ ދައްކަވަން ފުރުސަތު ނުދެއްވި މައްސަލައިގަ އެވެ. އެކަމާ ނުރުހުން ފާޅުކޮށް، ނަޝީދަށް ތާއީދުކުރާ ބައެއް އެކްޓިވިސްޓުން ޖަލްސާ ބޮއިކޮޓްކުރި އިރު ނަޝީދު ވެސް ޖަލްސާއަށް ވަޑައިގެންފައި ނުވެއެވެ.
