ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހިތިގަސްމަގު ބްރިޖް މަތީގައި ދެ ކާރު ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، އޭގެ ތެރެއިން އެއް ކާރު ފުރޮޅާލައިފިއެވެ.
ފުލުހުންގެ އިދާރާއިން މައުލޫމާތު ދެއްވި ގޮތުގައި، މި ހާދިސާ ހިނގާފައިވާ ކަމުގެ ރިޕޯޓް ފުލުހުންނަށް ލިބިފައި ވަނީ ރޭ ދަންވަރު 02:43 ހާއިރުއެވެ. މި އެކްސިޑެންޓް ހިނގާފައި ވަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހިތިގަސްމަގުގައި ހުންނަ ބްރިޖް މަތީގައެވެ.
މި ހާދިސާގައި ދެ ކާރު ޖެހި، އެކްސިޑެންޓްވި ބާރުމިނުގައި އެއް ކާރު ވަނީ މަގުމައްޗަށް ފުރޮޅާލާފައެވެ. އެކްސިޑެންޓްވި ދެ އުޅަނދަށް ވެސް އެކިވަރުގެ ގެއްލުންތައް ލިބިފައިވީ ނަމަވެސް، މި ހާދިސާގައި އެއްވެސް މީހަކަށް ޖިސްމާނީ އަނިޔާއެއް ލިބިފައި ނުވާ ކަމަށް ފުލުހުން ބުނެއެވެ.
މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
މާލޭ ސަރަހައްދުގައި ދުއްވާ އުޅަނދުތައް އިތުރުވަމުންދާ އިރު، މަގުމަތީގެ އެކްސިޑެންޓްތައް ހިނގާ މިންވަރު ވެސް ދަނީ އިތުރުވަމުންނެވެ. ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި އެކްސިޑެންޓްގެ އަދަދު އަހަރަކަށްވުރެ އަހަރެއް އިތުރުވަމުން އަންނަ ކަން ވަނީ ފާހަގަވެފައެވެ. އެންމެ ގިނައިން އެކްސިޑެންޓް ހިނގާ ސަރަހައްދުގެ ގޮތުގައި ފާހަގަކުރެވެނީ މާލޭގެ އިތުރުން ހުޅުމާލެއެވެ. އެންމެ ގިނައިން އެކްސިޑެންޓް ހިނގާ ވަގުތުގެ ގޮތުގައި ފާހަގަވެފައި ވަނީ އޮފީސްތައް ބަންދުގަޑިތަކުގަ އާއި ދަންވަރުގެ ވަގުތުތަކުގައެވެ.
އެކްސިޑެންޓް ގިނައިން ހިނގަން މެދުވެރިވާ ސަބަބެއްގެ ގޮތުގައި ފާހަގަވެފައި ވަނީ ބާރު ސްޕީޑުގައި ދުއްވުމާއި، މަގުމަތީގެ ގަވާއިދުތަކަށް ފަރުވާކުޑަ ކުރުމެވެ. ފުލުހުން އިލްތިމާސް ކުރަނީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކަނޑައަޅާފައިވާ ގަވާއިދުތަކަށް ހުރިހާ ފަރާތްތަކުން ވެސް އިހުތިރާމް ކުރުމެވެ.
