ހުޅުމާލޭގައި ދުއްވާފައި ދިޔަ ޓެކްސީއެއް ބަގީޗާ ހިނގުމުގައި ހުރި ހޮޅިދަނޑިއެއްގައި ޖެހި ކާރަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ.
ފުލުހުން މައުލޫމާތު ދޭގޮތުގައި، މި އެކްސިޑެންޓުގެ ރިޕޯޓުކޮށްފައި ވަނީ މިއަދު ފަތިހު 04:33 ހާއިރުއެވެ. މި އެކްސިޑެންޓުގައި ކާރު ދުއްވަން އިން 28 އަހަރުގެ ދިވެހި ފިރިހެން މީހާއަށް ވަނީ އެކިވަރުގެ އަނިޔާ ލިބިފައެވެ. ނަމަވެސް އޭނާއަށް އެއްވެސް ސީރިއަސް އަނިޔާއެއް ލިބިފައިނުވާކަމަށް ފުލުހުން ބުނެއެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯއިން ފެންނަ ގޮތުން ހިޅިދަނޑީގައި ޖެހިފައިވަނީ ސަރުކާރުން ޓެކްސީކުރުމަށް ގެނެސްފައިވާ ކާރެކެވެ. ކާރު ހޮޅިދަނޑީގައި ޖެހުމުގެ ސަބަބުން ކާރުގެ ކުރީކޮޅު އެއްކޮށް ހަލާކުވެފައިވާއިރު މި މައްސަލައާ ގުޅިގެން، ކާރު ދުއްވަން އިން ޑްރައިވަރުގެ ލައިސަންސް ފުލުހުން ވަނީ ހިފަހައްޓާފައެވެ.
މި ހާދިސާ ފުލުހުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
ފަހަކަށް އައިސް މާލޭގައި ނުރައްކާތެރި އެކްސިޑެންޓްތައް ހިނގާ ނިސްބަތް ވަރަށް ބޮޑަށް އިތުރުވެފައިވާއިރު ފުލުހުން އަންނަނީ މަގުމަތީގެ އަމާންކަން ބެލެހެއްޓުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެ ގޮތުން އެއްގަމު އުޅަނދު ދުއްވުމުގެ ގާނޫނަށް ގެނެސްފައިވާ އިސްލާހުގެ ދަށުން، އެ ގަވައިދާ ހިލާފުވާ ފަރާތްތަކަށް ފުލުހުން ދަނީ ވަގުތުން ފިޔަވަޅު އަޅަމުންނެވެ.
