މަސްތުގެ ހާލަތުގައި ސައިކަލުމަތީގައި އޮށޯވެއޮވެ ސައިކަލު ދުއްވި މީހާގެ ބަންދަށް އިއްޔެ ކްރިމިނަލް ކޯޓުން އިތުރު 30 ދުވަސް ޖަހައިފިއެވެ.
ޖުމްލަ 44،000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާއެއް ނުދައްކާ އޮއްވައި، ސައިކަލު މަތީގައި އޮށޯވެއޮވެ ސައިކަލު ދުއްވި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ކ. މާފުއްޓަށް ނިސްބަތވާ އުމުރުން 26 އަހަރުގެ އަހްމަދު ފާރިޒެވެ. އޭނާ ހައްޔަރުކޮށްފައިވަނީ މި މަހުގެ ހަތަރުވަނަ ދުވަހުއެވެ.
ކްރިމިނަލް ކޯޓުން ނެރެފައިވާ އަމުރުގައިވާ ގޮތުން އޭނާ ހައްޔަރުކޮށްފައިވަނީ ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއަޅައި މުދަލަށް ގެއްލުންދިނުމާއި، މަސްތުގެ ހާލަތުގައި ހުރެ ނުރައްކާތެރިކޮށް އުޅަނދު ދުއްވުމުގެ ތުހުމަތުގައެވެ. ކޯޓު އަމުރުގައިވާ ގޮތުން، އޭނާ ހައްޔަރުކޮށްފައިވަނީ އެކަށީގެންވާ ވަރަށް ހެކި ހުށަހަޅާފައިވާތީއެވެ.
އޭގެތެރޭގައި ސީން އޮފް ކްރައިމް ރިޕޯޓާ، ސީސީޓީވީ ފުޓޭޖާއި، ފުލުހުންގެ ބަޔާންތައް ހިމެނެއެވެ. އޭނާއަކީ ލައިސަންސް ނެތި ދުއްވުމާއި، ވޭތުވެދިޔަ މުއްދަތުގައި 44،000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކާ އޮތް، އަދި ތަކުރާރުކޮށް މަގުމަތީގެ ގަވާއިދުތަކާ ހިލާފުވެފައިވާ މީހެއްކަން ފުލުހުން ފާހަގަކޮށްފައިވެއެވެ.
މި މައްސަލައާ ގުޅިގެން ކްރިމިނަލް ކޯޓުން އޭނާގެ ބަންދަށް އިތުރު 30 ދުވަސް ދީފައިވާއިރު، މި މުއްދަތު ހަމަވާނީ އަންނަ ނޮވެމްބަރު މަހުގެ 10 ވަނަ ދުވަހަށެވެ.
