ބޮޑުތަކުރުފާނުމަގު އުތުރު ފަރާތް ހަތަރު ލޭނަކަށް ތަރައްގީ ކުރުމުގެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ކުރިއަށްދާ ސެގްމަންޓް 5ގެ 47 ޕަސެންޓް މަސައްކަތް ނިމިފައިވާ ކަމަށް އެމްޓީސީސީން ބުނެފިއެވެ.
އެމްޓީސީސީން ބުނީ، ސެގްމެންޓް 5 ގެ މަސައްކަތްތަކުގެ ތެރެއިން މުހިންމު ލަނޑުދަނޑިތަކެއް މިހާރު ހާސިލް ވެފައިވާ ކަމަށެވެ. އެގޮތުން، ފެނާއި ނަރުދަމާގެ މައި ހޮޅިތައް ވަޅުލުމުގެ މަސައްކަތާއި، ސެޓްލްމަންޓް ޓޭންކްތައް ބެހެއްޓުމުގެ މަސައްކަތް މިހާރު ވަނީ ނިންމާފައެވެ.
އަދި މިވަގުތު ކުރިއަށްދާ މަސައްކަތްތަކުގެ ތެރޭގައި ނަރުދަމާ ނިޒާމު އިތުރަށް ފުރިހަމަކުރުމާއި، އެއްގަމުތޮށީގެ ކާބްސްޓޯން ޖެހުމާއި، ކޭބަލް ޖަންކްޝަންތައް ހެދުމުގެ އިތުރުން ފެން ހިންދާ ކަޗްޕިޓްތައް ބެހެއްޓުމުގެ މަސައްކަތް ކަމަށް ވެއެވެ. މި މަސައްކަތްތައް މި ހަފުތާގެ ނިޔަލަށް ނިންމުމަށް ވަނީ ތާވަލުކޮށްފައެވެ.
އަންނަ ހަފުތާގައި އަލަށް ފެށުމަށް ހަމަޖެހިފައިވާ މަސައްކަތްތަކުގެ ތެރޭގައި މަގުގެ ސަބް-ބޭސް ތައްޔާރުކުރުމާއި، އޭބީސީ (ABC) އެޅުމުގެ އިތުރުން ތާރު އެޅުމުގެ މަސައްކަތް ހިމެނޭކަމަށް އެމްޓީސީސީން ބުނެއެވެ. މީގެ އިތުރުން، ސެގްމަންޓް 2، 3 އަދި 4 ގެ ޝީޓް ޕައިލް ކުރުމުގެ މަސައްކަތްވެސް ހަލުވިކަމާއެކު ކުރިއަށްދާއިރު، މިހާތަނަށް ޖުމްލަ 243 މީޓަރުގެ މަސައްކަތް ވަނީ ނިންމާފައެވެ. މިއީ މި ސެގްމަންޓްތަކުގެ ޝީޓް ޕައިލިން މަސައްކަތުގެ 47 ޕަސެންޓެވެ.
ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ހެދުމުގެ އަމަލީ މަސައްކަތް ފެށީ މިދިޔަ އޮގަސްޓް މަހުގެ 22 ވަނަ ދުވަހެވެ. ތިން ސެގްމަންޓަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މަސައްކަތުގެ ދަށުން 830 މީޓަރުގެ މަގެއް ހަދާއިރު 737 މީޓަރުގެ ސަރަހައްދެއްގައި ޝީޓް ޕައިލް މަސައްކަތް ކުރާނެއެވެ. އަދ،ި ތާރު އަޅައި ސަބްބޭސް ތައްޔާރު ކުރުމާއި، ހިނގާ މީހުންނަށް ވަކި ލޭނެއް ގާއިމުކުރުމާއ،ި ފެންހިންދާ ނިޒާމެއްވެސް ގާއިމު ކުރާނެއެވެ.
ދައުލަތުގެ ބަޖެޓުން 144 މިލިއަން ރުފިޔާ ހަރަދުކޮށްގެން މި މަޝްރޫއު ކުރިއަށް ގެންދާއިރު، އެމްޓީސީސީގެ އަމާޒަކީ ބޮޑުތަކުރުފާނު މަގުގެ މަސައްކަތް އަންނަ ޖުލައިގެ ނިޔަލަށް މަސައްކަތް ނިންމުމެވެ.
ބޮޑުތަކުރުފާނު މަގުގެ މަސައްކަތުގެ ތެރެއިން މިހާތަނަށްވަނީ، އިއްޒުއްދީން ފާލަމުން ފެށިގެން ނޯތު ހާބަރާ ހަމައަށް ތަރައްޤީކޮށްފައެވެ. އެއީ ޖުމުލަ 380 މީޓަރުގެ ސަރަހައްދެވެ.
