ދައުލަތުގެ ފައިސާއިން ބައެއް ފަރާތްތަކުން އަމިއްލައަށް މުއްސަނދިވިއިރު، މި ސަރުކާރުން ކުރަމުންދަނީ އެފަދަ ފަރާތްތަކުން ބަނގުރޫޓުކޮށްލި އިގުތިސާދު އަލުން ކޮޅަށް ޖެހުމުގެ މަސައްކަތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ވެރިކަން ކުރާ ކޮންގްރެސް ޕާޓީގެ ޗެއާޕާސަން ޢަބްދުއްރަހީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި އަބްދުއްރަހީމް މިހެން ވިދާޅުވީ، ޓެކުހާ ބެހޭ އިދާރީ ގާނޫނަށް އިސްލާހު ގެންނަން ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ ބިލާ ގުޅޭގޮތުން އިދިކޮޅު އެމްޑީޕީގެ މެންބަރުން އުފެއްދެވި ސުވާލުތަކަށް ރައްދުދެއްވަމުންނެވެ.
އެގޮތުން ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހު ހުށަހެޅުއްވި މި ބިލުގެ ބަހުސްގައި ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) އަދި ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު (ފިއްޓޭ) ވަނީ ރައްޔިތުންގެ އަތުން ނަގާ ޓެކްސް ފައިސާއިން ސަރުކާރުން ކުރާ ކަންކަމާ މެދު ސުވާލު އުފައްދަވާފައެވެ. އަދި ރައްޔިތުންނަށް އަސާސީ ބޭސް ނުލިބޭ ކަމަށާއި ޓެކްސް ގާނޫނަށް އަވަސްއަވަހަށް ބަދަލު ގެނައުމުން ރައްޔިތުންނާއި ވިޔަފާރިވެރިންގެ އިތުބާރު ގެއްލޭނެ ކަމަށް އެ މެންބަރުން ވިދާޅުވިއެވެ.
މީގެ އިތުރުން ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް ވިދާޅުވީ މި ސަރުކާރުން އެކި ނަންނަމުގައި ބޮޑެތި ޓެކްސްތައް ނަގައިގެން ކުރާހާވެސް ކަމަކީ ރަސްމާލެ ހިއްކުން ކަމަށެވެ. އެގޮތުން ކޮންމެ އަހަރެއްގެވެސް އިރުވައި މޫސުމާ ދިމާކޮށް ބަޖެޓާއެކު ކޭޝް ފްލޯ ރަނގަޅުކުރުމުގެ ވާހަކަ ސަރުކާރުން ދައްކާއިރު، އެކަމަށް ރައްޔިތުން ހޭލުންތެރިވާންޖެހޭ ކަމަށް ނާޒިލް ވިދާޅުވިއެވެ.
މި ވާހަކަތަކަށް ރައްދުދެއްވަމުން މަޖިލީހުގެ ރައީސް ވިދާޅުވީ، ފައިސާ ހޯއްދަވައިގެން އެކި ބޭފުޅުން ކުރައްވަނީ އެކި ކަންކަން ކަމަށާއި، ބައެއް ބޭފުޅުން ކުރައްވަނީ އަމިއްލަ ޖީބު ބޮޑުކޮށް އަމިއްލަ ކުންފުނިތައް މުއްސަނދިކުރުން ކަމަށެވެ. އެއާހިލާފަށް މި ސަރުކާރުން ކުރަމުންދަނީ އެފަދަ ބޭފުޅުން ބަނގުރޫޓުކޮށްލި ގައުމު ސަލާމަތްކޮށް، އިގުތިސާދު ކޮޅަށްޖެހުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ދައުލަތުގެ ފައިސާއިން ބަޔަކު އަމިއްލަ މުއްސަނދިކަން ހޯދި ކަމަށް އަބްދުއްރަހީމް ތުހުމަތު ކުރެއްވި އިރު ،އެއީ ކޮން ބަޔެއް ކަމެއް ފާހަގަކުރައްވާފައެއް ނުވެއެވެ.
