މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ ދަށުން އަޅާ ފިންގާ ޖެޓީތަކުގެ މަސައްކަތް ތާވަލާ އެއްގޮތަށް ބާރަށް ކުރިއަށްދާ ކަމަށް އެމްޓީސީސީން ހާމަކޮށްފިއެވެ.
ރާއްޖޭގެ އެންމެ ބޮޑު ކޮންޓްރެކްޓިން ކުންފުނި ކަމަށްވާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނި ގޮތުގައި، މި މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ހަދާ ފިންގާ ޖެޓީތަކަށް ބޭނުންވާ ތަނބުތައް (ކޮލަމް) އިންސްޓޯލް ކުރުމުގެ މަސައްކަތް މިހާރު ދަނީ ޝެޑިއުލާ އެއްގޮތަށް ކުރިއަށެވެ.
މީގެއިތުރުން، ފިންގާ ޖެޓީތައް ތަރައްގީކުރުމުގެ މަސައްކަތް ހަލުވި ދުވެއްޔެއްގައި ކުރިއަށްދާކަން ފާހަގަކުރަމުން އެމްޓީސީސީން ބުނީ، ކޮލަމްތައް އިންސްޓޯލް ކުރުމުގެ އިތުރުން ރީއިންފޯސްމަންޓް އަދި ޝަޓަރިންގެ މަސައްކަތްތައް ވެސް މިހާރު ހުއްޓުމެއްނެތި ކުރިއަށްދާ ކަމަށެވެ.
މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަކަށް ތަރައްގީކޮށް، ފިންގާ ޖެޓީތައް އެޅުމުގެ މައިގަނޑު މަގްސަދަކީ އެ ސަރަހައްދުގެ ބަނދަރުގެ ޖާގަ އިތުރުކޮށް، ލަފާފުރުމަށާއި މުދާ އެރުވުމާއި ބޭލުމުގައި އުޅަނދުފަހަރަށް ދިމާވާ ދަތިތަކަށް ދާއިމީ ހައްލެއް ހޯދައިދިނުމެވެ. މި މަޝްރޫއު ނިމުމުން، ވިޔަފާރި ބަނދަރާއި އެ ސަރަހައްދުގެ މަގުތަކުގެ ތޮއްޖެހުން ކުޑަވެ، އިގްތިސާދީ ޙަރަކާތްތަކަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ.
