ރޭ މާލޭގައި، އިދިކޮޅު އެމްޑީޕީން ބޭއްވި މުޒާހަރާގައި ހައްޔަރުކުރި ދެ މީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފިއެވެ.

ފުލުހުން ބުނީ އެއްވުމުގައި ފުލުހުންގެ ވާޖިބަށް ހުރަސްއަޅައި އަމުރަށް ނުކިޔަމަންތެރިވި ކަމުގެ ތުހުމަތުގައި 30 އަހަރުގެ ފިރިހެނަކާއި 49 އަހަރުގެ ފިރިހެނެއް ހައްޔަރުކުރި ކަމަށެވެ. އެއީ ޒުވާނުންގެ ގޮފީގެ ކުރީގެ ނައިބު ރައީސް މައިމޫން އަދި ނައިފަރު ދާއިރާގެ ރައީސް އަބްދުالله ރަޝީދު (ވާވާ) އެވެ. އޭގެ ތެރެއިން ބަންދުން ދޫކޮށްލީ ވާވާއެވެ.

ސަރުކާރުގެ ސިޔާސަތުތަކަށް ފާޑުކިޔައި، އެމްޑީޕީން 12 ޑިމާންޑެއް ހުށަހަޅައި، އެކަންކަން ތަންފީޒު ކުރުމަށް ގޮވާލައި މާލޭގައި މުޒާހަރާ ކުރަން ފަށައިފައިވަނީ މި މަހުގެ 14 ވަނަ ދުވަހުގެ ރޭގައެވެ.

ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ މެންބަރު މީކާއިލް އަހްމަދު ނަސީމް ވިދާޅުވީ، އޭޕްރީލް 4 ގައި ބޭއްވި އިންތިހާބުގެ ނަތީޖާއިން، ރައްޔިތުންގެ އިތުބާރު ސަރުކާރަށް ގެއްލިފައިވާކަން ވަރަށް ސާފުކޮށް ހާމަވެއްޖެ ކަމަށެވެ. އެމްޑީޕީގެ، މި ގަރާރު ފާސްކުރުމާ އެކު، އެ ޕާޓީން އަންނަނީ މާލޭގައި ސިލްސިލާ މުޒާހަރާތައް ކުރަމުންނެވެ.