މެދުއިރުމަތީގައި މިހާރު ކުރަމުންދާ ހަނގުރާމައާއި ސަރަހައްދީ ނުތަނަވަސްކަމާ ގުޅިގެން، އެ ސަރަހައްދުގެ އެކި ގައުމުތަކުގައި މަތީ ތަޢުލީމު ހާސިލުކުރަމުންދާ ދިވެހި ދަރިވަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރަމުންދާކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ހައިދަރު މިފަދައިން ވިދާޅުވެފައިވަނީ މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކާއި ގުޅިގެން ދިވެހި ރައްޔިތުންނަށް ކުރިމަތިވެދާނެ ދަތިތަކާއި ކުރިމަތިވާ ކަންކަން ހައްލުކުރުމަށް ގުޅިގެން ފިޔަވަޅުތައް އެޅުމަށް ރައީސް އުފައްދަވައިފައިވާ ވަޒީރުންގެ ހާއްސަ ކޮމިޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ.
އެގޮތުން ހައިދަރު ވިދާޅުވީ މެދުއިރުމަތީގެ ގައުމުތަކުގައި މިވަގުތު ތިބި 78 ދަރިވަރުންގެ ހާލު ސަރުކާރުން ވަރަށް ގާތުން ބަލަމުންދާކަމަށާއި، އެ ކުދިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ފޮރިން މިނިސްޓްރީއާ އެހެން އިދާރާތައް ގުޅިގެން މަސައްކަތް ކުރަމުން ދާކަމަށެވެ.
ޔުނިވަސިޓީތަކުގެ ސްޕްރިންގް ބްރޭކާ ދިމާކޮށް ބައެއް ދަރިވަރުން ރާއްޖެ އައުމަށް ބޭނުންވާތީ، އެކަމުގެ އިންތިޒާމުތައްވެސް ސަރުކާރުން ހަމަޖައްސަވަމުންދާކަމަށް ހައިދަރު ވިދާޅުވެފައިވެއެވެ.
ކޮންމެ ދަރިވަރަކުވެސް އެ ކުއްޖަކު ހުރި ގައުމަކާ އެންމެ ކައިރީގައި ހުންނަ ދިވެހިރާއްޖޭގެ ޑިޕްލޮމެޓިކް މިޝަންގައި ރަޖިސްޓަރީވުމަށް އަންގާފައިވާކަމަށާއި، މިއީ ކުއްލި ހާލަތެއް މެދުވެރިވެއްޖެނަމަ އަވަހަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެޅިފައިވާ މުހިންމު ފިޔަވަޅެއް ކަމަށް ހައިދަރު ވަނީ ވިދާޅުވެފައެވެ.
މި ކާރިސާއާ ގުޅިގެން ދިވެހިންނަށް ދިމާވެދާނެ ދަތިތައް ހައްލުކުރުމަށްޓަކާ ފެބްރުއަރީ 28 ވަނަ ދުވަހު ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ 9 މެމްބަރުންގެ މައްޗަށް އެކުލެވޭ ހާއްސަ ކެބިނެޓް ކޮމިޓީއެއް އެކުލަވާލައްވާފައެވެ. މި ކޮމިޓީގެ މައިގަނޑު މަގުސަދަކީ، މެދުއިރުމަތީގެ ހާލަތު ބަދަލުވަމުންދާ ގޮތް މޮނިޓާކޮށް، ރާއްޖެއިން ބޭރުގައި ތިބި ދިވެހިންނަށް ބޭނުންވާ އެހީތެރިކަން އަވަސް މިނެއްގައި ފޯރުކޮށްދިނުމެވެ.
