މިއަދު ހަވީރު 4:00 އާ ހަމައަށް 60 ޕަސެންޓަށްވުރެ ގިނަ މީހުން ވޯޓުލާފައިވާ ކަމަށް އިލެކްޝަން ކޮމިޝަނުން ބުނެފިއެވެ.
އީސީން އާންމުކުރި އެންމެ ފަހުގެ ތަފާސް ހިސާބުތަކުން ހާމަވާ ގޮތުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ތެރެއިން 185709 މީހުން ވޯޓުލާފައިވާއިރު އޭގެ ތެރޭގައި ހިމެނެނީ 92567 އަންހެނުންނާއި 93142 ފިރިހެނުންނެވެ. މި ނިސްބަތަކީ ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ 37.02 ޕަސެންޓުކަމަށް އީސީން ވަނީ ބުނެފައެވެ.
އިންތިހާބުގެ ވޯޓުލުން ފަށާފައި ވަނީ މިއަދު ހެނދުނު 08:00 އެވެ. ވޯޓުފޮށިތަކުގެ ކިއުތައް ބަންދުކުރުމަށް ކުރިން ނިންމާފައިވަނީ 4:00 ގައެވެ. ނަމަވެސް ވަގުތު ކުޑަތަންވެފައި ވަނިކޮށް އީސީން ވަނީ ކިއުތައް ބަންދުކުރާ ގަޑި 5:00 އަށް ދިގު ދަންމާލާފައެވެ. އީސީން ބުނީ ވަގުތު އިތުރުކޮށްފައިވަނީ ވޯޓުލުން ހޫނުގަދަވެ، ކިއުދިގުވެ ގިނަބަޔަކަށް ވޯޓުލުމަށް ދަތިވެފައިވާތީކަމަށެވެ.
މި އިންތިހާބަށް ވޯޓު ލުމުގެ ހައްގު ލިބިފައިވާ 294،876 މީހުން ތިބި އިރު އޭގެތެރޭގައި ހިމެނެނީ 144،506 އަންހެނުންނާއި 150،0370 ފިރިހެނުންނެވެ.
ލޯކަލް ކައުންސިލް އިންތިހާބަށް ކައުންސިލްތަކުން ޖުމްލަ 626 ކެންޑިޑޭޓުން ކުރިމަތިލާފައި ވާއިރު، ސިޓީ ކައުންސިލްތަކަށް ވަނީ 52 ކެންޑިޑޭޓުން ކުރިމަތިލާފައެވެ. ހަމައެއާއެކު އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއަށް 2961 ކެންޑިޑޭޓުން ކުރިމަތިލާފައި ވެއެވެ.
ޖުމްލަ 588 ވޯޓު ފޮށި މި އިންތިހާބުގައި ބަހައްޓާފައިވާ އިރު، އެންމެ ގިނަ ވޯޓު ފޮށި ބަހައްޓާފައި ވަނީ މާލެ ސަރަހައްދުގައި ހެންވޭރު ދަނޑުގައެވެ. އެއީ 30 ވޯޓު ފޮއްޓެވެ. މާލެ ސަރަހައްދުގައި 241 ވޯޓު ފޮއްޓެއް ބަހައްޓާފައިވާ އިރު، މާލޭގައި 180 ފޮށި، ވިލިމާލޭގައި 9 ފޮށި، ހުޅުމާލޭގައި 51 ފޮށި ވަނީ ބަހައްޓާފައެވެ. އަދި އަތޮޅުތެރޭގައި 347 ވޯޓު ފޮއްޓެއް ވަނީ ބަހައްޓާފައެވެ.
