ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް މާލީ ބަޔާން ހުށަހަޅާފައި ނުވާތީ، އިލެކްޝަންސް ކޮމިޝަން (އީސީ) އިން 3 ސިޔާސީ ޕާޓީއަކަށް ފިޔަވަޅު އަޅައި، ޖޫރިމަނާކޮށްފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ފިޔަވަޅު އަޅާފައިވާ ތިން ޕާޓީއަކީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)، މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) އަދި އަދާލަތު ޕާޓީއެވެ.

އީސީގެ މެންބަރު އަދި ތަރުޖަމާނު ހަސަން ޒަކަރިއްޔާ ވިދާޅުވީ މީގެ ތެރެއިން އެމްއެންޕީ އާއި އަދާލަތު ޕާޓީން އެއްވެސް ގޮތަކަށް މާލީ ބަޔާން ހުށަހަޅާފައެއް ނުވާ ކަމަށެވެ. އަދި އިދިކޮޅު އެމްޑީޕީން މާލީ ބަޔާން ހުށަހެޅީ ސުންގަޑި ހަމަވިތާ ގާތްގަނޑަކަށް ހަފްތާއެއްހާ ދުވަސް ފަހުންނެވެ.

ސިޔާސީ ޕާޓީތަކުގެ މާލީ ބަޔާން ހުށަހެޅުމަށް ދިން ސުންގަޑިއަކީ މިދިޔަ މޭއި މަހުގެ 20 ވަނަ ދުވަސްކަމުގައިވާއިރު ގަވާއިދާ އެއްގޮތަށް އަމަލުނުކުރުމުގެ ސަބަބުން މި ތިން ޕާޓީގެ ތެރެއިން ކޮންމެ ޕާޓީއެއް 50،000 ރުފިޔާއިން ވަނީ ޖޫރިމަނާކޮށްފައެވެ.

ސުންގަޑި ހަމަވުމުގެ ކުރިން މާލީ ބަޔާން ހުށަހަޅާފައިވަނީ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)، ޖުމްހޫރީ ޕާޓީ (ޖޭޕީ) އަދި މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްއެންޑީއޭ) އެވެ.

އެގޮތުން ޕީއެންސީގެ މާލީ ބަޔާނުގައިވާ ގޮތުން 2025 ވަނަ އަހަރު އާމްދަނީގެ ގޮތުގައި 14.1 މިލިއަން ރުފިޔާ ލިބުނެވެ. އޭގެ ތެރެއިން 13.3 މިލިއަން ރުފިޔާއަކީ އީސީން ދިން ފައިސާއެވެ. އަދި 842،000 ރުފިޔާއަކީ އަމިއްލަ ފަރާތްތަކުން ދިން އެހީގެ ފައިސާއެވެ.