ސިޔާސީ ޕާޓީތަކުގެ މެންބާޝިޕް ނިޒާމާ ގުޅޭގޮތުން ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) އިން އިލެކްޝަންސް ކޮމިޝަނާމެދު ކުރަމުންދާ ދޮގު ތުހުމަތުތަކާއި ދައްކަމުންދާ ވާހަކަތައް އެ ކޮމިޝަނުން ކުށްވެރިކޮށްފިއެވެ.
އިލެކްޝަންސް ކޮމިޝަނުން ނެރުނު ބަޔާނެއްގައި ބުނީ، ދިވެހިރާއްޖޭގައި ސިޔާސީ ޕާޓީތައް ވުޖޫދުވެ ޕާޓީތަކަށް މެންބަރުން ވެއްދުމުގެ މަސައްކަތް ފެށުނީއްސުރެ ހުއްޓުމެއް ނެތި އާންމުންނާއި ސިޔާސީ ޕާޓީތަކުގެ ފަރާތުން ލިބެމުންދިޔަ އެންމެ ބޮޑު ޝަކުވާއަކީ، މީހުންނަށް ނޭނގި އޮޅުވާލައިގެން ޕާޓީތަކަށް މެންބަރުން ވެއްދުމާއި ޕާޓީތަކުން މެންބަރުން ވަކިކުރުމުގެ މައްސަލަ ކަމަށެވެ.
އެއާއެކު އެ މައްސަލައަށް ދާއިމީ އަދި ހަރުދަނާ ހައްލެއް ހޯދުމަށްޓަކައި، އެކި ދުވަސްވަރު މަތިން ސިޔާސީ ޕާޓީތަކާއި ކަމާގުޅުންހުރި އެކިއެކި އިދާރާތަކާ ގުޅިގެން މަޝްވަރާކޮށް އެއިރެއްގެ ހާލަތާ ގުޅޭގޮތުން ގިނަގުނަ އިސްލާހީ ބަދަލުތައް ކޮމިޝަނުން ގެނެސްފައިވާ ކަމަށް ވެއެވެ. އެގޮތުން، ޕާޓީތަކުގެ މެންބާޝިޕް ނިޒާމުގެ ތެރެއަށް 'އީ-ފާސް' ތަޢާރަފްކުރެވުމާއެކު، މި ނިޒާމު ވެގެން ގޮސްފައިވަނީ ޢާންމު ރައްޔިތުން ބަލައިގަންނަ، ނުހަނު އިތުބާރު ހުރި އަދި ދެފުށް ފެންނަ ނިޒާމަކަށް ކަމަށް އީސީން ބުނެފައި ވެއެވެ.
އެގޮތުން، މިހާރު ގާއިމުކުރެވިފައިވާ ނިޒާމުގެ ދަށުން، ކޮންމެ ރައްޔިތަކަށްވެސް އެމީހެއްގެ އަމިއްލަ އީ-ފާސް މެދުވެރިކޮށް، ފުރިހަމަ އިހްތިޔާރުގައި ބޭނުން ވަގުތެއްގައި ސިޔާސީ ޕާޓީއަކަށް ވަނުމާއި ޕާޓީން ވަކިވުމުގެ ފުރުސަތު ފަހިކޮށްދީފައިވާ ކަމަށާއި އެހެންކަމުން، ޕާޓީއަކަށް ވަނުމާއި ޕާޓީން ވަކިވުމަކީ ހަމައެކަނި އެ ފަރާތަކާއި އެ ޕާޓީއަކާ ދެމެދުގައި ހިނގާ މުޢާމަލާތެއް ކަމަށާއި، މިއީ އިތުރު ފަރާތެއްގެ ބައިވެރިވުމެއްނެތް، ފަރުދީ މިނިވަންކަމާއި އިހްތިޔާރުގެ ތެރެއިން ނިންމޭ ނިންމުމެއް ކަމަށް ކޮމިޝަނުން ބުނެފައިވެއެވެ.
އެހެންކަމުން ހަގީގަތް އޮޅޭގޮތަށް، ޢާންމުންގެ މެދުގައި އިލެކްޝަންސް ކޮމިޝަނަށާއި ޕާޓީތަކުގެ މެންބާޝިޕް ނިޒާމަށް އޮތް އިތުބާރު ގެއްލޭގޮތަށް ޕީއެންއެފްއިން ދައްކަމުންދާ ވާހަކަތައް ކުށްވެރިކުރަމުން، ހަގީގަތާ ހިލާފު ވާހަކަތައް ނުފެތުރުމަށާއި، ހުރިހާ ފަރާތްތަކުންވެސް ޒިންމާދާރުކަމާއެކު ސިޔާސީ ހަރަކާތްތައް ހިންގުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނަސޭހަތްތެރިވެ އިލްތިމާސްކޮށްފައެވެ.
އީސީން މިފަދައިން ބުނެފައިވާއިރު ޕީޕަލްސް ނެޝަނަލް ފްރޮންޓު (ޕީއެންއެފް)އިން ދާދިފަހުން ވަނީ ނޭނގި އެ ޕާޓީގެ މެންބަރުން ޕާޓީއިން ވަކިކުރަމުން ދާކަމަށް ބުނެ އިލެކްޝަން ކޮމިޝަންގެ ރައީސް، މުހައްމަދު ޝަކީލުގެ މައްޗަށް ޖިނާއީ ތަހުގީގެއް ކޮށްދިނުމަށް އެދި ފުލުހަށް ހުށަހަޅާފައެވެ.
މީގެ ކުރިންވެސް އެ ޕާޓީއިން ތަކުރާރުކޮށް އެކި ފަހަރު މަތިން އެ ކަންބޮޑުވުންތަކާއެކު އީސީގެ ވެރިންނާ ބައްދަލުކޮށްފައިވާނެ ކަމަށާ ނަމަވެސް ޕީއެންއެފްގެ ޝަކުވާތަކަށް ނިމުމެއް ނައިސް، ކަންކަން އިސްލާހުވެސް ނުވި ކަމަށް އެ ޕާޓީގެ ސެކެރެޓަރީ ޖެނެރަލް މުހައްމަދު މަލީހު ޖަމާލު ވަނީ ވިދާޅުވެފައެވެ.
