ވ. ތިނަދޫ ކައުންސިލްގެ ރައީސް އަލީ ޝުޖާއު، އޭނާ އިންތިޚާބުވި ޕާޓީ ދޫކޮށް އެހެން ސިޔާސީ ޕާޓީއަކާ ގުޅުމާ ގުޅިގެން، އޭނާގެ ކައުންސިލް ގޮނޑި ގެއްލިފައިވާ ކަމަށް އެލްޖީއޭ އިން ކަނޑައަޅައިފިއެވެ.
މިކަމާ ގުޅިގެން އެލްޖީއޭ އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، މިދިޔަ އެޕްރީލް މަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި "ދަ ޑިމޮކްރެޓްސް" ގެ ޓިކެޓުގައި ވާދަކޮށް ތިނަދޫ ކައުންސިލްގެ ރައީސް ކަމަށް އިންތިހާބުވި ޝުޖާއު، ކައުންސިލްގެ ދައުރު ފެށުނު ފަހުން މިދިޔަ މެއި މަހުގެ 19 ވަނަ ދުވަހު އެމްޑީޕީގެ މެންބަރެއްގެ ގޮތުގައި އިލެކްޝަންސް ކޮމިޝަން (އީސީ) ގައި ދަފްތަރުވެފައިވާކަން އެ ކޮމިޝަނުން އަންގާފައިވާ ކަމަށެވެ.
ލާމަރުކަޒީ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުން، ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި ވާދަކޮށްގެން ކައުންސިލަށް އިންތިހާބުވުމަށްފަހު، އެ އިންތިހާބުވި ދައުރުގެ ތެރޭގައި އެހެން ޕާޓީއެއްގެ މެންބަރަކަށް ވެއްޖެ ނަމަ އެ މީހެއްގެ މަގާމު ގެއްލޭނެއެވެ.
އެލްޖީއޭގެ ބަޔާނުގައިވާ ގޮތުން، މިދިޔަ އަންގާރަ ދުވަހު ބޭއްވި އެ އޮތޯރިޓީގެ ބޯޑު ބައްދަލުވުމުގައި ވަނީ ޝުޖާއު ކައުންސިލްގެ ރައީސްކަމުގެ މަގާމުން ވަކިވެއްޖެ ކަމަށް ކަނޑައަޅައި، އެ ގޮނޑި މިހާރު ހުސްވެފައިވާކަން އީސީއަށް އެންގުމަށް ނިންމާފައެވެ.
މި މައްސަލާގައި ގޮތެއް ނިންމުމުގެ ކުރިން، މިދިޔަ މަހުގެ ކުރީކޮޅުން ފެށިގެން ޝުޖާއު ހުރީ ސަސްޕެންޑް ކޮށްފައެވެ. އަދި އޭނާ ސަސްޕެންޝަންގައި ހުރި މުއްދަތުގައި ކައުންސިލް ހިންގުން އޮތީ އެ ކައުންސިލްގެ ނައިބު ރައީސްއާ ހަވާލުކޮށްފައެވެ. ޝުޖާއު އަކީ ޕާޓީ ބަދަލުކުރުމުގެ ސަބަބުން މިފަދަ ގޮތަކަށް ގޮނޑި ގެއްލުނު ފުރަތަމަ ކައުންސިލް ރައީސެވެ.
