ޕްރައިވެޓް ކެންޑިޑޭޓުންގެ ގޮތުގައި އޭލެވެލް އެޑެކްސެލްގެ މާއްދާތަކުގައި ބައިވެރިވާން ބޭނުންވާ ކެންޑިޑޭޓުންނަށް މިއަހަރުން ފެށިގެން މޭ/ޖޫން ސީރީސްގެ އިމްތިހާނުތައް ރާއްޖޭގައި ހެދޭ ގޮތަށް އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފިއެވެ.
2019 ވަނަ އަހަރަށް ފަހު ދިވެހިރާއްޖޭގައި އޭލެވެލް އެޑެކްސެލްގެ މޭ/ޖޫން އިމްތިހާނު ދިނުން ވަނީ ހުއްޓާލާފައެވެ. ކޮވިޑާއި ގުޅިގެން ދެން މި އިމްތިހާނު ބާއްވަމުން އައިސްފައިވަނީ އޮކްޓޫބަރު/ނޮވެމްބަރުގައެވެ.
އޭލެވެލް އިމްތިހާނު މޭ/ ޖޫންގައި ވެސް ބާއްވައިދޭން އެދި 300 އެއްހައި ދަރިވަރުން ވަނީ ޕެޓިޝަނެއް ހުށަހަޅަން ތައްޔާރުވެފައެވެ. ޕެޓިޝަން ހުށަހަޅަނީ ނަތީޖާ ދަށްވާ ހާލަތެއްގައި އަލުން ޓެސްޓު ހަދަން ފުރުސަތު ލިބެނީ އެއް އަހަރު ފަހުން ކަމަށާއި މިކަމުގެ ސަބަބުން އޭ ލެވެލްގެ ގަދަ 10 ގައި ހިމެނި ސްކޮލާޝިޕް ހޯދަން އޮންނަ ފުރުސަތު ހަނި ވާކަމަށް ބުނެއެވެ.
އެޑިއުކޭޝަން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މޭ/ޖޫން އިމްތިހާނު ދިނުން ހުއްޓާލުމާއި ގުޅިގެން މި އިމްތިހާނު ހަދަން ބޭނުންވާ ކެންޑިޑޭޓުން ރާއްޖެއިން ބޭރަށް ދަތުރު ފަތުރުކުރުމަށާއި ހުރުމުގެ ހަރަދަށް އެކަނި ވެސް، އެވްރެޖް ގޮތެއްގައި 30,000ރ އަށް ވުރެ ގިނަ ފައިސާ ހަރަދުވާކަން ފާއިތުވި އަހަރުތަކުގެ ތަފާސްހިސާބުތަކުން ހާމަވެފައިވާ ކަމަށެވެ.
އެހެންކަމުން މި އިމްތިހާނު އަލުން ހަދަން ބޭނުންވާ ދަރިވަރުންނަށް އެ ފުރުސަތު މޭ/ޖޫން ގައި ދިނުމަށް ނިންމާފައިވާކަން ހާމަކޮށް އެޑިއުކޭޝަން މިނިސްޓްރީން ބުނީ މޭ/ޖޫން ސީރީސް ރާއްޖޭގައި އަލުން ފެށިކަމުގައި ވީ ނަމަވެސް ސްކޫލް ދަރިވަރުންގެ އޭލެވެލް އިމްތިހާނު މިހާރެކޭ އެއް ގޮތަށް އޮންނާނީ އޮކްޓޫބަރު/ނޮވެންބަރު މަހު ކަމަށެވެ.
މިކަމުގެ މައުލޫމާތު ފެބްރުއަރީ 4 ވަނަ ދުވަހުން ފެށިގެން ޑިޕާޓްމެންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަނުން ދެމުން ގެންދާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބުނެފައެވެ.
