ޒަކާތު ގާނޫނުގެ ދަށުން 'ޝަރީއާ އެޑްވައިޒަރީ ކޮމިޓީ' އުފައްދާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، އެ ކޮމިޓީއަށް މެންބަރުން އައްޔަނުކުރައްވައިފިއެވެ.
މި ކޮމިޓީ އަކީ ދިވެހިރާއްޖޭގެ ޒަކާތުގެ ނިޒާމު އެކުލަވާލައި ހިންގުމާ ގުޅޭ ކަންކަމުގައި ޒަކާތުގެ ގާނޫނު ތަންފީޒުކުރާ ފަރާތްތަކަށް ޝަރުއީ ލަފާއާއި އިރުޝާދު ދިނުމަށްޓަކައި 5 މެންބަރުންގެ މައްޗަށް އެކުލެވޭ ޝަރީއާ އެޑްވައިޒަރީ ކޮމިޓީއެކެވެ. މި ކޮމިޓީ އެކުލަވާލާފައިވަނީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރުގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާއެވެ.
އެގޮތުން އެ ކޮމިޓީއަށް ރައީސުލްޖުމްހޫރިއްޔާ އައްޔަނުކުރައްވާފައިވާ މެންބަރުންނަކީ:
- ޗެއާޕާސަން: އަބްދުﷲ ސައުދާން، މ. ޕެޓީބާޑް، މާލެ ސިޓީ، މިނިސްޓަރީ އޮފް ސްޓޭޓް ފޯ އިސްލާމިކް އެފެއާޒް
- މެންބަރު: އުސާމް މުހައްމަދު ސައީދު، ގަމަރީ، ގދ. މަޑަވެލި، މިނިސްޓަރީ އޮފް އިސްލާމިކް އެފެއާޒްގެ ނައިބު
- މެންބަރު: އަބްދުލްހާދީ ހުސައިން، ޓިއުލިޕް، ރ. ކިނޮޅަސް، ހެޑް އޮފް ޝަރީއާ ކޮމްޕްލަޔަންސް އެންޑް ގަވާނަންސް، ބީއެމްއެލް އިސްލާމިކް، ބޭންކް އޮފް މޯލްޑިވްސް
- މެންބަރު: އަހްމަދު ފިރާސް، ވެސްޓްލައިޓް، ސ. ހުޅުދޫ، ކަންޓްރީ ހެޑް އޮފް ޝަރީއާ، އެޗްއެސްބީސީ އަމާނާ، މެލޭޝިއާ
- މެންބަރު: އަޒްމީނު ރަޝީދު، ޗަނބޭލީވިލާ، ގދ. ރަތަފަންދޫ، ސީނިއާ ލީގަލް ސްޓްރެޓެޖިސްޓް، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިން
ޒަކާތު ގާނޫނުގައިވާ ގޮތުން، ޝަރީއާ އެޑްވައިޒަރީ ކޮމިޓީ އެކުލަވައިލާންވާނީ ސަރުކާރާއި ސަރުކާރުން ބޭރުގެ ފަރާތްތައް ހިމެނޭ ގޮތުގެ މަތީންނެވެ. އަދި ޝަރީއާ އެޑްވައިޒަރީ ކޮމިޓީއަށް އައްޔަނުކުރާ މެންބަރުންނަކީ، އިސްލާމީ ޝަރީއާގެ ކަމާގުޅޭ ދާއިރާއަކުން އެންމެ ދަށްވެގެން ގައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 9ގެ ސަނަދެއް ހާސިލުކޮށްފައިވުމުގެ އިތުރުން، މިނިސްޓްރީން ދޫކޮށްފައިވާ ދީނީ ތަގްރީރުކުރުމާއި ދީނީ ނަސޭހަތް ދިނުމުގެ ހުއްދަ އޮތް ފަރާތެއްކަމުގައި ވާންވާނޭކަމަށެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ ޝަރީއާ އެޑްވައިޒަރީ ކޮމިޓީ އުފެއްދުމަކީ ޒަކާތާ ބެހޭ ގާނޫނުގެ މަގުސަދުތަކާ އެއްގޮތްވާ ގޮތުގެ މަތިން، ރާއްޖޭގައި ޒަކާތުގެ ކަންކަން ބެލެހެއްޓުމުގައި ޝަރުއީ ހިންގުންތެރިކަމާ، ދެފުށް ފެންނަ މިންވަރާ، އަދި ޝަރުއީ ހަމަތަކަށް ތަބާވުން ހަރުދަނާކުރުމަށްޓަކައި، އެޅިގެންދިޔަ މުހިންމު ފިޔަވަޅެއް ކަމަށެވެ.
