ރައީސް ޑރ.މުހައްމަދު މުއިއްޒު، އިސްލާމިކް މިނިސްޓްރީގެ ދަށުން ހިންގާ ތަނެއްގެ ގޮތުގައި މޯލްޑިވްސް ޒަކާތު ހައުސް ކަނޑައަޅުއްވައި އެ އިދާރާ މިއަދު އުފައްދަވައިފިއެވެ.
މިއާއެކު، ޒަކާތުގެ ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން އިސްލާމިކް މިނިސްޓްރީގެ ދަށުން ހިނގަމުން އައި މޯލްޑިވްސް ޒަކާތު ހައުސް، މިއަދުން ފެށިގެން ވަނީ އުވާލާފައެވެ.
ރާއްޖޭގައި ފުރަތަމަ ފަހަރަށް ޒަކާތުގެ ގާނޫނަށް އަމަލުކުރަން މިއަދު ފަށާފައިވާއިރު މިދޔަ ޑިސެމްބަރު މަހުގެ 3 ވަނަ ދުވަހު ރައްޔިތުންގެ މަޖިލިހުން ފާސްކުރި ޒަކާތުގެ ގާނޫނު ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގު ކުރެއްވީ އެ މަހުގެ 6 ވަނަ ދުވަހުއެވެ.
މި ގާނޫނަކީ، އިސްލާމްދީނުގައި ޒަކާތް ޝަރުއު ކޮށްފައިވާ މަގިސަދި ހާސިލުކުރެވޭނެ ގޮތެއްގެ މަތިން ޒަކާތުގެ ކަންކަމާ ގުޅޭ ގާނޫނީ އޮނިގަނޑެއް އެކުލަވާލުމާ، ގާނޫނުގެ ދަށުން ދައްކަންޖެހޭ ޒަކާތުގެ ބާވަތްތަކާއި، ޒަކާތް ދެއްކުން ލާޒިމުވާ ފަރާތްތަކާއި، ޒަކާތް ދެއްކުން ލާޒިމުވާ މުދަލުގެ ބާވަތްތައް ކަނޑައެޅުމުގެ މަގުސަދުގައި އެކުލަވާލާފައިވާ ގާނޫނެކެވެ.
މިއަދު މި ގާނޫނަށް އަަމަލުކުރަން ފެށުމާއެކު ދެން ރާއްޖޭގައި ޒަކާތް ނެގުމާ، ޒަކާތުގެ ގޮތުގައި ލިބޭ މުދަލާ ފައިސާ ބެހުން ހިމެނޭ ގޮތުން ޒަކާތާ ބެހޭ ގައުމީ ސިޔާސަތު ދެން ކަނޑައަޅާނީ އިސްލާމިކް މިނިސްޓަރުގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާއެވެ. އަދި ދިވެހިރާއްޖޭގެ ޒަކާތުގެ ނިޒާމު ހިންގައި ބެލެހެއްޓުމުގައި މިނިސްޓަރަށާ، ޒަކާތު ހައުސްއަށް ލަފާ ދިނުމަށާ، އެ ނިޒާމުގެ ހިންގުން ވިލަރެސްކުރުމަށްޓަކައި "ޒަކާތު ކައުންސިލް" ގެ ނަމުގައި ކައުންސިލެއް ރައީސުލްޖުމްހޫރިއްޔާ އެކުލަވާލަންވާނެކަމަށް މި ގާނޫނުގައި ބަޔާންކޮށްފައިވެއެވެ.
ދިވެހިރާއްޖޭގެ ޒަކާތުގެ ނިޒާމު އެކުލަވައިލައި ހިންގުމާގުޅޭ ކަންކަމުގައި ޤާނޫނު ތަންފީޒުކުރާ ފަރާތްތަކަށް ޝަރުޢީ ލަފަޔާއި އިރުޝާދު ދޭނީ ރަސް އެކުލަވާލާ ޝަރީއާ އެޑްވައިޒަރީ ކޮމިޓީއަކުންނެވެ.
