މޯލްޑިވްސް ޒަކާތު ހައުސްއިން އިންތިޒާމުކޮށްގެން ބާއްވާ ބައިނަލްއަގްވާމީ ޒަކާތު ކޮންފަރެންސް، "އިންޓަނޭޝަނަލް ޒަކާތު ކޮންފަރެންސް (އިންޒެކް) 2026" ގެ ޕްލެޓިނަމް ސްޕޮންސަރެއްގެ ގޮތުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަނެއްކާވެސް ހަމަޖެހިއްޖެއެވެ. ގައުމީ ބޭންކް، ބީއެމްއެލަކީ މީގެ ކުރިން ބޭއްވުނު އިންޒެކް 2025ގެ ވެސް ޕްލެޓިނަމް ސްޕޮންސަރެވެ.
މޯލްޑިވްސް ޒަކާތު ހައުސްގެ މަސައްކަތްތަކުގައި އަބަދުވެސް މުހިންމު ބައިވެރިއެއްގެ ގޮތުގައި ފާހަގަކުރެވޭ ބީއެމްއެލުން ވަނީ ރާއްޖޭގައި ޒަކާތާ ގުޅުންހުރި ގިނަގުނަ މުހިންމު ކަންކަމަށް އަބަދުވެސް ބޮޑު އެއްބާރުލުމެއް ދީފައެވެ. އެގޮތުން ފިތުރު ޒަކާތް ފަސޭހަކަމާއެކު ބަލައިގަތުމުގެ އިންތިޒާމުތައް ހަމަޖައްސައިދިނުމާއި، އާންމު ރައްޔިތުންނަށް ފަސޭހައިން ލިބެން ހުންނަ ޑިޖިޓަލް އަދި އޮންލައިން ބޭންކިން ހިދުމަތްތައް މެދުވެރިކޮށް ޒަކާތުގެ މަތިވެރި ވާޖިބު އަދާކުރުމަށް މަގުފަހިކޮށްދިނުން ހިމެނެއެވެ.
މި ދެމެހެއްޓެނިވި ގުޅުމަކީ އިޖުތިމާއީ ރައްކާތެރިކަމާއި، މާލީ ދާއިރާގައި އެންމެންގެ ބައިވެރިވުން (ފައިނޭންޝަލް އިންކްލޫޝަން) އިތުރުކުރުމަށާއި، ރާއްޖޭގައި ޒަކާތް ބަލައިގަތުމާއި ބެހުމުގެ ނިޒާމު އިތުރަށް ހަރުދަނާކުރުމަށް ކުރެވޭ މަސައްކަތްތަކަށް ބީއެމްއެލުން ދޭ ޚާއްސަ އަހައްމިއްޔަތުކަން ރަމްޒުކޮށްދޭ އަލިގަދަ ހެއްކެކެވެ.
ޒަކާތާ ގުޅުންހުރި ޒަމާނީ މައްސަލަތަކާއި، އެ ދާއިރާއިން ކުރިއަށްދާން ހުރި ފުރުސަތުތަކާ މެދު ފުޅާ ދާއިރާއެއްގައި މަޝްވަރާކުރުމަށްޓަކައި ބައިނަލްއަގްވާމީ ފެންވަރުގެ އިލްމުވެރިންނާއި، މާހިރުންނާއި، ސިޔާސަތު ކަނޑައަޅާ ފަރާތްތަކުގެ އިތުރުން މި ދާއިރާގެ ޢަމަލީ މަސައްކަތްތެރިން އެއް ތަނަކަށް ޖަމާކޮށްދޭ މި މުހިންމު ކޮންފަރެންސަށް ބީއެމްއެލުން ދެމުންގެންދާ އެއްބާރުލުމާއި އެހީތެރިކަން ފާހަގަކޮށް، ޒަކާތު ހައުސްއިން ވަނީ އެ ބޭންކަށް އިހްލާސްތެރި ޝުކުރު އަދާކޮށްފައެވެ.
އިންޒެކް 2026 އަކީ މޯލްޑިވްސް ޒަކާތު ހައުސްއިން ސިލްސިލާކޮށް ބާއްވަމުން އަންނަ މިފަދަ ތިންވަނަ ކޮންފަރެންސެވެ. މިއީ އިސްލާމިކް ސޯޝަލް ފައިނޭންސްގެ ދާއިރާ ހަރުދަނާކުރުމަށާއި، އިޖުތިމާއީ އަދި އިގްތިސާދީ ގޮތުން ދިމާވާ އެކިއެކި ގޮންޖެހުންތަކަށް ހައްލު ހޯދުމުގައި އިސްލާމީ މާލީ ނިޒާމުގެ ދައުރާ ގުޅޭގޮތުން އިލްމު ޙިއްސާކުރުމަށާއި ފުޅާ ދާއިރާއެއްގައި މަޝްވަރާކުރުމަށް ރާއްޖޭގައި ފަހިވެގެންދާ އެންމެ މުހިންމު އެއް ބައިނަލްއަގްވާމީ މަންސައެވެ.
