މުދަލު ޒަކާތުގެ ގޮތުގައި ލިބުނު ފައިސާގެ އަދަދު ރެކޯޑް މިންވަރަކަށް އިތުރުވެ، ނިމިދިޔަ ޖޫން މަހުގެ ތެރޭގައި އެކަނިވެސް ފަގީރުންނާއި މިސްކީނުންނަށް 16 މިލިއަނަށްވުރެ ގިނަ ރުފިޔާ މޯލްޑިވްސް ޒަކާތު ހައުސްއިން ދޫކޮށްފިއެވެ.

ޒަކާތު ހައުސްއިން އާންމުކޮށްފައިވާ 2026ވަނަ އަހަރުގެ ޖޫން މަހުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، އެ މަހު މުދަލު ޒަކާތުގެ ގޮތުގައި ޖުމްލަ 21,298,021.15 (އެކާވީސް މިލިއަން ދެލައްކަ ނުވަދިހަ އަށްހާސް އެކާވީސް ރުފިޔާ ފަނަރަ ލާރި) ލިބިފައިވެއެވެ. މިއީ 2025ވަނަ އަހަރުގެ ޖޫން މަހު ލިބުނު 10,644,218.55 ރުފިޔާއާ އަޅާބަލާއިރު 100 ޕަސެންޓްގެ ބޮޑު އިތުރުވުމެކެވެ.

ޖޫން މަހު މުދަލު ޒަކާތުގެ ގޮތުގައި ލިބުނު ފައިސާގެ ތަފްސީލު

ތަފާސްހިސާބުތައް އިތުރަށް ތަފްސީލުކޮށްދެމުން ޒަކާތު ހައުސްއިން ބުނީ، މިއަހަރުގެ ދެވަނަ ކުއާޓަރުގައި (އޭޕްރީލުން ޖޫންއަށް) މުދަލު ޒަކާތުގެ ގޮތުގައި 34.40 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބުނު 26.73 މިލިއަން ރުފިޔާއާ އަޅާބަލާއިރު 28.73 ޕަސެންޓްގެ ކުރިއެރުމެކެވެ. އަދި 2026ވަނަ އަހަރުގެ ފުރަތަމަ ހަ މަސްދުވަހުގެ ތެރޭގައި މުދަލު ޒަކާތުގެ ގޮތުގައި ޖުމްލަ 79.73 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މިއީ 2025ވަނަ އަހަރުގެ އެ މުއްދަތުގައި ލިބުނު 61.58 މިލިއަން ރުފިޔާއާ އަޅާބަލާއިރު 29.48 ޕަސެންޓްގެ އިތުރުވުމެކެވެ.

ޖޫން މަހު މުދަލު ޒަކާތުގެ ތަފާސް ހިސާބު

ޒަކާތުގެ ގޮތުގައި ލިބުނު ފައިސާ ބެހުމުގެ މަސައްކަތުގެ ތެރެއިން، ޖޫން މަހުގެ ތެރޭގައި ޒަކާތުގެ ބެހެނިވެރިންގެ އެކި ދާއިރާތަކަށް ޖުމްލަ 18,824,537.13 ރުފިޔާ ޒަކާތު ހައުސްއިން ވަނީ ދޫކޮށްފައެވެ. މީގެ ތެރެއިން އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ ފަގީރުންނާއި މިސްކީނުންގެ ދާއިރާއަށެވެ. އެގޮތުން އެ ދާއިރާއަށް ޖުމްލަ 16,995,735.75 ރުފިޔާ ހޭދަކޮށްފައިވާކަމަށް އެ އިދާރާގެ ތަފާސްހިސާބުތަކުން ދައްކައެވެ.